ކްލަބު ވެލެންސިއާ އަކީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުން އައި ޓީމެއް ކަމަށާއި ކްލަބުގެ ކުޅުން ގޯސްވެ އެކަމާ މާޔޫސްވާ ވަރަށް ކަންކަން އަދި ނުދާ ކަމަށް ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެލެންސިއާ ނުކުންނަ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އާތީ ބުނީ، ތާވަލުގެ ރަނގަޅު ހިސާބެއްގައި ހިފެހެއްޓުމަށް ޓީސީ ކައިރިން ތިން ޕޮއިންޓު ހޯދުން ވަރަށް މުހިންމު ކަމަށެވެ.
ސީޒަނުގެ ފުރަތަމަ ބުރުގައި ވެލެންސިއާ ތާވަލުގެ އެއްވަނާގައި އޮވެ، ރަނގަޅު ފޯމެއްގައި ކުޅެމުން ގޮސް، މިހާރު ތިންވަނައަށް ވެއްޓުމަށް ދިމާވި ސަބަބާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެމުން ކޯޗު އާތީ ބުނީ ވެލެންސިއާއާ މެދު އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށެވެ.
"100 މީޓަރު ރޭހެއްގައި 10 މީޓަރު ނިމޭއިރު އޮންނަ ހިސާބުން އެއީ އަދި އެންމެފަހުގެ ނަތީޖާ ކަމަކަށް ނުބެލެވޭނެ. އެ ހިސާބަށް އަންނައިރު ޓީމު އޮންނަ ހިސާބަކީ އެ ޓީމަކާމެދު ގޮތެއް ނިންމަން ޖެހޭނެ ހިސާބެއް ނޫން. ކޯޗުން ކަމަކު ނުދޭ ކުޅުންތެރިން ކަމަކު ނުދޭ އަދި ކިޔަން ޖެހޭ ހިސާބަކަށް ނުދޭ. ވަރަށް ބޮޑަށް ޔަގީންކުރަން މި ސީޒަނުގައި ވެލެންސިއާ ރަނގަޅު ހިސާބެއްގައި އޮންނާނެ ކަމަށް ލީގު ނިމޭއިރު،" ކުޑަކޮށް ހިތްހަމަ ނުޖެހިހުރެ އާތީ ބުންޏެވެ.
"ކޮށްލަން ބޭނުންވާ ސުވާލަކީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަންތޯ ވެލެންސިއާއަކީ؟" އެ ސުވާލާއެކު ނޫސްވެރިޔާ "ވެލެންސިއާ އައީ ދެވަނަ ޑިވިޝަނުން،" ކަމަށް ބުނުމުން ކޯޗު އާތީ ބުނެފައިވަނީ ވެލެންސިއާއަށް ތިންވަނަ، ދެވަނަ ނޫނީ އެއްވަނައިގައި ނިންމާލަން ޖެހުނަސް އެއީ ރަނގަޅު ހިސާބެއް ކަމަށެވެ. ސީޒަނަށް ފުރަތަމަ ނުކުތީ ފުރަތަމަ ޑިވިޝަނުގައި އޮންނަން ޓާގެޓުކޮށް ނަމަވެސް، ފަހުން ރަނގަޅު ކުޅުންތެރިންނާއެކު ވިސްނީ ތާވަލުގެ މަތިން ރަނގަޅު ހިސާބެއްގައި އޮންނަން ކަމަށް ވެސް އާތީ ފާހަގަކުރިއެވެ.
އާތީ ބުނީ ޓީމަށް ދިމާވާ މައްސަލައަކީ ޓެކްޓިކަލް މައްސަލައެއް ނޫން ކަމަށާއި އެއީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.
"ޓެކްޓިކަލީއެއް ނޫން މައްސަލަތަކެއް މި އަންނަނީ. ޓެކްނިކަލީ މި އަންނަނީ މައްސަލަތަކެއް. 1-0 ގައި އޮށްވާ ޕެނެލްޓީއެއް ލިބި އެކަހަލަ ގޮތަކަށް މިދަނީ. މިއީ ފްލޯއެއް އަސްލު. މި ފްލޯ ބްރޭކް ކޮށްލަން ކުޅުންތެރިންނާއެކު މި މަސައްކަތް ކުރަނީ،" އާތީ ބުންޏެވެ.
ވެލެންސިއާއިން ރަނގަޅަށް ސީޒަން ފަށައި އެއްވަނައަށް ވެސް އަރާފައިވާއިރު، އެ ޓީމުން ތިންވަނައަށް ވެއްޓުނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުހޯދި އޮވެއެވެ. އެ މޮޅު ނުލިބިގެން އުޅޭ ސަބަބާ ގުޅިގެން ސުވާލު ކުރުމުން ހިތްހަމަނުޖެހި ހުރެ އާތީ ބުނެފައިވަނީ ނޫސްވެރިންނަށް ފުޓުބޯޅައިގެ ކަންކަން މިހާރަށްވުރެ ބޮޑަށް އެނގެން ޖެހޭ ކަމަށާއި ކުޅުންތެރިންނަށް ސީޒަނެއްގެ ތެރޭގައި ވަރުބަލިކަމާއި މެޗުގެ ކޮންސަންޓްރޭޝަން ހުރިހާ މެޗެއްގައި އެއް ލެވެލްއެއްގައި ނުހިފެހެއްޓޭނެކަން އެނގޭނެ ކަމަށެވެ.
ވެލެންސިއާ އިން އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، ސަސް އާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުތައް ނިމުނީ އެއްވަރު ވެގެންނެވެ. ބަލިވީ ދަ ގްރާންޑޭ އާއި މާޒިޔާ އަތުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު