ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ނޮން ރެސިޑެންޓް ސަފީރެއް އައްޔަންކުރަން ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ގައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް ގަސްދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ ރާއްޖެ އާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައި ވެސް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ތިމާވެށްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީ ވެސް ރާއްޖޭގެ ހާރިޖީ ގުޅުންތައް އެމައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ހާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ގައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިއާދަކޮށް ބަދަހިކޮށް އާލާކުރުމަށް ކަމަށާއި ކޮވިޑުގެ ދަތިކަމުގައި ވެސް، ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ރައީސް ވިދާޅުވި އެވެ.