ރިލީފް ޕެކޭޖުގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު މިހާރު ވަނީ ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން ނިސްބަތުން އިގްތިސޯދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ރާއްޖެ ކަމަށެވެ.
ރާއްްޖޭގެ އިގްތިސާދު ހީނަރުވެގެން ދިޔުމުން މުވައްޒަފުންނަށް މުސާރަ ދިނުމާއި ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި ބިލުތައް ދައްކާނެ ގޮތާމެދު ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ކަންބޮޑުވެ ހާސްވާނެ މިންވަރު އެނގިވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ ހާލަތު އެގޮތަށް ދޫކޮށްލި ނަމަ އަދި އިގްތިސޯދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެހާލަތަށް ދޫކޮށްލި ނަމަ މުޅި ގައުމަށް ކުރިމަތިވާނެ ގެއްލުން އަންދާޒާ ކުރެއްވުނު ކަމަށްވެސް ވިދާޅުވިއެވެ.
"އެ ހާލަތުން އަރައިގަތުމަށް ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށް ވެސް ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރު އަޅުގަނޑުމެންނަށް ފެނުނު. އަޅުގަނޑުމެންގެ ވިސްނުމަކަށްވީ މި ވިޔަފާރިތައް ހަލާކުވިޔަ ނުދީ ހިފަހައްޓައިދިނުން. ވަޒީފާއަށް އަސަރުކުރި މީހުންނަށް، ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުން. އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.
އެގޮތުން، ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑައިލަ ދެއްވިން ކަމަށާއި، ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުުރުން ހައުސިން ލޯނުތަކަށް ލުއި ދީ މަތީ ތައުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަން ޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެ ކަމަށާއި ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް 6 މަސްދުވަސް ފަސްކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު