ފްރޭންކް ލެމްޕާޑު ފޮނުވާލުމަށްފަހު ޗެލްސީން ގެނައި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލްއާއެކު ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޗެލްސީން ބާންލީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސްއާ ދެކޮޅަށް ކުޅެ، 0-0 އިން އެއްވަރުވި ނަމަވެސް އެ މެޗުގައިވެސް ކުރިއެރުންތަކެއް ފެނިފައިވެއެވެ. ޗެލްސީން ލެމްޕާޑާއެކު ގެންގުޅުނު ސްޓައިލްގެ ބަދަލުގައި ޓުޗެލްގެ ޕާސިން ހަލުވި ފުޓުބޯޅަ ފުރަތަމަ މެޗުގައިވެސް ފެނިގެން ދިޔަ އިރު، މިއަދުގެ މެޗުގައިވެސް ޗެލްސީން ވަނީ ގިނަ ޕާސްތަކެއް ޖަހާ، މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައެވެ.
މެޗުން މޮޅުވެ ޗެލްސީން ވަނީ ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލައިފައެވެ. 21 މެޗުން 33 ޕޮއިންޓް ޗެލްސީއަށް ލިބިފައިވާ އިރު، އެޓީމު ވަނީ ހަވަނައިގައި އޮތް ޓޮޓެންހަމްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް ޓޮޓެންހަމް ކުޅެފައިވަނީ އަދި 19 މެޗެވެ.
މެޗުގެ ފުރަތަމަ ކޮޅުން ފެށިގެން ޗެލްސީން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މެޗަށް ޓުޗެލް ނެރުނީ ތަފާތު ފުރަތަމަ 11 އެކެވެ. އޮކްޓޯބަރު މަހަށްފަހު ޕްރިމިއާ ލީގު މެޗެއް ނުކުޅެ ހުރި މާކަސް އެލޯންސޯއާއި ޓީމޯ ވާނާގެ އިތުރުން ޓެމީ އަބްރަހަމްއާއި މޭސަން މައުންޓްވެސް މެޗުގެ 11 ގައި ހިމެނިފައިވާ އިރު، ހަކިމް ޒިޔެޗް ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. ޓުޗެލް ބުނެފައިވަނީ ޒިޔެޗަށް އޭނާ ރެސްޓް ދިން ކަމަށެވެ.
ކުރިއަށް ޖެހި އަރިމަތިން ފުރުސަތު ތަނަވަސް ކުރަމުންދިޔަ ޗެލްސީގެ ވާނާއާއި ކަލުމް ހަޑްސަން އޮޑީގެ ހަމަލާތައް ފާހަގަކޮށްލެވުނު އިރު، ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ ޑިފެންޑަރު ސީޒާ އަޒްޕިލިކުއެޓާއެވެ. އޭނާ ފަހަތުން އަރައި ޖެހި ހިތްގައިމު ގޯލު އަމާޒުކޮށްލީ މަތީ ކަނަށެވެ.
އެ ގޯލާއެކު ޗެލްސީން ހަމަޖެހިލައިގެން ދެވަނަ ހާފު ފަށައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މައުންޓްގެ ޝޮޓް ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު، ރީސް ޖޭމްސްގެ ހަމަލާއާއި ޕުލިސިޗްގެ ދެ ހަމަލާއެއް ބާންލީ ގޯލްކީޕަރު ނިކް ޕޯޕް މަތަކުރިއެވެ. އޭގެ އިތުރުން ހަޑްސަން އޮޑޯއީގެ ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ޗެލްސީއަށް ދެވަނަ ގޯލެއް ޖަހައިދިނީ އެލޯންސޯއެވެ. ޕުލިސިޗް ހުރަސްކުރި ބޯޅަ މޭމަތިން ކޮންޓްރޯލްކޮށް، ފަލަމަސްގަނޑުންވެސް ޖައްސާލައި ވައިގެ ތެރޭގައި އޮއްވައި އެލޯންސޯ ފޮނުވާލުމުން ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.
ބާންލީ މެޗުގައި އުފެއްދީ އެންމެ ހަމަލާއެކެވެ. ފަހު މިނެޓް ލިބުނު ކޯނަރުން އުފެއްދި އެ ހަމަލާ ދިޔައީ މަތިން ބޭރަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު