ގްރޭޓާ މާލެ ގުޅައިލާ ބުރިޖުގެ އަމަލީ މަސައްކަތް ކުރިޔަށް އޮތް ހަ މަސް ތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވ.ެ

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވަނީ ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު ދެ މަޝްރޫއުގެ ތަފްސީލު ދެއްވައިފަ އެވެ.

އެގޮތުން މާލޭގައި މިހާރު ގާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން، ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިދިޔަ އަހަރުވަނީ ނިންމާފައިވާ ކަމަށާއި އެބަނދަރު ގާއިމުކުރުމުގެ އަމަލީ މަސައްކަތް، މި އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ އަމަލީ މަސައްކަތް ވެސް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް ހަދާ 6.7 ކިލޯ މީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މިއީ މާލޭ ސަރަހައްދުގައި ހަދާ ދެވަނަ ބްރިޖެވެ.

ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ބްރިޖު މަޝްރޫއުގެ ކޮންޓުރެކްޓުގައި އަންނަ މަހުގެ ތެރޭގައި ސޮއިކުރެވޭނެ އެވެ. އަދި ބްރިޖު މަޝްރޫއު ބަޔަކާ ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށާއި އެހެންކަމުން ޝެޑިއުލްއާ އެއްގޮތަށްދާނަމަ 2023 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް އިންޑިއާ (އެގްޒިމް ބޭންކު) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފަ އެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.

މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫފް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެކެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެގައުމުގެ ސަރުކާރުން ވަނީ ރުހުން ދީފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ތިލަމާލެ ބްރިޖްގެ މަޝްރޫއަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. ނަމަވެސް މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަޝްރޫއަށް ހިމަނާފައިވަނީ 411 މިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި އެ މަޝްރޫއަށް 469 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.