ޔޫރަޕްގެ މާކެޓުތަކުގައި ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކުގެ ގޮތުގައި ލޭބަލް ޖަހައިގެން މަހުގެ ބާވަތްތައް ވިއްކަމުންދާތީ، ރާއްޖެއިން މަސް އެކްސްޕޯޓުކޮށް ވިއްކާ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔޫރަޕްގެ މާކެޓުތަކަށް ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރާ ބައެއް ފަރާތްތަކުން "ވަން" އަށް މައުލޫމާތުދެމުން ބުނީ ޔޫރަޕްގެ ގައުމުތަކުގެ ސުޕަމާކެޓުތަކުގައި ރާއްޖޭގެ ބާވަތްތައް ކަން ދައްކުވައިދިނުމަށް ލޭބަލް ޖަހައިގެން ވިއްކަމުންދަނީ ރާއްޖޭގެ އުފެއްދުންތައް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ލޭބަލް ޖަހައިގެން ޔޫރަޕްގެ ގައުމުތަކުގައި ވިއްކާ ޕްރޮޑަކްޓްތަކަކީ ރާއްޖެއިން މި އެކްސްޕޯޓްކުރާ ކޮލިޓީގެ އުފެއްދުންތަކެއްވެސް ނޫން ކަމަށާއި އެއީ މާބޮޑަށް ކޮލިޓީ ދަށް ޕްރޮޑަކްޓްތަކެއް ކަމަށްވެސް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.

"މީގެ ސަބަބުން ރާއްޖޭގެ އުފެއްދުންތަކަށް ރަނގަޅު އަގު ލިބުމަށް އެބަ ހުރަސްއެޅޭ. ހަގީގަތުގައި ވަރަށް ބޮޑު އޮޅުވާލުމެއް މިއީ. ސަރުކާރުން މިކަން ބަލާފައި މިކަން ހުއްޓުވަން ޖެހޭ." ރާއްޖެއިން މަސްއެކްސްޕޯޓު ކުރަމުން އަންނަ ކުންފުންޏެއްގެ އިސްމީހަކު ވަން އަށް މައުލޫމާތު ދެމުން ބުންޏެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު މިއަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރަސްމީކޮށް މިފަދަ އެއްވެސް މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެކި ތަންތަނުން މިފަދަ މައުލޫމާތާއި ފޮޓޯ ލިބުމާ ގުޅިގެން އެ މިނިސްޓްރީން އެކަން ބެލި ކަމަށެވެ.

ޒިޔާދު ވިދާޅުވީ އެގޮތަށް ލޭބަލް ޖަހާފައިވަނީ އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ނުބެލެވޭ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެގޮތަށް ލޭބަލް ޖަހާފައިވަނީ ރާއްޖޭގެ އުފެއްދުމެއް ކަމަށް ޖަހާފައިވުމުން އެ ގަންނަ ފަރާތްތައް ގިނަވާތީ ކަމަށެވެ. ނަމަވެސް މިކަން ހުއްޓުވުމަށް މިހާރު އެ ވިއްކަމުންދާ ފަރާތްތަކަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖޭގެ ލޭބަލް ޖަހައިގެން ވިއްކަމުންދަނީ މަސްދަޅުގެ ބާވަތްތަކާއި ހިކިމަހުގެ ބާވަތްތަކާއި ރޯ މަހުގެ ބާވަތްތަކެވެ.