އެންމެފަހުން ލީގުގައި ކުޅުނު 12 މެޗުންވެސް މޮޅުވެ، މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މިރޭ ސިޓީން ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، އެޓީމަށް މިހާތަނަށް ކުޅުނު 20 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ސިޓީއަށްވުރެ މެޗެއް އިތުރަށް ކުޅެގެން ލިބިފައިވަނީ 41 ޕޮއިންޓެވެ.
ލީގުގެ ފުލުގައި އޮތް ޝެފީލްޑާ ދެކޮޅަށް މިރޭ ސިޓީން ކުޅުނު މެޗުގައި އެޓީމުގެ އެޓޭކިން އެންމެ ވަރުގަދަ ކުޅުމެއް ނުފެނުނު ނަމަވެސް، ޑިފެންސިވްލީ އަނެއްކާވެސް ފެނުނީ ވަރުގަދަކޮށެވެ. ޖެހިޖެހިގެން ފަސް މެޗުގައި އެޓީމުން ކްލީންޝީޓް ދަމަހައްޓާފައިވާ އިރު، އެންމެފަހުން ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗުގައި ވަނީ ކްލީންޝީޓް ދަމަހައްޓައިފައެވެ.
މެޗުގައި ޖެހި ހަމައެކަނި ގޯލް ނުވަވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ޖަހައިދީފައިވާ އިރު، އެ ގޯލަށްފަހު ސިޓީގެ ފަރާތުން ފެނުނީ މަދު ހަމަލާއެކެވެ. ޝެފީލްޑުން މިދިޔަ ހަފްތާގައި ޔުނައިޓެޑް ބަލިކުރި އިރު، އެޓީމުން މެޗުގައި ކުޅުނީ ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެކެވެ. އެހެންކަމުގެ ސަބަބުން ސިޓީއަށް ހަމަލާތައް އުފައްދަން އުނދަގޫތަކާ ކުރިމަތިވިއެވެ.
ސިޓީގެ ހަމަލާތައް ފެރަން ޓޮރެސްއާއި ބާނޯޑޯ ސިލްވާގެ ފަރާތުން ފެނުނު އިރު، އޮލެކްސަންޑްރާ ޒިންޗެންކޯއާއި އަމިރިކް ލަޕޯޓްގެ ހަމަލާތައް މަތަކުރީ ޝެފީލްޑް ގޯލްކީޕަރު އެރޮން ރެމްސްޑޭލްއެވެ. ސިޓީން މެޗު ނިމިނިމި އޮއްވައި، ދެވަނަ ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ފަހި ކުރި ނަމަވެސް ޖީސަސްގެ ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ ރެމްސްޑޭލްއެވެ.
މިރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކްލަބާއެކު ހޯދި 500 ވަނަ މޮޅެވެ. އޭނާ އެ އަދަދަށް މޮޅު ހޯދީ 673 މެޗުންނެވެ. ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ކާމިޔާބު ކޯޗު ގާޑިއޯލާ، ސިޓީއާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ލީގު ކަޕްވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ޗެމްޕިއަންސް ލީގު ހޯދުމެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު