ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 410 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު އާއްމު ކުރި އެކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމާއެކުވެސް އެކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 378 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯގެ ހިންގުމުގެ ހަރަދު ވަނީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާ އިރު، ގާތްގަނޑަށް ހަތަރު އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ކޮވިޑް 19 އަށް ރިއާޔަތްކޮށްކޮށް ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަަށް ބޭނުންކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާއެކު ޕްރޮވިޝަންސް އިތުރުވުމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 91 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު ދިހަ އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާއެވެ. ކޮވިޑުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުމާއެކު ކުންފުނީގެ ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަަހަރާ އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ބުނީ، އެކުންފުންޏަކީ ސަރުކާރުގެ އިތުރުން އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ އަދި ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏަކަށްވާތީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ އެކިއެކި ދާއިރާތަކަށް އިންވެސްޓްކުރުމުގެ އިތުރުން ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު