ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު މެޗުން ބަލިވެ، ރެއާލް މެޑްރިޑަށް ޗެމްޕިއަންކަން ދިފާއުކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުގައި ރެއާލްގެ އެޑާ މިލިޓާއޯއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއެކު ކުޅުނު ރެއާލް މެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ރެއާލް ބަލިވެ، އެޓީމަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ރެއާލްއަށްވުރެ ދެ މެޗު މަދުން ކުޅެ، އެތުލެޓިކޯ މެޑްރިޑް އެއްވަނައިގައި އޮތީ 47 ޕޮއިންޓާއެކުއެވެ.
މިލީޓާއޯއަށް ނުވަވަނަ މިނެޓުގައި ރަތް ކާޑު ދެއްކި ނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. މާކޯ އެސެންސިއޯގެ ގޯލުން އެޓީމު ލީޑު ނަގާފައިވާ އިރު، ހާފު ނިމުމުގެ ކުރިން ލެވަންޓޭއިން އެއްވަރުކުރިއެވެ. ޖޯސޭ ލުއިޒް މޮރާލެސްގެ ގޯލާއެކު ލެވަންޓޭއިން ނަތީޖާ ހަމަހަމަކޮށް، ހިތްވަރާއެކު ކުޅެމުންދަނިކޮށް ދެވަނަ ގޯލެއް ޖަހަން ޕެނެލްޓީއެއްވެސް ލިބުނެވެ.
ރޯޖާ މާޓީ ޖެހި ޕެނެލްޓީ ނާކާމިޔާބުވި ނަމަވެސް، އޭނާ ވަނީ މެޗު ނިމެން 12 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ލެވަންޓޭ މެޗުން މޮޅުކޮށްދިން ގޯލު ޖަހައިދީފައެވެ.
މިރޭގެ މެޗުގައި ކޯޗު ޒައިނުއްދީން ޒިދާން ބެންޗުން ފެނިފައިވާ އިރު، މިދިޔަ ހަފްތާ ރެއާލްއިން އަލާވޭސްއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ޒިދާންއަށް ބެންޗުގައި ނީނދެވުނީ އޭނާއަށް ކޮވިޑް 19 ޖެހުމުންނެވެ. ސާޖިއޯ ރާމޯސް އަނިޔާގައި ހުރުމުން ރަފޭލް ވަރާންއާއެކު މިލިޓާއޯ މިރޭގެ މެޗަށް ޒިދާން ނެރެފައިވާ އިރު، އޭނާއަށް ދެއްކި ރަތް ކާޑަކީ ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ފައުލެކެވެ. އެ ކާޑު ރަތް ކާޑަކަށް ރެފްރީ ބަދަލު ކުރީ ވީއޭއާރްގެ ރިވިއު ބެލުމަށްފަހުއެވެ.
މިރޭގެ ބައްޔަކީ ލަލީގާގައި އެންމެފަހުން ކުޅުނު 10 މެޗުން ރެއާލް ބަލިވި ފުރަތަމަ މެޗެވެ. އެހެންނަމަވެސް ދާދިފަހުން ރެއާލްއަށް ވަނީ ތިންވަނަ ޑިވިޝަންގެ އަލްކޮޔާނޯ އަތުން ބަލިވެ، ކޮޕަ ޑެލްރޭއިން އަލްވަދާއު ކިޔަން ޖެހިފައެވެ. އެ މެޗާއެކުވެސް ކޯޗު ޒިދާންއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