މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަހަރު ތެރޭ 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ފުޅާކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މި ހިދުމަތަކީ އެއްވެސް ފީއަކާ ނުލައި ބޭންކުން ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ.

ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކޭނެ ނިޒާމް ގާއިމުކުރެވިގެން ދިއުމާއެކު މި ހިދުމަތް ވަނީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ހިދުމަތަކަށް ވެފައެވެ. މިގޮތުން ފާއިތުވި އަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުން ވަނީ 180 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

ކަސްޓަމަރުންނަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތް ހޯދޭނެއެވެ. މި ހިދުމަތަކީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ފޯރުކުރުމަށްޓަކައި 2014 ވަނަ އަހަރު ތައާރަފު ކުރި ހިދުމަތެކެވެ.

ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު ނެގޭނީ 2،000 ރުފިޔާއެވެ. އަދި ޖަމާކުރެވޭނީ 10،000 ރުފިޔާއެވެ.

ބީއެމްއެލުން މިހާރުވެސް އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ފޯރޮކޮށްދެމުންނެވެ.