މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް، ނުއަގުގައި އެތަކެތި ވިއްކަމުން އަންނަ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދަންކަންޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރަމުން އަންނަ ފަރާތްތައް ހޯދުމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ބުންޏެވެ.

އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ފުލުހުން އޮޕަރޭޝަނެއް ހިންގައި، މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި ގިނަ ހެކިތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީ އާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު މި މަސްތެރޭގައި އެފަދަ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެގޮތަށް އެތެރެކުރާ ތަރުކާރީ އާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ހިލާފަށް ހެޔޮ އަގުގައި ވިއްކަމުން އަންނަކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިކަމަކީ ދިވެހި ވިޔަފާރަވެރިންގެ އިތުރުން ގައުމުގެ އިގުތިސާދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމަކަށްވީ ހިނދު، ވިޔަފާރިކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ވަނީ، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި މަދު ބައެއްގެ އެފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރަވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމަކަށްވާތީ، މިފަދަ އަމަލުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި އެކަންކަމަށް ހިއްވަރުނުދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނަށް ހިއްސާކުރުމަށް އެދެ އެވެ.