މިހާރު ފަށާފައިވާ މަޝްރޫއުތައް ނިމުމުން ރާއްޖޭގެ ތާރީހުގައި ވެސް ތަރައްގީ ނުވާ މިންވަރަށް ކުޅިވަރުގެ ވަސީލަތް ތަރައްގީވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑުގެ ފުރަބަންދުގެ ތެރޭގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"މާލެއާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫއުތައް ފުރިހަމަވެގެންދާއިރު ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރު ވަސީލަތްތައް ތަރައްގީ ނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްގީ ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ބަޔާނުގައި، އުމްރާނީ ގޮތުންނާއި އިގްތިސާދީ ދާއިރާއިން ކުރިއަށް ހުރި މުހިއްމު މަޝްރޫއުތައްވެސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި މި ސަރުކާރުން ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި، މ. ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ހަދާނެ ކަމށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫއުތަކުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދާ ކަމަށެވެ.

އޭގެ ތެރެއިން، 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ސޮއިކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި އިތުރު 2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މާލެ ސަރަހައްދުގައި ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިގްތިސާދަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން، މާލޭގައި މިހާރު އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން، ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، ނިމިފައިވާ ކަމަށާއި، އެބަނދަރު ގާއިމުކުރުމުގެ އަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި، ބްރިޖުން ގުޅައިލުމުގެ އަމަލީ މަސައްކަތް ވެސް، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.