ކެންސަރު ބަލީގެ ގައުމީ ދަފްތަރެއް އެކުލަވާލައި، ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކެންސަރު ދުވަހުގެ މުނާސަބަތުގައި އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 ޕަސެންޓު މީހުން މަރުވާއިރު އޭގެ ތެރެއިން 17 ޕަސެންޓު މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުންކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިއުމާ ގުޅިގެން އެ އަދަދު މަދުކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކުގެ ތެރެއިން ބައެއް ސެލްތަކަށް އާދަޔާ ހިލާފަށް އަވަސް ގޮތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ހަށިގަނޑުގެ އެއް ގުނަވަނަކަށް ޖެހުނުކަމުގައިވީ ނަމަވެސް އެހެން ގުނަވަންތަކަށް ފެތުރޭ ބައްޔެކެވެ.

ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ކެންސަރު ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ބައްޔަށް ހުށައެޅޭ ކަންތައްތަކާއި ދުރުހެލިވުމަށް ބާރުއަޅައި އަދި ގައުމުތަކުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުމާއެކު މިކަމަށް ކުރެވޭ މަސައްކަތްތަކުގެ އެހީގައި ކެންސަރު ބަލިން މަރުވާ މީހުންގެ އަދަދު މަދުކުރުމުވެ.

މި ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ދުވަހާ ގުޅޭ ޝިއާރެއް ކަނޑައަޅަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "I am and I will" އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ކުރަމުން އަންނަ ފަރާތްތަކާއި އެ ބައްޔައް ފަރުވާކޮށްފައިވާ ފަރާތްތަކަކީ ބަލިޖެހުމުގެ ފުރުސަތު ބޮޑު އަދި ބަލިޖެހުމުން ބޮޑުވަރުވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެޗްޕީއޭގެ ގެ ގައިޑްލައިންތަކަށް އަމަލުކުރުމަކީ ކެންސަރު ބަލީގެ ބަލި މީހުންނާއި އެމީހުންގެ އާއިލާތައް ސަލާމަތްވުމަށް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.