އައްޑު އަތޮޅުގައި އެލްޑާލީ ވިލެޖެއް ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، އައްޑޫގައި ގާއިމްކުރާ އެލްޑާލީ ވިލެޖަކީ ފަހުރުވެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމަށްޓަކައި މުޅިން އަލަށް ފަށާ މަސައްކަތެއް ކަމަށެވެ.
އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ އެކުދިންނަށް ބޭނުންވާ ތެރަޕީ އާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަނިޔާ ލިބޭ ކޮންމެ މީހަކު އަނިޔާއިން ދުރުކޮށް، ރައްކާތެރި އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަކީ ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރާ ހަވާލުވި އިރު ދައުލަތުގެ ބެލުމުގެ ދަށުން، ވިލިމާލޭ ކުޑަކުދިންގެ ހިޔާގަޔާއި ހުޅުމާލޭ ފިޔަވަތީގައި ވަރަށް ނިކަމެތި ހާލަތެއްގައި ދިރިއުޅެމުން ގެންދިޔަ ކުދިންތަކެއް ތިބި ކަމަށެވެ.
އެގޮތުން އެކުދިން ބެލެހެއްޓުމާ ހަވާލުވެ ތިބި މުވައްޒަފުންގެ ފަރާތުން ބައެއް ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ވެސް ލިބިފައި ހުރުމުން، އެމައްސަލަތައް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެފަދަ ކުދިންނަށް އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް، މިދިޔަ އަހަރު ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން ބ. އޭދަފުށްޓާއި ށ. ފުނަދޫ އަދި ފުވައްލުމަކުގައި ގާއިމުކުރި އަމާން ވެށްޓަށް 51 ކުއްޖަކު މިހާރު ބަދަލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު