ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް

އެންޑީއެމްއޭގެ ކުރީގެ ސީނިއާ އެކައުންޓްސް އޮފިސަރަށް ފުލެޓް ލިބުމުގެ ފުރުސަތު ގެއްލޭނެ ކަމެއް ނުކުރުމަށް އަމުރުކޮށްފި

އިބްރާހިމް ޒަކީ

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ސީނިއާ އެކައުންޓްސް އޮފިސަރު ކަމުގެ މަގާމަށް މީހަކު އައްޔަން ނުކުރުމަށާއި، އެމަގާމުގައި ކުރިން ހުރި ހަބީބު މުހައްމަދު ވަޒީފާއިން ވަކިކުރި ސަބަބުގެ މައްޗަށް ބިނާކޮށް ހިޔާ މަޝްރޫއުން އޭނާއަށް ފްލެޓް ކަށަވަރު ވުމަށް ލިބިފައިވާ ފުރުސަތު ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.

ޓްރައިބިއުނަލުން އެގޮތަށް އަމުރު ކުރީ، ހަބީބު ވަޒީފާއިން ވަކިކުރި މައްސަލަ އެ ޓްރައިބިއުނަލުން ބަލަމުން އަންނައިރު އެ މައްސަލައަށް މައުލޫއީގޮތުން ގޮތެއް ކަނޑައެޅެންދެންނެވެ.

ޓްރައިބިއުނަލުން ބުނެފައި ވަނީ، ހިޔާ މަޝްރޫއުން ސިވިލްސާވަންޓުނަށް ފުލެޓް ދިނުމަށް އޮންނަ އުސޫލު ބުނާގޮތުން، ފްލެޓަށް ހޮވޭ މުވައްޒަފަށް ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން އެ މުވައްޒަފު ވަޒީފާއިން ވަކިވުން، ނުވަތަ ވަކި ކޮށްފައިވާ އެހިނދުން ފެށިގެން ފުލެޓް ފޯމު ބާތިލް ވާނެ އެވެ.

އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ހަބީބުގެ ފަރާތުން އެދިގެން ކުރި އަމުރެކެވެ.

އޭނާ އެފަދަ އަމުރެއް ނެރެދިނުމަށް ހުށަހެޅީ ހިޔާ މަޝްރޫއުގެ ސިވިލްސާވަންޓުންގެ ކެޓަގަރީން ހަބީބަށް އެންމެ މަތިން މާކުސް ލިބި، ފުލެޓް ލިބޭނެކަމަށް ކަނޑައެޅުނީ އޭނާއަކީ އެ އޮތޯރިޓީގެ މުވައްޒަފަކަށް ވެފައި ވަޒީފާއާ ގުޅުން ހުރި ޝަރުތު ތަކުގެ ސަބަބުން ކަމަށްވާތީ، ވަޒީފާއިން ވަކިކުރި މައްސަލައިގައި އޭނާ އެދިފައިވާ ގޮތަށް ޓްރައިބިއުނަލުން އެ މައްސަލައަށް ގޮތެއް ކަނޑައެޅޭ ހާލަތުގައި، އެ ފުލެޓް އެހެން މުވައްޒަފަކަށް ދީފައިވާނަމަ އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބޭނެ ކަމަށް ބުނެއެވެ.

ހަބީބުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު، ޓްރައިބިއުނަލުން ކުރި އަމުރުގައި ބުނެފައި ވަނީ، ހިޔާ މަޝްރޫއުން ސިވިލްސާވަންޓުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީިން ފުލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ފުލެޓަށް ހޮވޭ ފަރާތްތަކަށް ފުލެޓްގެ ތަޅުދަނޑި ހަވާލު ކުރުގެ ކުރިން ވަޒީފާއިން ވަކިވުން ނުވަތަ ވަކި ކޮށްފިނަމަ އެ ހިނދުން ފެށިގެން އެ މުވައްޒަފެއްގެ ފްލެޓްފޯމު ބާތިލު ވާނެ ކަމަށް ކަމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ކަަށެވެ.

ހަބީބަށް ފްލެޓް ލިބުމަށް ފުރުސަތު ފަހިވެފައި ވަނީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބުނު ފުރުސަތުގެގެ ދަށުން ކަމަށް ވާތީ އާއި އޭނާ ވަޒީފާއިން ވަކި ކުރެވިފައި ވުމުގެ ސަބަބުން އެ ފުރުސަތު ގެއްލިގެން ދިއުމުގެ އިހުތިމާލް އޮތްކަމަށް ބުރަވެވޭތީ އާއި މުވައްފަކަށް މަދުން ނުނީ ލިބި ނުދެވޭ އެފަދަ ހާއްސަ ފުރުސަތެއް، އެކަށީގެންވާ ސަަބަބެއްނެތި ވަޒާީފާއިން ވަކި ވުމުގެ ސަބަބުން ގެއްލިގެން ދިއުމަކީ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއްކަމަށް ބުރަ ވެވޭތީ އެ އަމުރު ނެރުނީކަމަށްވެސް ޓްރައިބިއުނަލުން ބުނެފައި ވެއެވެ.