(01 ފެބުރުއަރީގެ އަދަދާ ގުޅޭ)
سعد އައްސޭރިޔަށް ވަޑައިގެން ދޮންވެލިގަނޑުގެ މަތީގައި އޮށޯވެވަޑައިގެންފިއެވެ. އަނދިރީގެ ތެރޭގައި އިރުކޮޅެއްވަންދެން ދެލޯފުޅު ބޮޑުކުރައްވައިގެން ވަށައިގެން ހޯއްދެވުމަށްފަހު ހަތަރު އަގުނު ޖައްސަވައިގެން ފިރުކިވަޑައިގެންފައި ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ދޮންވެލިގަނޑުމަތީގައި އިރުކޮޅަކު ފިރުކިވަޑައިގެންނެވުމަށްފަހު އޭނާ ހުންނެވީ ހިލަ އާނުގަނޑެއްގެ ކައިރީގައެވެ. އޭނާއަށް އެހިލައިގެ މައްޗަށް އަރައިވަޑައިގެންނެވޭނެ ދިމާއެއް ފެނިވަޑައެއް ނުގެންނެވިއެވެ. ކިއްލާއާވީދިމާ ރައްކާތެރި ނޫންކަމުގައި ފެނިވަޑައިގަންނަވާތީ އޭނާ އާނުގަނޑުގެ ކައިރީން ލައްވައިފައި މަޑުމަޑުން ވަޑައިގެންނެވީ ހުޅަނގުފަރާތަށެވެ. އޭނާ އެއްދިމާޔަކަށް ހުއްޓިވަޑައިގެން ހިލައިގެ މައްޗަށް އަރައިވަޑައިގަންނަވާން ގަސްދުކުރެއްވިތަނާ އޭނާގެ ކަނާތްޕުޅު ފަރާތުން ކޮންމެވެސް އެއްޗެއް ފެނިވަޑައިގެންފިއެވެ. އޭނާގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. އޭނާ ތުރުކަހުން ދުންޏެއް ނަންގަވައިގެން ދުނިދަނޑީގައި ރުވައިލެއްވިއެވެ. އެއަށްފަހު މަޑުމަޑުން ފިރުކިވަޑައިގެންފައި ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. سعد އަށް ފެނިވަޑައިގެންނެވި އެއްޗަކީ ނަވެއްގެ ބައްތެއްޔެކެވެ. އެބައްތެލި ހުރީ ދޮންވެލިގަނޑަށް ތަންކޮޅެއް މައްޗަށް އެހެލައިފައެވެ. މަރުވެފައިތިބި ބައެއްގެ ހަށިތައް އެ ބައްތެލީގެ ވަށައިގެން ވިހުރުވިފައި ހުއްޓެވެ. އެބައްތެއްޔަކީ އަންދައިލެވުނު ނައުފަހަރުގެ ތެރެއިން ނަވެއްގެ ކޮންމެވެސް ބައެއްގެ އެންމެފަހުގެ ޙިމާޔަތްކަން ވިސްނައިވަޑައިގަންނަވާކަށް سعد އަށް އުނދަގޫފުޅެއް ނުވިއެވެ. މަރުވެފައިތިބި މީހުންގެ ޤާތިލުން ކަމުގައިވާނީ މުސްލިމުންނާ ޙަމަލަދިން ދުޝްމިނުންނެވެ. ދުޝްމިނުން އެތައްހިސާބެއްގެ ދުރުން ފެށިގެން އައްސޭރިފަށް ބަލަހައްޓަމުން ގެންދާކަންވެސް އޭނާއަށް ވިސްނިވަޑައިގެންފިއެވެ. އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު އޭނާ ހިލަމައްޗަށް އަރައިވަޑައިގެންނެވުމުގެ ޚިޔާލު ދޫކޮށްލައްވައިފިއެވެ. ގޮނޑުދޮށުން އަދިވެސް ތަންކޮޅެއް ދުރަށް ހުޅަނގުފަރާތަށް ވަޑައިގަންނަވާން ގަސްދު ކުރައްވައިފިއެވެ.
سعد ތެދުވެވަޑައިގަންނަވާން ގަސްދުކުރެއްވިތަނާ ދޮންވެލިގަނޑުގެ މަތީން ކޮންމެވެސް އެއްޗެއް ޙަރަކާތްތެރިވާތަން ފެނިވަޑައިގެންފިއެވެ. އެއީ ކޮންމެވެސް މީހެކެވެ. އޭނާ ހަތަރެސްފައިޖަހައިފައި ފިރުކެމުން އަންނަނީ މިދިމާޔަށެވެ. سعد މަރުވެފައިއޮތް މީހެއްގެ ހަށިގަނޑުގެ ނިވަލަށް ޖެހިވަޑައިގެން އޭނާގެ ދުނިއަމާޒުކޮށްލެއްވިއެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާގެ ކުށްހީފުޅު ދުރުވެއްޖެއެވެ. އެމީހަކު މަޑުމަޑުން ފިރުކިފައިދަނީ ބައްތެއްޔާ ދިމާޔަށެވެ. އެމީހާ ބައްތެލި ކައިރިޔަށްގޮސް ވަށައިގެން ހޯދައިލިއެވެ. އެމީހަކު ތެދުވެ ބައްތެލި މޫދަށް ކޮއްޕައިލެވޭތޯ ބާރުލާން ފަށައިފިއެވެ. ބައްތެލިހުރީ މޫދާ ތަންކޮޅެއް ދުރުގައި ވެލިގަނޑުގައި ވަރަށްބޮޑަށް ހަރުލައިފައެވެ. އެބައްތެލި މޫދަށްލުމަކީ އެކަނި އެކަކަށް ކުރެވޭނެކަމެއް ނޫނެވެ. އެމީހާ އިރުކޮޅަކު މަސައްކަތްކުރުމަށްފަހު މާޔޫސުވެގެން އިށީނދެއްޖެއެވެ. އިރުކޮޅަކުން ރާޅެއް އައުމުން އަވަސްއަވަހަށް ތެދުވެ އަނެއްކާވެސް ބައްތެލި ބޭލޭތޯ މަސައްކަތްކުރިއެވެ. އެރާޅަކީ ވަރަށް ކުޑަކުޑަ ރާޅެކެވެ. އެހެންކަމުން އޭނާ އެމަސައްކަތް ކާމިޔާބެއް ނުވިއެވެ.
ކުއްލިޔަކަށް ހިލަ އާނުގަނޑުގެމަތީން މީހެއްގެ އަޑު އިވިއްޖެއެވެ. ބައްތެލި ބައިލަންއުޅުނު މީހާ އަވަސްއަވަހަށް ބައްތެލީގެ ބިއްދޮށުގައި އޮށޯވެލައިފިއެވެ. އެވަގުތު ބަރުބަރީބަހުން މީހަކު ބުނާ އަޑުއިވުނެވެ. "އަހަރެމެން މިއައީ ވަރަށް ދުރަށް ހޯދައިފައި. އަހަންނަށް ހީވަނީ އޭނާ ފިލައި އިންނާނީ މިތާކައިރި ހިސާބެއްގައިހެން. އަހަރެމެން އެންމެ މީހަކާހުރެ މާބޮޑަށް ކަންބޮޑުވާނެކަމެއްނެތް. މިއަދު އަހަރެމެންނަށް ހިތްފުރޭވަރަށް ޝިކާރަކުރެވިއްޖެ."
އެހެންމީހަކު ބުނާ އަޑު އިވުނެވެ. "އެކަމަކު އެކަލޭގެ އަހަރެމެންގެ ތިންމީހުން ޤަތުލުކޮށްލައިފި. އޭނާ ބައްތެލީގެ ތެރޭގައި ފިލައި އިންނާނެކަން ވިސްނުނުނަމަ ކިހައި ރަނގަޅު. އޭނާ ކުއްލިޔަކަށް ސިންގާއެއްހެން ފުންމައިގެންއައިސް އަހަރެމެންގެ ތިންމީހުން ޤަތުލުކޮށްފައި އަނދިރީގެ ތެރެޔަށް ޣާއިބުވެއްޖެ."
އިތުރު އެހެންމީހެއްގެ އަޑު އިވިއްޖެއެވެ. "ދެން ހަޅޭއްލެވުމުގެ ފައިދާއެއް ނެތް. އޭނާއަކަށް ސަލާމަތްވެގެންނެއް ނުދެވޭނެ. އެއީ ކަނޑުމަހެއް ނޫން. އަހަރެމެން މާދަމާ ހެނދުނު އޭނާ ހޯދާނަން. މިތާނގައި ދެމީހަކު މަޑުކޮށްލާ. އޭނާ ބައްތެއްޔާ ދިމާޔަށް އައުމަކީ އެކަށީގެންވާ ކަމެއް."
އިރުކޮޅެއްކޮށްލައިފައި އަނެއްކާވެސް މީހެއްގެ އަޑު އިވިއްޖެއެވެ. "މި ބައްތެލިވެސް އެވެރީންގެ ނައުފަހަރު ދިޔަމަގުން ފޮނުވައިލުން ރަނގަޅެއް ނުވާނެތަ؟"
ތަންކޮޅެއް ދުރުން މީހަކު ބުނެލިއެވެ. "ނޫން. އަހަރެމެން ތިޔަހަރީ ބައްތެލި ދޮންވެލިގަނޑު މައްޗަށް ގެނެސްފައި. އެކަނި އެކަކަށް ތިޔަ ބައްތެލި ކޮއްޕައި މޫދަކަށް ނުލެވޭނެ. އޭނާ އެކަން ކުރާންއުޅޭނަމަ ހުންނާނީ ތިޔަބައިމީހުންގެ ތީރުތަކުގެ އަމާޒުފަތްގަނޑަކަށް. ތިޔަބައިމީހުން ހުސިޔާރުވާތި. އޭނާއަކީ ދުޝްމިނުންގެ އަރުމާދުގެ أميـر ކަމަށްވެސް ވެދާނެ."
ހިލައިގެ މަތީގައިތިބީ އެންމެ ދެމީހުންކަން سعد އަށް ޔަގީންވެވަޑައިގެންނެވުމުން އޭނާ ތެތް ދޮންވެލިމުށެއް ނަންގަވައިފައި ބައްތެއްޔާ ދިމާޔަށް އުއްކަވައިލެއްވިއެވެ. ބައްތެލީގެ ބިއްދޮށުގައި އޮށޯވެއޮތްމީހާ ބޯހިއްލައިފައި އެކިފަރާތްފަރާތް ހޯދާން ފަށައިފިއެވެ. سعد މަޑުމަޑުން ޢަރަބިބަހުން ވިދާޅުވިއެވެ. ކަންބޮޑުނުވޭ އަހަންނަކީ ކަލޭގެ ރަޙުމަތްތެރިޔެއް. ކަލޭ ތިޔަތާ މަޑުކޮށްލާ. އަހަރެން ކަލޭގެ ކައިރިޔަށް މިދަނީ."
سعد މަޑުމަޑުން ބިންމަތީގައި ދެމިވަޑައިގަންނަވަމުން ބައްތެލި ކައިރިޔަށް ވަޑައިގެންފިއެވެ. "އަޅުގަނޑު އައީ ސަބުތާއިން މި ކިއްލާއަށް ފޯރުމާލު ހިފައިގެން އައި ނަވުން."
އެކާކުކަން ނޭނގޭ މީހާ ޢަރަބިބަހުން ސުވާލު ކުރިއެވެ. "މިހާރު އެ ނައު ކޮބާ؟"
"މިތާނގައި ނުރައްކަލެއް އުޅޭކަން އެނގުމުން އަނބުރައި ހިނގައްޖެ. ނަވުގެ ކެޕްޓަން އަޅުގަނޑު ބައްތެއްޔެއްގައި އެއްގަމަށް ފޮނުވައިދިނީ. މިހާރު އަޅުގަނޑަށް މަގުދައްކަވަންވީ ކަލާ!"
އެމީހާ ބައްތެލީގެ ބިއްދޮށުން ލައިފައި ބިންމަތީގައި ދެމެމުން سعد ގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ ބުންޏެވެ. "ކަލާއަކީ އަޅުގަނޑުމެންގެ އެކުވެރިޔަކު ކަމުގައިވާނަމަ ނައު ދޫކޮށްލައްވައިފައި މިތަނަށް ވަޑައިގެންނެވިކަމީ ވަރަށް ދެރަކަމެއް. އިރުކޮޅެއްގެފަހުން ފަޖުރުލައި އަލިވާއިރު ކޮންމެ ހިލައެއްގެ ފަހަތުގައި ދުޝްމިނުންގެ ތީރުވެރިޔަކު ހުއްޓައި ފެނިވަޑައިގަންނަވާނެ."
سعد ވިދާޅުވިއެވެ. "ފަޖުރުލައި އަލިވުމުގެ ކުރީން އަޅުގަނޑުމެންނަށް ވަރަށްގިނަ ގޮތްތައް ވިސްނިދާނެ."
ކާކުކަން ނޭނގޭމީހާ ޖަވާބު ދިނެވެ. ހީވާގޮތުން އަޅުގަނޑުމެންނަށް ވިސްނައިގަނެވޭނީ ފަތިސްވެ އަލިވުމުން އެމީހުން އަޅުގަނޑުމެން މަރައިލާނީ ކޮންގޮތަކަށްކަން ފެތުނު ނަވުން ސަލާމަތްވެގެން އަޅުގަނޑުމެން އައްސޭރިޔަށް އައިއިރު އެމީހުންތިބީ ފާރަލައިގެން. އަޅުގަނޑުގެ ފަސް އެކުވެރީންގެ ހަށިތައް ދޫކޮށްލައިފައި އައިސް ހިލަ އާނުގެ މައްޗަށް އެރުމުން އަޅުގަނޑަށް އެނގުނީ ދުޝްމިނުންގެ ވަރަށްގިނަ ސިފައިން މިތާނގައި އެބަ ފޯރިމަރާކަން. ދެފަރުބަދައެއްގެ ދޭތެރޭގައިހުރި އަޑިގަނޑެއްގައި އިނދެފައި އެންމެފަހުގެ ސަލާމަތަކީ މިބައްތެލި ކަމުގައި ބަލައިގެން މިއައީ. މިހާރު އެމީހުން އެވަނީ މިތާނގައި ފާރަވެރީންގެ ދެމީހުން ބައިތިއްބައިފައި. މިހާރަކު އަޅުގަނޑުމެންނަކަށް ކުރިޔަކަށްވެސް ފަހަތަކަށްވެސް ދެވޭކަށެއް ނެތް."
سعد ވިދާޅުވިއެވެ. "ބައްލަވާ! އަޅުގަނޑުމެން އެންމެފުރަތަމަ ކުރާންވީ ކަމަކީ އެދެމީހުންގެ ކިބައިން ސަލާމަތްވުން. އަޅުގަނޑު ގޮތެއް ވިސްނައިފިން. ކަލާ ޙަމަލަދެއްވަން ތައްޔާރުވެވަޑައިގަންނަވާ.
"سعد އެހެން ވިދާޅުވެފައި އޭނާގެ ކަނޑި ނަންގަވައިފިއެވެ. އެއަށްފަހު އޮށޯވެވަޑައިގެން އޮންނަވައި ބައްތެއްޔާ ތަންކޮޅެއް ފޭއަށް ޖެހިވަޑައިގެން ޒަޚަމީއަކު ކުކުރާގޮތަށް ކުކުރައިވަޑައިގަންނަވާން ފައްޓަވައިފިއެވެ.
ހިލައިގެ މަތީގައި ތިބި ފާރަވެރީންކުރެ އެކަކު އޭނާގެ އެކުވެރިޔާގެ ގާތުގައި ބުންޏެވެ. "ނިކަން އަޑުއަހައިބަލަ! އެއްގޮލާ އަދިވެސް ފުރާނަ އެބަހުރި."
سعد ކުކުރައިވަޑައިގަންނަވަމުން ބާރު އަޑުފުޅުން ވިދާޅުވިއެވެ. "ފެންފޮދެއްދީ.....! ފެންފޮދެއްދީ!
ފާރަވެރީން ހަޅޭއްލަވައިގަތެވެ. "މަޑުކޮށްލާ ހަމަ މިހާރު ފެންބޯންދޭނަން."
ފާރަވެރީންގެ ދެމީހުން ހިލައިގެ މަތީން ފައިބައިގެން ދުވެފައި އަންނާން ފަށައިފިއެވެ. \
سعد ހަމަހިމޭންވެވަޑައިގެންފިއެވެ. ފާރަވެރީން ކަނޑި އުރައިން ދަމައިގެން ބައްތެލީގެ ވަށައިގެންހުރި ކަށްތައް ފުރޮޅައި، ބަލާންފަށައިފިއެވެ. سعد އާއި އޭނާގެ އެކުވެރިޔާއާ ދެބޭފުޅުން ކުއްލިޔަކަށް ތެދުވެވަޑައިގެން ފާރަވެރީންގެ ދެމީހުނާ ޙަމަލަ ދެއްވައިފިއެވެ. އެސްފިޔަ ޖަހައިލާހައި އިރުކޮޅެއްގެތެރޭގައި އެދެމީހުންގެ ދެހަށިގަނޑު ދޮންވެލިގަނޑުގެ މަތީގައި ތެޅޭންފަށައިފިއެވެ.
سعد އާއި އޭނާގެ އެކުވެރިޔާއާ ދެބޭފުޅުން ފާރަވެރީންގެ ދެމީހުން ޤަތުލުކުރެއްވުމަށްފަހު އިރުކޮޅެއްވަންދެން ވަށައިގެން ހޯއްދަވަ ހޯއްދަވައި ތިއްބެވިއެވެ. ކިއްލާއާ ވީފަރާތުން މީހުން ހަޅޭއްލަވާ އަޑު މަޑުވެއްޖެއެވެ. ކާކުކަންނޭނގޭ މީހާ سعد އާ ސުވާލުކުރިއެވެ. "ދެން ހަދާނީ ކިހިނަކުންތޯ؟"
سعد ވިދާޅުވިއެވެ. "ކަލާ ވަޑައިގަތުމުގެ ކުރީން އަޅުގަނޑު ވިސްނީ ކިއްލާއާ ހަމަޔަށް ދެވުމުގެ އެކަށޭނަކަން އޮތީ ކިހައިވަރަކަށްތޯ. މިހާރު އަޅުގަނޑު ދެކެނީ އަޅުގަނޑަށް ގޮތް ވިދާޅުވެދެއްވާނީ ކަލާކަމަށް."
ކާކުކަން ނޭނގޭ މީހާ ޖަވާބު ދިނެވެ. "އަޅުގަނޑުމެން ދެމީހުންނަށްވެސް ބޭނުންވެފައިވަނީ ޤުދުރަތުގެ މަގުދެއްކެވުން. ދުޝްމިނުން އެވަނީ ހަތަރު ފަރާތުން ކިއްލާ ވަށައިލައިފައި. ކަނޑިންމައަށާއި ކަނޑިންމަ މައްޗަށް އެވަނީ އެބައިމީހުންގެ ނައުފަހަރުން ވެރިވެފައި. ވަށަވަށައިގެން މިހިރަ ފަރުބަދަތަކާއި އުސްތަންތަން އެހެރީ އެބައިމީހުންގެ އަސްވާރުންނާއި ފައިމަތީ ހަނގުރާމަކުރާ މީހުންގެ ބާރުގެ ދަށުގައި. ރޭގަނޑުގެ އަނދިރިކަމުގެ އެހީގައި އަޅުގަނޑުމެންނަށް ކިއްލާއާ ހަމަޔަށް ދެވުނުކަމުގައިވިޔަސް ދުޝްމިނުންގެ ސިފައިން ކިއްލާ ވަށައިލައިގެން ތިއްބައެއް ކިއްލާގެ ދޮރޯއްޓެއް ނުހުޅުވާނެ. އަޅުގަނޑުމެންނަކަށް ކިއްލާޔަކަށް ނުވަދެވޭނެ. އަޅުގަނޑުމެން މިބައްތެލި ބާލައިގެން މިތަނުން ދާން މަސައްކަތް ކުރިކަމުގައިވިޔަސް އިރުއަރާންވާއިރަކަށް މާކަދުރަކަށެއް ނުދެވޭނެ. ބައްތެލި މިތާނގައި ނެތިއްޔާ އެމީހުން އަޅުގަނޑުމެން ހޯދާނެކަން ޔަގީން. ތަންކޮޅެއް ކުރީން އަޅުގަނޑު ވިސްނީ ބައްތެއްޔަށް އަރައިގެން ހުޅަނގުފަރާތަށް ތަންކޮޅެއް ދުރަށްގޮސްފައި ބައްތެލި ލަފައިގެން ސަހަރާއާ ދިމާޔަށް މިސުރާބުޖަހާންކަމަށް. އެކަމަކު މިހާރު އަޅުގަނޑަށް ވިސްނޭގޮތުގައި އެކަންވާނީ ވަރަށް ނުރައްކާތެރި ކަމަކަށް. މިހާރު ހެދޭންއޮތްގޮތަކީ އަޅުގަނޑުމެން ދެކުނުފަރާތަށް ދިޔުން. އަޅުގަނޑުމެންގެ މުޢަސްކަރު ހުންނާނީ މިތަނާ ސާޅީހަކަށް ކޯހުގެ ދުރުގައި. އަޅުގަނޑުމެންނަށް ކޮންމެވެސް ގޮތަކުން އެހިސާބަށް ދެވިއްޖެކަމުގައިވާނަމަ ނުވަތަ ކިއްލާގެ ޚަބަރު މުޢަސްކަރަށް އެންގިއްޖެ ކަމުގައިވާނަމަ ކިއްލާގެ ފާރަވެރީން ސަލާމަތްކުރެވިދާނެ."
سعد ވިދާޅުވިއެވެ. އަވަހަށް ހިންގަވާ. ލަސްނުކުރައްވާ. މިހާރު ފަޖުރުލާން ކައިރިވަނީ."
ކާކުކަން ނޭނގޭ މީހާ އިތުރު އެއްޗެކޭ ނުބުނެއެވެ. سعد ގެ ކުރީގައި ހުރެގެން ހިނގައިގެންފިއެވެ. ތަންކޮޅަކަށްވެސް ނުދެވެނީސް އޭނާ ވަރަށްބޮޑަށް ކޮރުޖަހާކަން سعد އަށް އެނގިވަޑައިގެންފިއެވެ. سعد
ކުރިއަށް ވަޑައިގެން އޭނާގެ މުލައްދަނޑީގައި ހިފަހައްޓަވައިފައި ވިދާޅުވިއެވެ. "ކަލާ ތިޔަ ހުންނެވީ ޒަޚަމުވެވަޑައިގެންފައިތޯ؟"
އެމީހާ ޖަވާބު ދިނެވެ. "އަނދަމުންދިޔަ ނަވުން އަޅުގަނޑު ފޭބިވަގުތު ދުޝްމިނަކު ފޮނުވައިލި ތީރެއް އަޅުގަނޑުގެ ކުޑަކަޅުވާމަހަށް ހެރުނީ. އަޅުގަނޑުގެ އެކުވެރިޔަކު އެތީރު ލުހެލައިފި. އެކަމަކު މިހާރު ވަރަށް ތަދުވޭ. ތަންކޮޅަކަށް ހިނގުނީމާ ރަނގަޅުވެދާނެ."
سعد ހިލަ އާނާ ކައިރިޔަށް ވަޑައިގެންފައި އޭނާގެ އެކުވެރިޔާ އެތާނގައި މަޑުކުރުއްވައިފިއެވެ. سعد އާނުގަނޑުގެ މައްޗަށް އަރައިވަޑައިގެން ވަށައިގެން ހޯއްދަވައިފައި އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ހިންގަވާ!" ގާތްގަނޑަކަށް ދޮޅުމޭލަށް ހިންގެވުނުއިރު سعد ގެ އެކުވެރިޔާއަށް ހިންގެވޭލެއް މަޑުކަމުން އޭނާގެ ޒަޚަމަށް ވަރަށްބޮޑަށް ތަދުވާކަން سعد އަށް އެނގިވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން އެމީހާ ހުއްޓިއްޖެއެވެ. އޭނާ سعد ގެ އަރިހުގައި ދަންނަވައިފިއެވެ. "އަޅުގަނޑުގެ ސަބަބުން ކަލާ ނުރައްކަލަކަށް ހުރަހެޅިވަޑައިގެންނެވުމަކީ ރަނގަޅުކަމެއް ނޫން. ދެމީހުންގެ ފުރާނަ ނަގައިލުމަށްވުރެ އެކަކު ސަލާމަތްވުން ރަނގަޅު. ލަޝްކަރުގެ أميـر އާ ހަމަޔަށް ކަލާއަށް ވަޑައިގެންނެވި ކިއްލާގެ ފާރަވެރީން ސަލާމަތްކުރެވުމަކީ އެކަށީގެންވާ ކަމެއް!"
