މާލޭގައި ހެންވޭރުގައި ހުރި ގެއެއްގެ ތެރޭ މިއަދު ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެ، އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހުރި ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ. އަދި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފެއްނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މާރާމާރީގެ މައްސަލަތައް މަދުވުމަށްފަހު އަނެއްކާވެސް މާލޭގައި ވަނީ މާރާމާރީތައް އިތުރުވެފައެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ވަނީ ހަތަރު މާރާމާރީއެއް ވަނީ ހިންގައިފައެވެ. އެ މާރާމާރީތަކުގައި ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

އެ މާރާމާރީތަކުގައި ތިން ކުޑަ ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.