ވަޒީފާ އަދާ ކުރުމުގެ ތެރޭގައި މުވައްޒަފުގެ ސީދާ އިހުމާލެއް ނެތި ލިބޭ އަނިޔާގެ ބަދަލު ވަޒީފާދޭ ފަރާތުން، އެ ގެއްލުން ލިބުނު މީހާއަށް ދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ ހުސައިން މިހެން ވިދާޅުވީ އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށްޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން، ކާޕެޓް ރޯލެއް އެމީހާގެ ގައިމައްޗަށް ވެއްޓި ސީރިއަސް ޒަހަމްތައްވި މީހަކަށް ފަރުވާދެމުން އަންނަ މައްސަލައާ ގުޅިގެންނެވެ.

މިހާދިސާއާ ގުޅިގެން އެމްޕީްއެލްއިން ވަނީ ތަހުގީގެއްވެސް ފަށައިފައެވެ.

އެ ހާދިސާއާ ގުޅިގެން އެމްޕީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭ ވިޔަފާރި ބަނދަރުގައި އިއްޔެރޭ ދަންވަރުގެ ވަގުތެއްގައި ހިނގި ހާދިސާއެއްގައި، "މިނާ އިންވެސްޓްމަންޓް" ކްލިއަރަންސް ގުރޫޕްގެ މަޖޫރީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން، އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ތަހުގީގު ފަށާފައިވާ ކަމަށާއި އެގޮތުން، ހާދިސާގެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި އެ ހާދިސާއާ ގުޅުން ހުރި އޮޕަރޭޝަންގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރުމަށް ކޮމެޓީން ނިންމާފައިވާކަމަށް އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޕީއެލުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ޒިންމާ ވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގަވައިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

ޓާފް ރޯލެއް ދަށުވެ ޒަހަމް ވެފައިވަނީ 28 އަހަރުގެ ދިވެއްސެކެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާ ލިބުނު މީހާގެ ދެފައި އިރައިގެން ގޮސްފައިވާ ކަމަށާއި މޫނުމައްޗަށް އަނިޔާވެ، އަނގައިން ލޭ އައިސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.