ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
"ރައްޔިތުންނަށް ހިދުމަތްކުރަން އަޅުގަނޑުމެން ނުކުމެ ތިބި އިރު، މިކަމުގައި އަޅުގަނޑަށާއި އަޅުގަނޑުގެ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، މި އިއްޒަތްތެރި މަޖިލީހުންކަން އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަން. އެކަމުގައި އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންނާއި އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުން މި މަޖިލީހުގެ ތަޅުމުގަޔާއި ކޮމިޓީތަކުގައި ކުރައްވާ ބުރަ މަސައްކަތްތަކަށްޓަކައި މަޖިލީހުގެ ހުރިހާ މެންބަރުންނަށާއި މަޖިލީހުގެ އިއްޒަތްތެރި ރައީސަށާއި ނައިބު ރައީސަށް އަދި ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނަށް، ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،"
ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ފޮނުވި 35 ބިލު ތަސްދީގު ކުރައްވާފައިވާނެ ކަމަށެވެ.
ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ހެޔޮވެރިކަމުގެ އުސޫލުން ރާއްޖެ ކުރިއަރުވައި ތަރައްގީކުރުމަށް ބޭނުންވާ އިތުރު ގާނޫނުތަކުގެ ބިލުތައް މިއަހަރުގެ ތެރޭގައިވެސް މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ބިލުތައް ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާ އާއި ފުން ބަހުސްތަކުން މުއްސަނދިކުރައްވައި، މިމަޖިލީހުން ފާސްކޮށްދެއްވާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް މިއަދު ފެށިގެން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރާއެކު މަޖިލީހަށާއި، މަޖިލީހުގެ މެންބަރުންނަށް ކާމިޔާބާއި ކުރިއެރުން އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު