މާދަމާއިން ފެށިގެން މުއްދަތެއް ނެތް ގޮތަށް މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުކުރަން ނިންމައިފިއެެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާދަމާއިން ފެށިގެން ހުރިހާ ދުވަހެއްގައިވެސް ޓިކެޓް އޮފީސް ބަންދުވާނެ ކަމަށާއި ޓިކެޓު އޮފީސް ބަންދުކުރި ނަމަވެސް މޯލްޑިވިއަންގެ އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވިއަނުން ބުނީ ކޯލް ސެންޓަރު އަދި ވައިބާ ޕްލެޓްފޯމުގެ ހިދުމަތަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް ލިބޭނީ ހެނދުނު 9:00 އަކުން ހަވީރު 5:00 އަށް ކަމަށެވެ.

ހުކުރު ދުވަސްތަކުގައި ކޯލް ސެންޓަރުގެ ހިދުމަތާއި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް ނުލިބޭނެއެވެ.

މޯލްޑިވިއަންގެ ހިދުމަތްތަކަށް ބަދަލުތައް ގެނެސްފައިވާ އިރު، ފަހަކަށް އައިސް މާލޭ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް ވަނީ އިތުރުވެފައެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.