އަލީ ފާސީރު (ސެންޓޭ) އާއި އަހުމަދު އިމާޒް (އާއްކޮ)ގެ ގޯލުތަކުން ކްލަބު ވެލެންސިއާއިން ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ ޓީސީއާ މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވެ ނުކުތް ފުރަތަމަ މެޗެވެ. ޓީސީން މި ސީޒަނަށް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)އާއެކު ނުކުތް ނަމަވެސް، އޭނާގެ އިސްތިއުފާއާއެކު އަލުން ޓީމު ހަވާލުކުރީ 2018 ވަނަ އަހަރު އެ ކްލަބާއެކު ލީގުގެ ޗެމްޕިއަންކަން ހޯދި ނިޒާމްބެއާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ. ވެލެންސިއާގެ ދެ ހިލޭ ޖެހުމެއް ނުރައްކާކޮށް ފެނިގެން ދިޔަ އިރު، އަލީ އަޝްފާގު (ދަގަނޑޭ)ގެ ހިލޭ ޖެހުން ގޯލް ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށެވެ. ވާތް ފަރާތު އޭރިއާ ކަނު ކައިރިން ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ އަރިމަތިން ބޭރަށް ދިޔަ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމަލާތައް އިތުރުވެގެން ދިޔައެވެ.

ހާފުގެ ކުރީކޮޅުގައި ވެލެންސިއާ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)އަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާއަށް ހުސްކޮށް ލިބުނު ބޯޅަ ވެއްޓި ވެއްޓި އޮވެ ޖެހުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މެޗުގެ 52 ވަނަ މިނެޓުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މެލްކޮމް ސްޓެވާޓްގެ ދެ ހަމަލާއެއް ފުލުފުލުގައި ފެނިގެން ދިޔައެވެ. މެލްކޮމްގެ ފުރަތަމަ ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ދެވަނަ ބޯޅަ މަތަކޮށް ބޭރުކޮށްލީ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ.

އޭގެ އިރުކޮޅެއްފަހުން ވެލެންސިއާ ލީޑު ނެގިއެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޑިފެންޑަރު ހުސައިން ފައިސަލް ދިން ބޯޅައަކުން، އޭރިއާ ބޭރުގައި ހުރެ ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ މަތީ ކަނަށެވެ. އެ ގޯލާއެކު ވެލެންސިއާއިން ރަނގަޅު ފޯމެއްގައި ކުޅެން ފެށިއެވެ. ސޮލާ މުލެޓް ޖެހި ބޯޅައެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، ސެންޓޭގެ ހަމަލާއެއް ޓީސީގެ ގޯލްކީޕަރުވެސް ވަނީ މަތަކޮށްފައެވެ.

މެޗު ނިމެން ފަސްވަރަކަށް މިނެޓަށް ވެފައިވަނިކޮށް، ވެލެންސިއާއިން ލީޑު ފުޅާކުރިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް އަހުމަދު އިމާޒް (އާއްކޮ) އެ ގޯލް ޖެހީ ކޯނަރަކުން މުލެޓް ޖެހި ބޯޅަ ދަނޑީގައި ޖެހިގައި އަނބުރާ ކުޅުމަށް އައުމުން މިދުހަތު ފަހުމީ (ބިޗަޑު) ނަގައިދިން ހުރަހަކުންނެވެ.

ހަތަރު މެޗަށް ފަހު ވެލެންސިއާ ހޯދި ފުރަތަމަ މޮޅާ އެކު އެޓީމު މިހާރު އޮތީ ދެވަނައިގައެވެ. އެޓީމު ދެވަނައަށް އެރީ ކުރިން ދެވަނައިގައި އޮތް ދަ ގްރާންޑޭއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ކުރި ލިބޭތީއެވެ. ދެވަނައިގައި އޮތް ވެލެންސިއާއާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވެސް 15 ޕޮއިންޓް ވަނީ ލިބިފައެވެ. ވެލެންސިއާ އިން ނުވަ މެޗުން 15 ޕޮއިންޓް ހަމަކުރި އިރު، ދަ ގްރާންޑޭ އެ އަދަދަށް ޕޮއިންޓް ހޯދީ އަށް މެޗުންނެވެ.

މިރޭ ދަގްރާންޑޭއިން މާޒިޔާއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން އެއްވަރުވެގެންވެސް ދަގްރާންޑޭއަށް އަނބުރާ ދެވަނައަށް އެރޭނެއެވެ.