އިގްތިސޯދު އަލުން އާރާސްތު ކުރުމަށް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ކޮވިޑާ ގުޅިގެން ގައުމުގެ ހުރިހާ ކަމެއްހެން ހުއްޓި، ދިރިއުޅުމުގެ އާންމު ހާލަތު ބަދަލުވެ ގައުމުގެ އިގްތިސާދު މިއޮތީ ވަރަށް ފުން ވަޅުގަނޑެއްގެ ތެރޭގައި ކަމަށެވެ.
ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، އިގްތިސާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އެމަނިކުފާނު ވިދާޅުވީ ވީއެންމެ އަވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި އިގްތިސާދު ސިންދަފާތުކޮށް އިގްތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު މި ސިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ޓޫރިސްޓް ހޮޓަލާއި ގެސްޓްހައުސް ހެދުމަށް ރާއްޖޭގެ އެކި ރަށްރަށުން މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ވާނީ ބީލަމަށް ލާފައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޒޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. މިހާރު ތަރައްގީކުރަމުން އަންނަ ރިޒޯޓްތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިޒޯޓެއް މުޅިން އަލަށް ހުޅުވި، 5062 އެނދު މާރުކޭޓަށް ނެރެވޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް [އެކްސްކްލޫސިވިޓީ] މިދިޔަ އަހަރު އުވާލައި މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު ވާނީ އާންމުކޮށް ހުޅުވާލާފައި ކަމަށް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓުކުރާ ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް މިދިޔަ އަހަރު ކަނޑާލައިވާނެ ކަމަށާއި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ހަ ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދީފައި. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު. ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މި މަސައްކަތް ނިމުމުން، މިފްކޯއަށް މަސް ގަނެވޭ މިންވަރު، ދުވާލަކަށް 61 އިންސައްތަ އިތުރުވާނެ. މީގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން،" ރައީސް ވިދާޅުވިއެެވެ.
ޚަބަރު
ޚަބަރު
ޚަބަރު