ފައިޒާ ވެކްސިންގެ ފުރަތަމަ ސްޓޮކް މިމަހުގެ 26 ވަނަ ދުވަހު މެލޭޝިއާއަށް ލިބޭނެ ކަމަށް އެގައުމުން އިއުލާންކޮށްފިއެވެ.

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން ގަތުމަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެއްބަސްވެފައިވާ އިރު، ވެކްސިންގެ ފުރަތަމަ ސްޓޮކް މިމަހުގެ 26 ވަނަ ދުވަހު ލިބޭނެ ކަމަށް މެލޭޝިއާ އިން ބުނެފައިވެއެވެ.

ފައިޒާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެނައުމަށް ހަމަޖެހިފައިވަނީ ވެކްސިންގެ އެއް މިލިއަން ޑޯޒެވެ. އެއަށްފަހު ބައިބަޔަށް ބަހާލައިގެން ވެކްސިން ގެނައުމަށް އެއްބަސްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މެލޭޝިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ނޫރް ހިޝާމް އަބްދުﷲ ވިދާޅުވީ ފުރަތަމަ ޝިޕްމަންޓް ލިބުމާއެކު ދެހަފުތާއެއްހާ ދުވަސްތެރޭ އެގައުމުގެ އެކި ސަރަހައްދުތަކަށް ފޮނުވައި ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މިދިޔަމަހު މެލޭޝިއާއިން ވަނީ ފައިޒާ ވެކްސިންގެ އިތުރު 12.2 މިލިއަން ޑޯޒް ގަތުމަށްވެސް އެއްބަސްވުމަކަށް އައިސްފައެވެ.

ފައިޒާގެ އިތުރުން މެލޭޝިއާއިން ވަނީ ޗައިނާގެ ސައިނޯވެކް ކުންފުނީގެ ކޮވިޑް ވެކްސިންގެ 18.4 މިލިއަން ޑޯޒް ގަތުމަށްވެސް އެއްބަސްވެފައި ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

މެލޭޝިއާގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެގައުމުން މިހާތަނަށް 219.173 ކޮވިޑް ކޭސް ފެނިފައިވެއެވެ. މެލޭޝިއާއިން މިހާތަނަށް 770 މީހުން ބަލި ޖެހިގެން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.