سعد ވިދާޅުވިއެވެ. "ކަލާ މާތް اللّـه އަށް ވަކީލުކުރައްވާ. އަޅުގަނޑުމެންނަށް މާދުރަށް ހިނގުމުގެ އުނދަގޫ އުފުލާން ނުޖެހުމަކީވެސް އެކަށީގެންވާކަމެއް."
ކޮންމެއަކަސް سعد ގެ ހިތްވަރުދެއްވުމުގެ ސަބަބުން އޭނާގެ އެކުވެރިޔާގެ ހިތްވަރު އާވެއްޖެއެވެ. އޭނާގެ ފަޔަށް ލިބެމުންދާ ވޭނާއެކުވެސް ފުރިހަމަ ބާރާއެކު سعد އާ ބައިވެރިވާން ފަށައިފިއެވެ. ފަތިހަށް ދޮންކުރާން ފަށައިފިއެވެ. ބައިމޭލެއްހައިތަނަށް ކުރިޔަށް ވަޑައިގެންނެވުނުތަނާ سعد އަށާއި އޭނާގެ އެކުވެރިޔާއަށް އެބޭފުޅުންގެ ވާތްޕުޅު ފަރާތުން ދުޝްމިނުންގެ ބޮޑު މުޢަސްކަރު ފެނިވަޑައިގެންފިއެވެ. سعد އެބައިމީހުންގެ ލޯމަތީން ސަލާމަތްވެވަޑައިގެންނެވުމަށްޓަކައި ކަނާތްޕުޅު ފަރާތަށް އަނބުރައިލައްވައިފައި ފަރުބަދަތަކާއި ހިލަތަކުގެ އަޑިގުޑަން މަގުތަކުން ހިންގަވާން ފައްޓަވައިފިއެވެ. އިރުގެ އަލިކަން ފާޅުވަމުންދާ ވަރަކަށް ބޭއިޚުތިޔާރުގައިވެސް އެބޭފުޅުންގެ ހިންގެވުން ދިޔައީ ބާރުވަމުންނެވެ. سعد ފަހަތަށް އެނބުރިވަޑައިގެން އޭނާގެ އެކުވެރިޔާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެމީހާގެ އިސްކޮޅާއި ރޫފައާއި ބުރުސޫރައިގައިވަނީ ނިހާޔަތުގެ ހިތްގައިމު ކަމެކެވެ.
އޭނާގެ ކަސްރަތީ ހަށިގަނޑާއި އަލިމުށިކުލައިގެ ހަންގަނޑާއި ތޫނުކަމާއި ވިސްނުންތެރިކަން ފާޅުވާ ދެލޯ ފެނިވަޑައިގެންނެވުމުން سعد ގެ ހިތްޕުޅަށް އަސަރު ނުކޮށެއް ނުދިޔައެވެ. سعد ވިދާޅުވިއެވެ. "ކަލާ ތިޔަ އުފުއްލަވާ އުނދަގޫފުޅު އަޅުގަނޑަށް އިޙުސާސުވޭ. އަޅުގަނޑަށް ޔަގީން. ދެން ވަރަށް ކުޑަތަންކޮޅަކަށް ދެވޭއިރަށް އަޅުގަނޑުމެންނަށް ނުރައްކަލުން ބޭރުވެވިދާނެ. ދުޝްމިނުން ރޭގައި ތިބީ ކިހައިބޮޑަކަށް ހުސިޔާރުވެގެންތޯ. އެކަމަކު މިހާރު ކިހައި ފަރުވާކުޑަތޯ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު