(30 ޖެނުއަރީގެ އަދަދާ ގުޅޭ)

މިކަމުގައި ބޭބެޔާ އެހީވެދެއްވީ ސަބުތާގެ ފަގީހެކެވެ. އޭނާ ބޭބެ ގޮވައިގެން ސަބުތާގެ ޢާމިލުގެ އަރިހަށް ވަޑައިގެންނެވިއެވެ. ބޭބެއަކީ ރިޟާކާރެއްގެ ހައިސިއްޔަތުން މުރާބިޠީންގެ ލަޝްކަރުގައި ބައިވެރިވާން ބޭނުންވާ މީހެއްކަން އޭނާއަށް ޔަގީންކޮށްއެރުވުނީ ވަރަށް އުނދަގުލުންނެވެ.

ސަބުތާގެ ޢާމިލު ބޭބެއާ ބެހޭގޮތުން ސަކާކުރެއްވުމުން ކެޕްޓަން ހިތާދެކޮޅަށް ވަނީ އޭނާގެ ނަވުން ބޭބެ ގެންދަވަން އެއްބަސްވެލައްވައިފައެވެ. إنشـاءاللّـه ބޭބެމެން މާދަމާ ފުރާނޫއެވެ. ކެޕްޓަން ބުނުއްވިގޮތުގައި އޭނާ ފޯރުމާލު ގެންދަވަނީ ކަނޑުގެ އައްސޭރީގައި ހުންނަ ކުޑަކުޑަ ކިއްލާއަކަށެވެ. އެހިސާބުން ފެށިގެން أميـر يـوسف ހުންނެވި ތަނަކާ ހަމަޔަށްދާން ބޭބެޔަށްޖެހޭނީ ގަހެއް ރުކެއްގެ ހިޔާވަހިކަމެއް ފެނެއްނެތް ސަހަރާއެއް ހުރަސްކުރާށެވެ. އެފުރިކާގެ ކުޅަދާނަ އަސްވާރު ބޭބެއަށް ދާދިއަވަހަށް ފެނުމަކީވެސް މިހާރު އެކަށީގެންވާ ކަމެކެވެ. ހަމައެފަދައިން ބޭބެއަށް އެހިސާބަށް ފޯރާއިރު އޭނާ ދަތުރުކުރެއްވި މަގުގެ ހިރަފުސް ފިޔަވައި އެހެން އެއްޗެއް ނުފެނުމާއި އޭނާ އެހެންދިމާޔަކަށް ވަޑައިގެންނެވުމަކީވެސް އެކަށީގެންނުވާ ކަމެއްނޫނެވެ.

އެފުރިކާގެ ބިމުގައި ފައިޖައްސައިލެވުމުން ބޭބެއަށް ހީވީ މުޅީން އެހެން ދުނިޔެއަކަށް ބޭބެއަށް އާދެވުނުހެންނެވެ. އަންދަލުސުގެ މަރުމަރުހިލައިގެ ގަނޑުވަރުތަކުގައި ދިރިއުޅޭ މީހުންގެ ކިބައިގައި ޣީރަތްތެރިކަމެއް އިޙުސާސެއް ޙަރަކާތެއްނެތި ގާވެފައި ތިބިކަމުގައިވިޔަސް މިތާނގެ މަށީގެ ގޭގެއާއި ދަނޑިފަނުގެ ޖިފުޓިތަކުގައި ދަނީ ފިސާރި ރޫޙު ހުރި ދުޅަހެޔޮ ޤައުމެއް އުފެދި އާލާވަމުންނެވެ. އަންދަލުސުގެ މުއައްރިޚުންގެ ގަލަންކޮޅުތަކުން ދެލި ހިކިފައިވިއެއްކަމަކު އެފުރިކާގެ މުޖާހިދުން އެބޭކަލުންގެ ކަނޑިކޮޅުތަކުގެ ތުނޑުން އިސްލާމީ ތާރީޚުގެ އައު ބާބެއް ލިޔުއްވަމުން އެބަގެންދަވައެވެ.

"ދެން އޮތީ ނުރައްކަލެއް ކުރިމަތިވާ ވަގުތު މިބައިމީހުން އަޅުގަނޑުމެންނަށް އެހީވެދޭނެބާވައެވެ؟" މި ސުވާލެވެ. ބޭބެ މިތާނގެ ވަރަށް ސާދާ ބަރުބަރީއަކާ އެ ސުވާލު ކުރީމެވެ. އޭނާ ޖަވާބު ދިނެވެ. "އަހަރެމެންގެ أميـر އަހަރެމެންނަށް އަމުރުކުރައްވާއިރަށް އަހަރެމެން އަސްމަތީގައި ކަނޑަށް ފައިބާކަށެއްވެސް ފަހެއް ނުޖެހޭނޫއެވެ." ކޮންމެއަކަސް ބޭބެގެ އަމިއްލަ މަޢުލޫމާތުގެ މައްޗަށް ބުރަވާއިރު أميـر يـوسف އެފުރިކާގައި ކުރައްވާން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް އަދި ވަރަށް ބޮޑެވެ. އޭނާ ޢަޒުމު ކަނޑައަޅުއްވައިފައިވަނީ އަލްޖޭރިޔާއިން ފެށިގެން ސެނެގޯލާ ހަމަޔަށް ހުރިހައި ޤަބީލާތަކެއް އެއްވަލަކަށް މައްސަވައިލެއްވުމަށެވެ. އެއްސަރުކާރެއްގެ ދަށަށް ގެންނެވުމަށެވެ. އެކަމަށްޓަކައި ވަރަށްދިގު މުއްދަތެއް ބޭނުންވެދާނެއެވެ. އޭނާ މިތާނގެ މަސައްކަތްޕުޅުތައް ނުނިންމަވައި އެހެންދިމާޔަކަށް ސަމާލުކަން ނުދެއްވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ. ކޮންމެއަކަސް ބޭބެ މިދަނީ އެފުރިކާގެ ފާޖުގައި ބައިވެރިވާށެވެ. އެފުރިކާގައި މިހާރު ކުރެވެމުންމިދަނީ އަންދަލުސުގެ ދިފާޢީ ހަނގުރާމައިގެ މުޤައްދިމާ ކަމުގައި ބަލައިގެންނެވެ. ބޭބެއަށް ހިތްވަރާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާށެވެ."

ކޮއްކޮގެ ބޭބެ - سعد

* * * * * * * * * * *

އެއްދުވަހެއްގެ ހަވީރު سعد بــن عبـدالمـنعــم ހުންނެވީ ނަވުގެ ޑެގުމަތީގައެވެ. ދެކުނުފަރާތުގެ އުދަރެހުގެ ކައިރީން ފަރުބަދަތަކުގެ މޭގަ ބައްލަވާށެވެ. ނަވުގެ ކެޕްޓަނުގެ ފަރާތުން އޭނާއަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި ނަވުގެ މަންޒިލު ވަނީ ވަރަށް ކައިރިވެފައެވެ. ހަވީރުގެ ދުންފިނީގެ ތެރެއިން ފެންނަމުންދިޔަ ފަރުބަދަތަކުގެ މޭގަ، އަނދިރީގެ ސަބަބުން ގެއްލިއްޖެއެވެ. سعد އުޑުމަތީން ފެންނަ ތަރިތަކާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ނަވުގެ ކެޕްޓަން ބާރުބާރަށް ކޮޅުކޮޅުމައްޗަށް ބުރުޖައްސަވައި ފަޅުވެރީންނަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ކުއްލިޔަކަށް ފަޅުވެރިޔަކު ގޮވައިލިއެވެ. "ޚަބަރުދާރެވެ! އައްސޭރީން އަލިކަމެއް އެބަފެނެއެވެ!"

އިރުކޮޅެއްގެފަހުން ނަވުގެ ކެޕްޓަނާއި ފަޅުވެރީން ތިބީ ދެކުނުފަރާތުގެ އުދަރެހުން ފެންނާންހުރި އައްޔަކާ ދިމާއަށް ކަންބޮޑުވުމާއެކު ބަލަހައްޓައިގެންނެވެ. އެ އަލިކަން ދިޔައީ ވަރަށް ހަލުވިކޮށް ފެތުރެމުންނެވެ. އިރުކޮޅެއްގެފަހުން އެމީހުނަށް އިޙުސާސުވާންފެށީ އައްސޭރީގައި ވަރަށްބޮޑު އަލިފާންގަނޑެއް އަނދަމުންދާކަމެވެ. ކެޕްޓަން ބުނުއްވިއެވެ. "އެފެންނަ އަލި ފެންނަނީ ކިއްލާއާ މާދުރަކުން ނޫން. ހީވަނީ އެދިމާއިން ބަނދަރުގައިއޮތް އަހަރެމެންގެ ނަވެއްގައި އަލިފާން ރޯވީހެންނެވެ."

ކެޕްޓަނަށް ލަފާކުރެއްވުނީ ރަނގަޅަށެވެ. ގަޑިއެއްހައިއިރުގެ ތެރޭގައި ނަވުގެ މީހުންނަށްވަނީ އަނދަމުންދާ ނަވުގެ އޮޑިގަނޑު ފެންނާން ފަށައިފައެވެ. އިރުކޮޅަކުން އަލިފާންގަނޑުގެ އަލި ކުޑަވާން ފަށައިފިއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ރޯވެފައިވާ އެހެން ދެނަވަކާއި އެ ދެނަވުގެ ކައިރީގައި ޙަރަކާތްތެރިވާ ބައްތެލިފަހަރު ފެންނާން ފަށައިފައެވެ. އެދެ ނައު ފެނިލެއްވުމާއެކު ކެޕްޓަން ހަޅޭއްލަވައިގެންނެވިއެވެ. "އަވަހަށް ރިޔާތައް ތިރިކުރޭ. ނަގިލި ޖައްސާ. އަހަރެމެންނަކަށް ކުރިޔަކަށް ނުދެވޭނެ."

ކެޕްޓަނާއި ފަޅުވެރީންނަށްވުރެ سعد ކަންބޮޑުވެވަޑައިގަންނަވާވަރު ވަކި ކުޑައެއް ނޫނެވެ.

سعد ކެޕްޓަންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. "މިވެގެންއުޅެނީ ކިހިނަކުންތޯ؟"

ކެޕްޓަން ބުނުއްވިއެވެ. "ކަލާއަށް ފެނިވަޑައިގަންނަވާނެ ދުޝްމިނުން އެވަނީ އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް ޙަމަލާދީފައި. އެބައިމީހުން ޙަމަލަދިން ކަމުގައިވާނީ ހަމައެކަނި ނައުފަހަރަކަށެއް ނޫން. އެމީހުންވާނީ އެއްގަމު މަގުންވެސް އަޅުގަނޑުމެންގެ ކިއްލާ ޙިޞާރުކޮށްފައި."

"ދުޝްމިނުން މިހައިގިނަ ނައުފަހަރު ހޯދަނީ ކޮންތަނަކުންތޯ؟"

"ކަލާއަށް އެނގިވަޑައިގެންފައި ނެތުން އެކަށީގެންވޭ. ޔޫރަޕުގެ ކަނޑުފޭރޭ މީހުންގެ އެތައްބަޔަކުވަނީ އަޅުގަނޑުމެންގެ ދުޝްމިނުންނާ ބައިވެރިވެފައި."

"ދެން ހަދާނީ ކިހިނަކުންތޯ؟"

"އަޅުގަނޑުގެ އެންމެފުރަތަމަ ވާޖިބަކީ ދުޝްމިނުންނަށް މި ނައު އަތުލައިގަނެވުނަނުދީ މި ނައު ސަލާމަތްކުރުން އަޅުގަނޑުމެންނަށް ތަންކޮޅެއްކުރީން މިހިސާބަށް ނާދެވުނީތީ މާތް اللّـه އަށް ޙަމްދު ހުރި. އެހެންނޫންނަމަ މިނަވަށް އާދައިގެ ހަނގުރާމަމަތީ ބައްތެއްޔަކާވެސް ކުރިމައްޗެއް ނުލެވޭނެ. މިއީ ހުސްއެކަނި މުދާ އުފުލާ ނަވެއް."

سعد ވިދާޅުވިއެވެ. "އަލިފާންރޯވި ނައުފަހަރަކީ އަޅުގަނޑުމެންގެ ނައުފަހަރު ނޫންކަމުގައިވެސް ވެދާނެ ނޫންތޯ؟"

ކެޕްޓަން ބުނުއްވިއެވެ. "މިތަނަށް ފޮނުވީ ހަމައެކަނި ފޯރުމާލު އުފުލާ ނައުފަހަރު. އެކަން އަޅުގަނޑަށްވަނީ އެނގިފައި. އަޅުގަނޑުމެންގެ ކަނޑުގެ އަރުމާދުގެ ބައެއް ނައުފަހަރުވީ ތޫނިސްގެ އައްސޭރީގައި. ބައެއް ނައުފަހަރު ކަނޑުމަތީގައި ބުރުޖަހަނީ. ކޮންމެއަކަސް އަޅުގަނޑު ބައްތެއްޔެއް ފޮނުވައިގެން ޚަބަރު ބަލާނަން. ނުރައްކަލެއް އޮތްކަމުގައިވާނަމަ އަޅުގަނޑުމެންނަށް ޖެހޭނީ އަނބުރައިލައިފައި ދާން. ކޮންމެވެސް ރައްކާތެރި ތަނެއްގައި މަޑުކުރަން. އެނޫންގޮތެއް ނޯންނާނެ."

އިރުކޮޅެއްގެ ތެރޭގައި ނަވުން ބައްތެއްޔެއް ބާލައިފިއެވެ. ކެޕްޓަނުގެ އިރުޝާދު އަޑު އެހުމަށްފަހު ފަޅުވެރީންގެ ހަތަރު މީހަކު އެބައްތެއްޔަށް ފައިބާން ތައްޔާރުވެއްޖެއެވެ. އެވަގުތު سعد ވިދާޅުވިއެވެ. "އަޅުގަނޑުވެސް އެމީހުނާ އެކުގައި ދާންބޭނުން. ކަލާ އެމީހުންގާތު ބުނުއްވާ. ނުރައްކަލެއް އޮތްކަމުގައިވާނަމަ އަޅުގަނޑު ގޮނޑުދޮށަށް ބައިލައިދޭށޭ."

ކެޕްޓަން ސުވާލު ކުރެއްވިއެވެ. "ކަލާ ތިޔަ އުޅުއްވަނީ ކީއްކުރައްވާން ކަމަށްތޯ؟"

"އަޅުގަނޑު މަސައްކަތްކުރާނީ ކިއްލާއާ ހަމަޔަށް ދެވޭތޯ."

"ބައްލަވާ! ކަލާ ތިޔަ ކުރިމަތިލައްވަނީ ވަރަށްބޮޑު ނުރައްކަލަކާ. އަޅުގަނޑަށް ޔަގީން. ދުޝްމިނުންވާނީ އެއްގަމު މަގުންވެސް ކިއްލާ ޙިޞާރުކޮށްފައި. އަޅުގަނޑުގެ މީހުން ކަލާ އެއްގަމަށް ބޭލިކަމުގައިވިޔަސް ދުޝްމިނުންގެ ސަފުތަކުގެ ތެރެއިން ލައްވައިފައި ކަލާއަށް ކިއްލާޔަށް ވަޑައިގެންނެވުންވާނީ މުޢުޖިޒާއެއްފަދަ ކަމެއްކަމުގައި."

سعد އިރުކޮޅެއްވަންދެން ކެޕްޓަނާ ބަހުސު ކުރެއްވުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑުގެ މަޤުޞަދަކީ ކިއްލާއަށް ދިޔުން. އެކަމަށްޓަކައި އަޅުގަނޑު މިހިރީ ކިތަންމެބޮޑު ނުރައްކަލަކާވެސް ކުރިމަތިލާން ތައްޔާރަށް."

ކެޕްޓަން ބުނުއްވިއެވެ. "އެންމެރަނގަޅު. ވަޑައިގަންނަވާ. އެކަމަކު އަޅުގަނޑުގެ ފަޅުވެރީންނަށް އައްސޭރިޔަށް ދިޔުމަކީ ރައްކައުތެރިކަމެއް ނޫންކަމުގައި ފެނިއްޖެނަމަ އެމީހުންނަށް ޖެހޭނީ ވަގުތު އެނބުރި އަންނާން."

سعد ވިދާޅުވިއެވެ. "ފަތައިފައިވެސް އަޅުގަނޑަށް އެއްގަމަށް އެރިދާނެ."

ކެޕްޓަން ފަޅުވެރީންނާ މުޚާޠަބު ކުރައްވައި ބުނުއްވިއެވެ. "ކޮންމެ ވަގުތުކޮޅަކީވެސް އަހަރެމެންނަށް ވަރަށް އަގުހުރި ވަގުތުކޮޅެއް. ދުޝްމިނުން އެއްގަމު މަގުންވެސް ކިއްލާ ޙިޞާރުކޮށްފައިވާނަމަ އަވަހަށް އެނބުރި އަންނާތި. އެހެންނޫނީ ކިއްލާގެ ފާރަވެރީންގެ ވެރިޔާއަށް އަހަރެންގެ ފަރާތުން ދަންނަވާ. މިފަދަ ޙާލަތެއްގައި ނަވާއިގެން އަހަންނަކަށް އައްސޭރިޔަކަށް ނުދެވޭނެޔޭ. މިތަނާ ސަތޭކަފަންސާސް މޭލު ދުރުގައިވެސް އަހަރެމެންގެ ކަނޑުގެ ބާރުގެ މަރުކަޒެއް ހުންނާނެ. އެތަނުން ހަނގުރާމަވެރި ބައްތެލިފަހަރު ގޮވައިގެން އަންނާން އަހަރެން މަސައްކަތް ކުރާނަން. ޙަމަލަދިން ދުޝްމިނުން ފިލައިގެންގޮސް ނައު އައްސޭރިޔަށް ގޮނޑުކުރުމުގައި ނުރައްކަލެއް ނެތްކަން ޔަގީންވެއްޖެނަމަ ކިއްލާގެ ބުރުޒުން އަލިކަމެއް ދައްކައިލާތި!"

* * * * * * * * * * *

ކިއްލާ އިމާރާތްކޮށްފައިހުރީ އައްސޭރީގައިވާ ހަނި ކަނޑިންމައިގެ އެއްފައިކައްޓާ ގުޅިފައިވާ ފުޅާ ހިލަގަނޑުގެ މަތީގައެވެ. ޙަމަލަދިން ދުޝްމިނުންވަނީ މުރާބިޠީންގެ ތިން ނައު އަންދައިލައި އެބައިމީހުންގެ އެއް ނައު ނަގައިލުމަށްފަހު ކަނޑިންމަޔަށް ވެރިވެފައެވެ. އެބައިމީހުން ގެންދިޔައީ މުރާބިޠީންގެ ނައުފަހަރުން ކަނޑަށް ފުމުނު ފަޅުވެރީންނާއި ސިފައިން އަތުލުމަށްޓަކައި ބައްތެލިފަހަރުގައި ޙަރަކާތްތެރިވަމުންނެވެ. އައްސޭރީގައިވެސް އެމީހުންގެ ލަޝްކަރެއް ތައްޔާރަށް އޮތެވެ. މުރާބިޠީންގެ ސިފައިން މީހަކަށް ނުވަތަ ފަޅުވެރިޔަކަށް ފަތައިފައި އައްސޭރިޔަށް ކައިރިކޮށްލެވިއްޖެނަމަ ކުރިމަތިލާންޖެހެނީ ދުޝްމިނުންގެ ތީރުތަކާއެވެ.

سعد އާއި އޭނާގެ އެކުވެރީން ބައްތެލި މަޑުކުރެއްވީ އައްސޭރިޔާ ތަންކޮޅެއް ދުރަށެވެ. ވެށި އޮތްގޮތް ދިރާސާކުރުމަށްފަހު މުސްކުޅި ފަޅުވެރިޔެއް ވާހަކަ ދެއްކިއެވެ. "އަހަރެމެންގެ ކެޕްޓަން ލަފާކުރެއްވީ ރަނގަޅަށް ދުޝްމިނުން ޙަމަލަދީފައިވަނީ ހަމައެކަނި އަހަރެމެންގެ ނައުފަހަރަށް އެކަންޏެއް ނޫން. އެއްގަމާވީ ފަރާތުންވެސް ވަނީ ކިއްލާ ޙިޞާރުކޮށްފައި. ބައްތެއްޔާއިގެން ހުޅަނގުފަރާތަށް ދަމާހިނގާ. އެފަރާތުގެ ކޮންމެވެސް ރައްކާތެރި ތަނަކަށް سعد ބާލައިފައި އަހަރެމެން އެނބުރި ދާނީ."

ކިއްލާގެ ހުޅަނގުފަރާތުން ދެމޭލެއްހައި ދުރަށް ދިޔުމަށްފަހު ފަޅުވެރީން ބައްތެލި އައްސޭރިޔާ ކައިރިކޮށްފިއެވެ. سعد އޭނާގެ އެކުވެރީންނަށް ސަލާންކޮށްލެއްވުމަށްފަހު އުނަގަނޑުތާ ފެނަށް މޫދަށް ފައިބައިވަޑައިގެންފިއެވެ. މުސްކުޅި ފަޅުވެރިޔާ سعد އާ ދިމާޔަށް ބުންޏެވެ." ދަރިފުޅާ! ފަތިސްވެ އަލިވިލުމުގެ ކުރީން ދަރިފުޅަށް ކިއްލާއަށް ވެދެވަޑައިނުގެންނެވިއްޖެނަމަ މިތަނުން ފެށިގެން އެތައްހިސާބަކަށް ދަރިފުޅަށް ރައްކައުތެރިވެވަޑައިގެންނެވޭނެ އެއްވެސް ތަނެއް ނުހުންނާނެ. އައްސޭރީގައި ތިބޭ ސިފައިން ތިބޭނީ ވަރަށްބޮޑަށް ހުސިޔާރުވެގެން. ދަރިފުޅު މަސައްކަތް ކުރައްވާންވާނީ ވީހައިވެސް އަވަހަކަށް ކިއްލާގެ ދެކުނުފަރާތަށް ވަޑައިގެންނެވޭތޯ. އެދިމާގައިވެސް ސިފައިން ތިބިކަމުގައިވާނަމަ ރޭގަނޑުގެ އަނދިރީގައި އެމީހުންނަށް ދަރިފުޅަކީ ބޭރު މީހެއްކަމެއް ނޭނގޭނެ. އެމީހުން ދެކޭނީ ދަރިފުޅަކީވެސް މުރާބިޠީންގެ ސިފައިންގެ މީހެއްކަމަށް. ދަރިފުޅަށް ކިއްލާއަށް ވެދެވަޑައިގެންނެވޭނީ މިވެނިގޮތަކަށޭ ދަންނަވާކަށެއް އަޅުގަނޑަކަށް ނޭނގެ. ކަނޑާވީ ފަރާތެކޭ އެއްފަދައިން އެއްގަމުންވެސް ކިއްލާ ޙިޞާރުކުރެވިފައިވާނަމަ ރޭގަނޑު ދަރިފުޅަށްޓަކައެއް ކިއްލާގެ އެއްވެސް ދޮރެއް ނުހުޅުވާނެ. ހެނދުނުގެ އަލިކަމުގައި ދަރިފުޅުގެ ނިމުން އަންނާނެގޮތެއް ދަންނަވާކަށެއް ނޭނގެ. އަޅުގަނޑު އަދިވެސް ދަންނަވާނީ ދަރިފުޅު އަޅުގަނޑުމެންނާއެކު އެނބުރިވަޑައިގަންނަވާށޭ!"

"އަޅުގަނޑާމެދު ނުވިސްނަވާ!" سعد އެހެން ވިދާޅުވެފައި ކުރިޔަށް ވަޑައިގެންފިއެވެ.

سعد އައްސޭރިޔަށް ވަޑައިގެން ދޮންވެލިގަނޑުގެ މަތީގައި އޮށޯވެވަޑައިގެންފިއެވެ. އަނދިރީގެ ތެރޭގައި އިރުކޮޅެއްވަންދެން ދެލޯފުޅު ބޮޑުކުރައްވައިގެން ވަށައިގެން ހޯއްދެވުމަށްފަހު ހަތަރު އަގުނު ޖައްސަވައިގެން ފިރުކިވަޑައިގެންފައި ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ދޮންވެލިގަނޑުމަތީގައި އިރުކޮޅަކު ފިރުކިވަޑައިގެންނެވުމަށްފަހު އޭނާ ހުންނެވީ ހިލަ އާނުގަނޑެއްގެ ކައިރީގައެވެ. އޭނާއަށް އެހިލައިގެ މައްޗަށް އަރައިވަޑައިގެންނެވޭނެ ދިމާއެއް ފެނިވަޑައެއް ނުގެންނެވިއެވެ. ކިއްލާއާވީދިމާ ރައްކާތެރި ނޫންކަމުގައި ފެނިވަޑައިގަންނަވާތީ އޭނާ އާނުގަނޑުގެ ކައިރީން ލައްވައިފައި މަޑުމަޑުން ވަޑައިގެންނެވީ ހުޅަނގުފަރާތަށެވެ. އޭނާ އެއްދިމާޔަކަށް ހުއްޓިވަޑައިގެން ހިލައިގެ މައްޗަށް އަރައިވަޑައިގަންނަވާން ގަސްދުކުރެއްވިތަނާ އޭނާގެ ކަނާތްޕުޅު ފަރާތުން ކޮންމެވެސް އެއްޗެއް ފެނިވަޑައިގެންފިއެވެ. އޭނާގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. އޭނާ ތުރުކަހުން ދުންޏެއް ނަންގަވައިގެން ދުނިދަނޑީގައި ރުވައިލެއްވިއެވެ. އެއަށްފަހު މަޑުމަޑުން ފިރުކިވަޑައިގެންފައި ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. سعد އަށް ފެނިވަޑައިގެންނެވި އެއްޗަކީ ނަވެއްގެ ބައްތެއްޔެކެވެ. އެބައްތެލި ހުރީ ދޮންވެލިގަނޑަށް ތަންކޮޅެއް މައްޗަށް އެހެލައިފައެވެ. މަރުވެފައިތިބި ބައެއްގެ ހަށިތައް އެ ބައްތެލީގެ ވަށައިގެން ވިހުރުވިފައި ހުއްޓެވެ. އެބައްތެއްޔަކީ އަންދައިލެވުނު ނައުފަހަރުގެ ތެރެއިން ނަވެއްގެ ކޮންމެވެސް ބައެއްގެ އެންމެފަހުގެ ޙިމާޔަތްކަން ވިސްނައިވަޑައިގަންނަވާކަށް سعد އަށް އުނދަގޫފުޅެއް ނުވިއެވެ. މަރުވެފައިތިބި މީހުންގެ ޤާތިލުން ކަމުގައިވާނީ މުސްލިމުންނާ ޙަމަލަދިން ދުޝްމިނުންނެވެ. ދުޝްމިނުން އެތައްހިސާބެއްގެ ދުރުން ފެށިގެން އައްސޭރިފަށް ބަލަހައްޓަމުން ގެންދާކަންވެސް އޭނާއަށް ވިސްނިވަޑައިގެންފިއެވެ. އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު އޭނާ ހިލަމައްޗަށް އަރައިވަޑައިގެންނެވުމުގެ ޚިޔާލު ދޫކޮށްލައްވައިފިއެވެ. ގޮނޑުދޮށުން އަދިވެސް ތަންކޮޅެއް ދުރަށް ހުޅަނގުފަރާތަށް ވަޑައިގަންނަވާން ގަސްދު ކުރައްވައިފިއެވެ.

(ނުނިމޭ)