ޝަރުއީ މަރުހަލާ އަވަސްކޮށް އިންސާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށް ސާކިޓް ކޯޓު ތައާރަފުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުމަށް މިއަދު ބޭއްވި ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީގެ ދެ އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދުލު އިންސާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުގެ އިސްލާހުކުރުމަށް މިދިޔަ ދެ އަހަރު ކުރެއްވި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށައިފި ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖު ވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް މިހާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޝަރުއީ މަރުހަލާ އަވަސްކޮށް އިންސާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި ސަރކިޓް ކޯޓް ތައާރަފު ކުރުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ގަސްތު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމަށް ފޮނުވި 35 ބިލު ތަސްދީގު ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ހެޔޮވެރިކަމުގެ އުސޫލުން ރާއްޖެ ކުރިއަރުވައި ތަރައްގީކުރުމަށް ބޭނުންވާ އިތުރު ގާނޫނުތަކުގެ ބިލުތައް ވެސް މިއަހަރުގެ ތެރޭގައިވެސް މަޖިލީހަށް ފޮނުއްވާނެ ކަމަށް ވިދާޅުވިއެވެ.
އެ ބިލުތައް، ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާއާއި ފުން ބަހުސްތަކުން މުއްސަނދިކުރައްވައި، މިމަޖިލީހުން ފާސްކޮށްދެއްވާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު