އައްޑޫމީދޫ ގަނޑުވަރު އައްޝައިޚް ޙުސައިން ތަކުރުފާނު (ގަނޑުވަރު ޙުސައިން ތައްޚާނު) އަކީ މީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތައްޚާނުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަދި އަލްފަޤީހު މޫސާ އެދުރު ތަކުރުފާނުންގެ އެއްބަނޑު ކޮއްކޮއެކެވެ. މީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތައްޚާނާއި މީދޫ ގަނޑުވަރު އައްޝައިޚް ޙުސައިން ތައްޚާނުގެ ބައްޕައަކީ އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު (ބޮޑު ފަނޑިޔާރު ތަކުރުފާނު)ގެ އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ އަލްވަޒީރު އަލްކަބީރު މުޙައްމަދު ބޮޑު ފުތް ތަކުރުފާނުގެ އިބްރާހީމް ނާއިބު ތަކުރުފާނުގެ ޛުލައިޚާ ރަނީންގެ އަލްވަޒީރު އައްޞަޣީރު ޢަލީ އަލްމާހިރުގެ އައިސާބީގެދަރު އައްނާއިބު ދޮން ޙުސައިން ތަކުރުފާނުގެ ގެދަރު ޢަލީ ތަކުރުފާނެވެ.
އައްޝައިޚް ޙުސައިން ތައްޚާނު ކައިވެނި ބެއްލެވީ ދޮންދިޔަގެ ޙައްޥާފާނުއާއެވެ. ލިބުނު ކުދީންނަކީ އައިސާބީގެދަރު އައްޝައިޚް ޢަލީ ތަކުރުފާނު، އާއި އައިސާބީގެދަރު ސަންފާމަނިކެ، އާއި އައިސާބީގެދަރު މަރްޔަމްމަނިކެ، އާއި އައިސާބީގެދަރު ފާޠިމާމަނިކެ (ދޮންމަނިކެ)، އާއި އަލްޤާޟީ މޫސާ ބަދްރުއްދީނު، އާއި އައިސާބީގެދަރު އެޅަމަނިކެ، އާއި އައިސާބީގެދަރު ޙަސަން ތައްޚާނު، އާއި އައިސާބީގެދަރު އައްޝައިޚް އަލްޙާފިޡް އިބްރާހީމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ)އެވެ. އައިސާބީގެދަރު ދޮންބެއްޔާއަކީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އުސްތާޒެވެ.
އައިސާބީގެދަރު އައްޝައިޚް އަލްޙާފިޡް އިބްރާހީމް (އައިސާބީގެދަރު ދޮންބެއްޔާ) ދެ ކައިވެންޏެއް ކުރެއްވިއެވެ. އެއް ކައިވެންޏަކީ މީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތައްޚާނުގެ ދި މީދޫ ގަނޑުވަރު ކުދުރަނާ (ޢާއިޝާމަނިކުފާނު)އާ ކުރެއްވި ކައިވެންޏެވެ. މި ކައިވެނީން ލިބިލެއްވީ އައިސާދަރު ޙުސައިން މަނިކުފާނު، އާއި އައިސާދަރު ކަތްދާމަނިކުފާނު، އާއި އައިސާދަރު މަރްޔަމް މަނިކުފާނެވެ. ދޮންބެއްޔާގެ އަނެއް ކައިވެންޏަކީ މީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތައްޚާނުގެ ދަރިކަލުން މީދޫ ގަނޑުވަރު އަޙްމަދުދީދީގެ ދޮންދީދީއާ ކުރެއްވި ކައިވެންޏެވެ. މި ކައިވެނީން ލިބިލެއްވީ އައިސާދަރު މަރްޔަމްދީދީ، އާއި އައިސާދަރު މުޙައްމަދުދީދީ، އާއި އައިސާދަރު ދަލޭކާދީދީ، އާއި އައިސާދަރު ޙައްޥާދީދީ، އާއި އައިސާދަރު އާމިނަތުދީދީ، އާއި އައިސާދަރު ޙަސަންދީދީ، އައިސާބީގެދަރު ޢަލިދީދީ، އާއި އައްޝައިޚް އަލްޙަކީމް އައިސާދަރު އަޙްމަދުދީދީއެވެ.
ދޮންބެއްޔާގެ ފަހު ބަނޑުގެ ކުދީންގެ ނަމަށް ދީދީ އައިސްފައި ވަނީ، އެ ބޭފުޅުންގެ މަންމާގެ ފަރާތުން ދިޔަމިގިލީ ރަސްދަރިކޮޅަށް ނިސްބަތް ވެވަޑައި ގަންނަވާތީއެވެ. އެހެނީ އެ ބޭފުޅުންގެ މަންމަ ދޮންދީދީއަކީ ދިޔަމިގިލީ ރަސްދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު ދެވަނައިގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ދެވަނައިގެ ދަރިކަލުން އައްސުލްޠާން އަލްޙާއްޖު މުޙައްމަދު ޣިޔާޘުއްދީނު (ޙާޖީ ބަންޑާރައިން/ޝަހީދުކުޅަ ބަންޑާރައިން)ގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ ދަރިކަލުން އައްޑޫމީދޫ ގަނޑުވަރު އަޙްމަދުދީދީގެ ދަރިކަނބަލުން ދޮންދީދީއެވެ.
މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައި ވާ ފަދައިން، އިސްދޫ ރަސްދަރިކޮޅާއި، ދިޔަމިގިލީ ރަސްދަރިކޮޅާއި، އައްޑޫ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅު ވަނީ ޅިޔަންފަހަވެރިކަމުގެ ގޮތުން ވަރަށް ބޮޑަށް ގުޅިލައިމެހިފައެވެ.
އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު (ބޮޑު ފަނޑިޔާރު ތަކުރުފާނު)ގެ އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ކޮރުވަލު ޛުލައިޚާބީގެ އަތިރީ ޙައްޥާބީގެ އަތިރީ ކަމަނާއާ އިސްދޫ ދަރިކޮޅުގެ އަލްވަޒީރު ޙަސަން މާފަތްތަކުރުފާނު (ފާލުކޮށީ އެދުރުތަކުރުފާނު) ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީނެވެ. ހަމަ މި އަތިރީ ކަމަނާއާ އައްސައްޔިދު މުޙައްމަދު ނަޚާ އަލްމަލާބާރީ (ހޮޅިނަޚާ)ގެ ފަސްމަންދޫ އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނު ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ އިބްރާހީމް ބޮޑު ވެލާނާ މަނިކުފާނު، އާއި ޙަސަން ހަކުރާ މަނިކުފާނު، އާއި ފާޠިމާ މާވާކިލެގެފާނެވެ. މި ފާޠިމާ މާވާކިލެގެފާނާ ތަކަންދޫ ޙަސަން ބޮޑު ހަކުރާތަކުރުފާނު ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތީ ޙައްޥާ މަނިކުފާނު، އާއި މަރްޔަމް ކަނބާފާނު، އާއި އާމިނާ ކަނބާފާނު، އާއި ޢާއިޝާ ކަނބާފާނެވެ. މީގެ ތެރެއިން ޢާއިޝާ ކަނބާފާނަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ މަންމާފުޅެވެ.