ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރު ވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު އަލުން ބަންދުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދޮގު ކުރައްވައިފި އެވެ.
ކޮވިޑުގެ ތިން ވަނަ ރާޅަކާއެކު ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ރާއްޖޭގެ ބޯޑަރު ބަންދު ކުރަން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ އަޑު ފަތުރަމުންނެވެ.
އެކަމާ ގުޅިގެން "ވަން" އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަތުމަށް ޖުލައި 15 ގައި ބޯޑަރުތައް އަލުން ހުޅުވީ އަނދިރީގައި ތިބެގެން ކަމަށެވެ. ނަމަވެސް މިހާރު އަލިވެ، މިދިޔަ ހަ މަހާއި ބައިގެ ތެރޭގައި ކޮވިޑުގެ ތެރޭގައި ވެސް ޓޫރިޒަމް ހިންގޭނެކަން ރާއްޖެއިން ދުނިޔެއަށް މިސާލު ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.
"ބޭރު ގައުމުތަކުގެ ސަރުކާރުތަކުން، ފަތުރުވެރިން، ޓްރެވަލް އެޖެންސީތައް އެބަ ގަބޫލުކުރޭ ކޮވިޑުގެ ތެރޭގައި ރާއްޖެއިން ލާމަސީލު ނަމޫނާ ދައްކާފައިވާކަން. އެކަމުގެ މިސާލެއް ވޯލްޑް ލީޑިން ޑެސްޓިނޭޝަން ރާއްޖެއަށް ލިބުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވެސް ނިސްބަތުން ވަރަށް މަދު ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހު ޓޫރިސްޓުން ޕޮޒިޓިވް ވީ މިންވަރަކީ 0.07 ޕަސެންޓް ކަމަށާއި އެއީ ކޮންމެ ހާހަކުން ހަތް މީހުން ކަމަށެވެ. އަދި މިދިޔަ މަހު 92،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިއިރު، ޕޮޒިޓިވްވީ ކޮންމެ ހާހަކުން އަށް މީހަކު ކަމަށް ވިދާޅުވި އެވެ.
"ބޯޑަރު ބަންދުކުރަން ހިތަށް ވެސް އަރާކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް ކޮޅިގަނޑުން މި ނުކުމެވެނީ. ދެން އޮތީ ބާރަށް ދުއްވާފައި، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލުކުރުން. މިއަހަރު ބޯކޮށް އިންވެސްޓްމަންޓްތައް އަންނަން ފަށާނެ. މުޅި ދުނިޔެއިން ރާއްޖެއަށް އެބަ އިތުބާރު ކުރޭ. ބައެއް ރިސޯޓްތަކުން އެބަ ބުނޭ، މިހާތަނަށް ދިޔަ ދުވަސްތަކަށްވުރެ ކުރިއަށް އޮތް ދުވަސްތައް މާރަނގަޅަށޭ ދައްކަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު ބަންދު ނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް މާލެއިން ކޮވިޑު ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާތީ މައުސޫމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"މާލޭގައި ސީރިއަސް ނަންބަރުތަކެއް އައިސްފި. އެ ނަންބަރުތައް ތިރިކުރަން ޖެހޭ. ތިރިވާނެ. ސަމާލުވާން ޖެހޭނީ. އަދި އާންމު ތިންކަންތައް ކޮށްލީމަ އެ ރައްކާތެރިކަން ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މާލެ ސަރަހައްދުގައި އެކަނިވެސް މިވަގުތު 44 ގެސްޓް ހައުސްއެއް އަންނަނީ ހިންގަމުންނެވެ. އެއީ 1200 އަށްވުރެ ގިނަ އެނދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު