ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުންދިން މައްސަލައިގައި ގިލިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާއި މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ބޮޑުވެ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން ޑޭވިޑް ސްޓެޕެޓިކްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
ގިލިލަންކަންފުށީގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ޓެމީ ގޭން މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި ޑޭވިޑް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޓެމީ ވިދާޅުވީ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުން ޑޭވިޑް އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހަފުތާގައި އޭނާ އެ މަގާމުން އެކަހެރި ކުރުމަށް، ގިލިލަންކަންފުށި ރިސޯޓު ހިންގާ އެޗްޕީއެލް ހޮޓެލް އެންޑް ރިސޯޓު ކުންފުނިން ނޯޓިސް ދިނުމާ ގުޅިގެން ކަމަށެވެ. އެ ނޯޓިސްގައި ބުނެފައިވަނީ ފިނޮޅަށް ގެއްލުންދިން މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ މަގާމުން އެކަހެރިކޮށްފައިވާ ކަމަށެވެ.
ގިލިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކަމަށް ޑޭވިޑް ސްޓެޕެޓިކް އައްޔަންކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ކުރިން އޭނާ ހުރީ ޖުމެއިރާ ދެވަނަފުށީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.
ފިނޮޅުގައި ކޯރު ކަނޑައި ގެއްލުންދިން ސަބަބު ސާފުވެފައި ނުވާއިރު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ރިސޯޓުގެ ބޭނުމަކީ އެ ފިނޮޅަކީ ހިންމަފުށީ މީހުން ޕިކްނިކް ހެދުމަށް ގޮސް އުޅޭ ތަނަކަށް ވުމުން އެތަން ހަލާކުކޮށްލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު