(28 ޖެނުއަރީގެ އަދަދާ ގުޅޭ)

سعد ހަމަޖެހިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. އަޅުގަނޑު މިރަށުން ފުރައިގެންދަނީ ރޭގަނޑެއްގައެވެ. މިރަށާ ވަކިވެގެން މިދަނީ އިރާދަފުޅާއެކު އަޅުގަނޑު އެނބުރި އަންނައިރު އައު ފަތިހެއްގެ އުފާވެރި ޚަބަރާއިގެން އާދެވޭނެކަމުގެ އުންމީދުގައެވެ. ހަމައެކަނި ميـمــونـة އަކަށެއް ނޫނެވެ. އެ ފަތިސްވާނީ އަންދަލުސުގެ އެތައްލައްކަ އަންހެން ދަރީންނާއި ފިރިހެން ދަރީންނަށްޓަކައި އުފާފާގަތިކަމުގެ ފަތިހެއް ކަމުގައެވެ. މާތް اللّـه ކޮއްކޮމެން ރައްކާތެރި ކުރައްވާށި!" سعد އޭނާގެ އަހުގައި ހަންމުށި އަޅުއްވައިފިއެވެ.

ދުވަސްވަރަކީ އަންދަލުސުގައި މުސްލިމުންގެ ހިތާމަވެރި ދައުރުތަކުގެ ތެރެއިން ހިމެނޭ ދުވަސްވަރެކެވެ. އަންދަލުސުގެ މުސްލިމުންގެ ތެރޭގައި އުރައްޕެއްހުރި މަރުކަޒީ ވެރިކަމެއް ނެތުމާއި ޠަވާއިފުލްމުލޫކީގެ ސަބަބުން އަންދަލުސްގެ މުސްލިމުން ތިބީ ބައިބައިވެފައެވެ. އާރެއްބާރެއް ނެތިފައެވެ. އަނެއްކޮޅުން ކްރިސްޓިޔަނުން ގެންދިޔައީ މުސްލިމުންގެ ދީނާއި މިއްލަތު ފަނާކޮށްލުމަށްޓަކައި ނުހަނު ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ. ޠަވާއިފުލްމުލޫކުންގެ ކިބައިގައި ޤައުމީ ރޫޙެއް ނެތެވެ. ދީނީ ޣީރަތުގެ ކަންފުޅެއް އަމުދުންވެސް ނެތެވެ. އެބައިމީހުންގެ ކަމަކީ މަޖަލާއި ކުޅިވަރެވެ. ޅެން ކިޔުމާއި ކުޅިވަރާއި ނެށުމާއި އިސްރާފުގެ ދަރަޖަޔަށް ކެއުމުގެ ޖާފަތް ބޭއްވުމެވެ. އަންދަލުސުގެ މުސްލިމުންގެ އާއްމުން ތިބީ ރަސްރަސްކަލުންގެ އިސްރާފަށާއި ކްރިސްޓިއަން ރަސްގެފާނަށް ދައްކާންޖެހޭ ޖިޒީ ހަމަކުރަން ނަގާ ޓެކުސްގެ ބަރު ބޮޑުވެ ނޭވާހައްޓަށް ނުފެތިފައެވެ. އެމީހުން ދެލޯ މުދުނަށް އަރުވައިގެންތިބެ ހޯދަހޯދައިތިބީ އެ އާފާތުން އެމީހުން ސަލާމަތްކޮށްދޭނެ އެހީތެރިޔެކެވެ. ޤުރުޠުބާއާއި، އިޝްބީލިއްޔާއާއި، ޣަރުނާޠާގެ މަތިވެރި ޔުނިވަރސިޓީތަކުގެ އެދުރުން ތިއްބެވީ ޤައުމުގެ މުސްތަޤުބަލާމެދު މާޔޫސުވެވަޑައިގެންފައެވެ. ނަމަވެސް އެދުވަސްވަރު އެފްރިކާގެ ސަހަރާގައި ދިރިއުޅޭ މީހުންގެ ޖިފުޓިތަކުގައި ދިޔައީ ޙަޔާތުގެ އައު ޖޯޝަކާއި ފޯރިޔަކާއި ހިތްވަރެއް އަށަގަންނަމުންނެވެ. އަންދަލުސުގައި އޮތް ބާރުހުރި އުމަވީ ދައުލަތް ހުވާސް ހިނގުމާއެކު މެދުތެރޭ ކަނޑުގެ އަނެއްފަރާތުން އަންނަނީ އައު ބާރެއް ފާޅުވަމުންނެވެ.

ހިޖުރައިން ފަސްވަނަ ސައްތައިގެ ކުރީކޮޅުގައި އެފްރިކާގެ ބަރުބަރީންގެ ހަނގުރާމަވެރި ހަރުކަށި ޤަބީލާއެއްވަނީ އިސްލާމްވެފައެވެ. އިސްލާމްދީނުގެ ނަންނޭނގޭ ކޮންމެވެސް މާތް މުބައްލިޣެއްގެ ދީނީ ދަޢުވަތުގެ މަސައްކަތްޕުޅުގެ ސަބަބުންނެވެ. އެބައިމީހުންވަނީ އަލްމުރާބިޠީންގެ ނަމުގައި އައު ރަސްކަމެއްގެ ބިންތައް އަޅައިފައެވެ. އެރަސްކަމުގެ އެންމެފުރަތަމަ أميـر އަކީ أبوبكر بـن عمر އެވެ. އޭނާގެ ދީންވެރިކަމާއި ތަޤުވާވެރިކަމާއި ޢަދުލުވެރިކަމުގެ ސަބަބުން މުރާކިޝްގެ ބައެއް ޤަބީލާތައްވަނީ އޭނާގެ ރަސްކަން ގަބޫލުކޮށްފައެވެ. އެ ޤަބީލާތަކަކީ ހިޖުރައިން ހަތަރުވަނަ ސައްތައިގައި އިސްލާމްވެފައިވާ ޤަބީލާތަކެކެވެ. ނަމަވެސް އަލްޖަޒާއިރުން ފެށިގެން ޠަންޖާއާ ހަމަޔަށް އާބާދުވެފައިވާ ސުމާރެއް ނެތްހައިގިނަ ބަރުބަރީ ޤަބީލާތައް އެފްރިކާގައި ދިރުންހުރި ބާރުގަދަ ރަސްކަމެއް އުފެދޭކަށެއް ނޭދެއެވެ. އެބައިމީހުން ދުށްގޮތުގައި އެއީ އެބައިމީހުންނަށް ކުރިމަތިވާ ނުރައްކަލެކެވެ. އެބައިމީހުންގެ އަމިއްލަ މިނިވަންކަމަށް އެޅޭ ހުރަހެކެވެ. މިދެންނެވި ޤަބީލާތަކުގެ ތެރޭގައި ހިމެނޭ މުސްލިމު ޤަބީލާތަކުގެ ވެރީންވެސް އިސްލާމީ ވަޙުދަތަށްޓަކައި އެބޭފުޅުންގެ އިންފިރާދިއްޔަތު ދޫކޮށްލައްވާކަށެއް ރުހިވަޑައެއް ނުގަންނަވައެވެ.

މުރާބިޠީންގެ أميـر أبوبكر އެފްރިކާގެ އުތުރުގެ މީހުން އެއްބައިވަންތަކުރައްވާން މަސައްކަތް ފެއްޓެވުމާއެކު މުސްލިމު އަމީރުންވެސް މުރާބިޠީނާ ދެކޮޅަށް އެކަތިގަނޑަކަށް ވެވަޑައިގެން ގުޅިފައިވާ ޢަސްކަރީ ބާރެއް އުފައްދަވައިފިއެވެ. އެފްރިކާގައި އިސްލާމްދީން ކުރިއަރައި މަތިވެރިވުމަކީ ތިމައުރެންނަށް ކުރިމަތިވާ ނުރައްކަލެއްކަމުގައި ދެކޭ ޣައިރުމުސްލިމު ޤަބީލާތަކުންވެސް އިސްވެދެންނެވި ނޭއްގާނި މުސްލިމު ޤަބީލާތަކާ ބައިވެރިވެއްޖެއެވެ. އެއެންމެން ޖަންގަލިތަކާއި ސަހަރާތަކާއި ފަރުބަދަތަކުގެ ތެރެއިން ނުކުމެ މެދުތެރޭ ކަނޑުގެ އައްސޭރިއާއި އެހިސާބުގަނޑުގެ އަމާން ސަހަރުތަކުގައި ފޭރުމާއި މީހުން މެރުމުގެ ޠޫފާނެއް އުފައްދައިލައިފިއެވެ. ބަރުބަރީންގެ ޤަބީލީ އަސަބިއްޔަތު އެބައިމީހުންގެ ތެރޭގައި ދާޚިލީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯކޮށްލައިފިއެވެ.

މިދެންނެވި ނާޒުކު ދައުރުގައި މުރާބިޠީންގެ ތެރެއިން އާދަޔާ ޚިލާފު ހިންމަތްތެރި ވަރުގަދަ ޢަޒުމެއްގެ ވެރި ޤާއިދަކު ފާޅުވެއްޖެއެވެ. އެ މަތިވެރި ޝަޚުޞިއްޔަތުގެ އެއްއަތްޕުޅުގައި އޮތީ ކަނޑިއެވެ. އެކަމަކު އަނެއް އަތްޕުޅުގައިއޮތީ ކީރިތި ޤުރްއާނެވެ. މިދެންނެވި ޝުޢުލާއާއި ޝަބުނަމުގެ އެކުވުމެއްކަމުގައިވާ އަރައިހުންނެވި ބަޠަލަކީ أميـر أبوبكر بـن عمر އަށް ބޮޑުބޭބެ ވިދާޅުވާ ޒުވާން ކޮއްކޯފުޅު أميـر يـوسف بـن تـاشـفـيـن އެވެ. އޭނާގެ އަރިހުގައިވާ ލަޝްކަރުގެ އެއްބަޔަކީ ހަރުކަށި ބާޣީންނަށާއި އިސްލާމްދީނުގެ ދުޝްމިނުންނަށްޓަކައި އެބޭކަލުންގެ ކަނޑިކޮޅުތަކަކީ މަރުގެ ހޮނުގުގުރިކަމުގައިވާ ޣާޒީންނެވެ. ދެން ތިއްބެވީ އެފްރިކާގެ އަނދިރި ކަންކޮޅުތަކުގައި އިސްލާމްދީނުގެ ވޮށްތައް ދިއްލަވަމުން ގެންދަވާ ޢިލްމުވެރީންނާއި ފިޤުހުވެރީންނެވެ.

މުރާބިޠީންގެ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފުގެ ހައިސިއްޔަތުން أميـر يـوسف بـن تـاشـفـيـن ވަނީ ވަރަށް މަތިވެރި ފުތޫޙާތުތަކެއް ހާސިލުކުރައްވައިފައެވެ. ނަތީޖާއެއްގެގޮތުން މުރާބިޠީން ވަނީ ބާރުހުރި ރަސްކަމެއްގެ ވެރީންކަމުގައި ވެފައެވެ. ނަމަވެސް އަދިވެސް أميـر يـوسف ގެ ކުރިފުޅުމަތީގައި މަސައްކަތްޕުޅުތައް ވަރަށްގިނައެވެ. ބާޣީންނާއި ދެކޮޅުވެރި ނުކިއްސަރު ޖަމާޢަތްތައް އެފުރިކާގެ ވަރަށްބޮޑު ސަރަޙައްދަކަށް އޮތީ ފެތުރިފައެވެ. އެހުރިހައި އެންމެން ބަލިކުރައްވައި ކިޔަމަންކުރައްވާން ވަރަށްދިގު މުއްދަތެއް ބޭނުންފުޅުވެއެވެ. އެފުރިކާގެ ޖަންގަލިތަކާއި ސަހަރާތަކާއި ފަރުބަދަތަކުގެ އިތުރުން މެދުތެރޭ ކަނޑުގައިވެސް އެމީހުންވަނީ އެކަށީގެންވާ ވަރަކަށް ބާރުގަދަކޮށްފައެވެ. އެފުރިކާއާއި ޔޫރަޕުގެ އައްސޭރިތައްވެސް އެމީހުންގެ ފޭރުމަކުން ސަލާމަތެއް ނުވެއެވެ. މެދުތެރޭގަނޑުގެ ކުދިކުދި ބައެއް ރަށްރަށާއި އެފުރިކާގެ އައްސޭރީގެ ކުދިކުދި އެތައް ބަނދަރުތަކެއްވެސް ހުރީ އެބައިމީހުންގެ ބާރުގެ ދަށުގައެވެ. އެހެންކަމުން އެބައިމީހުން ކިޔަމަނުގައި ލެއްވުމަށްޓަކައި ކަނޑުގެ އަރުމާދެއް ބޭނުންފުޅުކަމުގައި أميـر يـوسف ދެކެވަޑައިގެންނެވިއެވެ.

ހިޖުރައިން 462 ވަނަ އަހަރު أميـر أبوبكر بـن عمر އަވަހާރަވެއްޖެއެވެ. މުރާބިޠީންގެ ޢިލްމުވެރީންގެ މަސައްކަތްޕުޅުގެ ސަބަބުން ބަރުބަރީންގެ ބޮޑުންގެ އިއްތިފާޤުން ބައިޢަތުހިފީ يـوسف بـن تـاشـفـيـن ގެ އަތްޕުޅުމައްޗަށެވެ. أميـر يـوسف ގެ އަތްޕުޅުމައްޗަށް އެންމެފުރަތަމަ ބައިޢަތު ހިއްޕެވީ އޭނާގެ ދެބެއިންގެދަރި އަޚު سيـربن أبى بـكـر އެވެ.

أميـر يـوسف އަށް މުރާބިޠީންގެ أميـر ކަން ލިބިވަޑައިގެންނެވުމުން އެފުރިކާއަކީ ބާރުހުރި އިސްލާމީ ރަސްކަމަކަށް ހެއްދެވުމުގެ މަސައްކަތްޕުޅު ކުރިޔަށްވުރެވެސް ހަލުއިކުރައްވައި ވަރުގަދަކޮށްލެއްވިއެވެ. އެފުރިކާގެ މިކުޅަދާނަ އަސްވާރު މަދުއަހަރުތަކެއްގެ ތެރޭގައިވަނީ އޭގެކުރީން މުސްލިމުންގެ އެއްވެސް ފާތިޙަކަށް ވަޑައިނުގެންނެވޭ ކަންކޮޅުތަކުގައިވެސް އޭނާގެ ފުތޫޙާތުގެ ދިދަ ވިހުރައިލައްވައިފައެވެ. އެހައިތަނާޖެހޭންދެންވެސް ދެބައިކުޅައެއްބައި ބަރަހަނާ ހާލުގައި ތިބޭ އިންސާނުން ދިރިއުޅެމުންގެންދިޔަ އަނދިރި ހިސާބުހިސާބުގައިވެސް اللّـه أكبــر ގެ އަޑު ގުގުމައިލައްވައިފައެވެ.

* * * * * * * * * * *

سعد ސަބުތާއަށް ވަޑައިގެންނެވުމުން އެނގިވަޑައިގެންނެވީ أميـر يـوسف بـن تـاشـفـيـن ވަޑައިގެންވީ ހުޅަނގުދެކުނުގެ ކޮންމެވެސް މައިދާނެއްގައި ހަނގުރާމައިގައި މަޝްޣޫލުވެވަޑައިގެންކަމެވެ. އޭނާ އެނބުރި ވަޑައިގަންނަވާއިރު ޠަންޖާގައި ދުވަސްކޮޅަކު މަޑުކުރައްވާނެކަމެވެ. أميـر يـوسف ސަބުތާގައި ހައްދަވައިފައިވާ ސަރުކާރުގެ މެހުމާންސަރާގެ ދޮރު ހުންނަނީ ކޮންމެ ބިދޭސީއަކަށްވެސް ހުޅުވިފައެވެ. سعد އެތާނގައި ފަނަރަދުވަހު މަޑުކުރެއްވިއެވެ. އޭނާ ހުންނެވީ އޭނާގެ ކޮއްކޮމެންނާއި إدريـس އާއި އޭނާގެ ރަޙުމަތްތެރީންނާމެދު ވަރަށްބޮޑަށް ފިކުރުފުޅު ބޮޑުވެފައެވެ. އެބޭފުޅުން އޭނާއަށް ޚަބަރު ފޮނުއްވުން މާލަހެއް ނުކުރައްވާނެކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އޭނާ ކޮންމެ ދުވަހަކުވެސް ބަނދަރުމައްޗަށް ވަޑައިގަންނަވައެވެ.

ހަވީރު ވަންދެން ހުންނަވަނީ ބަނދަރުމަތީގައެވެ. އަންދަލުސުން އަންނަ ނައުފަހަރުގެ މީހުނާމެދު ވިސްނައިވަޑައިގަންނަވައެވެ. އުމުރުން ދުވަސްވެފައިހުރި ދަތުރުވެރިޔެއް އެއްދުވަހަކު ނަވަކުން ފައިބައިފިއެވެ. سعد އަށް އޭނާ ފެނިވަޑައިގެންނެވުމާއެކު އެއީ ކާކުކަން އެނގިވަޑައިގެންފިއެވެ. އެއީ އޭނާގެ ރަޙުމަތްތެރި إليــاس ގެ ނޯކަރެކެވެ. سعد މީހުންތައް އެއްފަރާތްކުރައްވަމުން އޭނާގެ ގާތަށް ވަޑައިގެން އޭނާގެ މުލައްދަނޑީގައި ހިއްޕަވައިގެން އެއްފަރާތަކަށް ގެންދަވައިފިއެވެ. މުސްކުޅި ނޯކަރު سعد ގެ ސުވާލުތަކަށް ޖަވާބު އެރުވިއެވެ. "ކަލާ ޣަރުނާޠާއިން ފުރައިވަޑައިގެންނެވިރޭ ފުލުހުން أحمد އާއި حسن އާއި إدريـس އާ ތިންބޭފުޅުން ހައްޔަރުކޮށްފިއެވެ. ހަދުވަސްވަންދެން އެބޭފުޅުންނަށް އަނިޔާކުރިއެވެ. ކަލާ ޣަރުނާޠާގައި ވަޑައިގެން ނެތްކަން ސަރުކާރަށް ޔަގީންވުމުން އެބޭފުޅުން ދޫކޮށްލައިފިއެވެ. އަޅުގަނޑު މިއައީ أحمد އާއި إليــاس އާ ދެބޭފުޅުން ކަލާއަށް ލިޔުއްވި ދެސިޓީ ހިފައިގެންނެވެ.

سعد އަވަސްއަވަހަށް އެ ދެސިޓީ އަތުލައްވައިގެން ވިދާޅުވެއްޖެއެވެ. إليــاس ގެ ސިޓީގައިވަނީ إدريـس އާއި أحمد އާއި حسن ހައްޔަރުކުރި ވާހަކައިގެ ތަފުސީލު ލިޔުއްވައިފައެވެ. إليــاس ސިޓީ ނިންމައިލައްވަމުން ލިޔުއްވައިފައިވެއެވެ. އެބޭފުޅުން ދެއްކެވި ހިތްވަރުފުޅާއި ސާބިތުކަމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފަޚުރެކެވެ. އެބޭފުޅުންނަށް ނުހަނު ބޮޑަށް އަނިޔާކޮށް މަޖުބޫރުކުރުވީ ކަލާގެ އެޑްރެސް ހޯދާށާއި އަޅުގަނޑުމެންގެ އެކުވެރީންގެ ނަންފުޅުތައް ހޯދާށެވެ. އެބޭފުޅުން ކުޑަކޮށްވެސް ބަލިކަށިފުޅުކަމެއް ދެއްކެވިނަމަ އަޅުގަނޑުމެން އެންމެން މިހާރު ތިބީހީ ޖަލުގައެވެ. ފުލުހުން އެންމެބޮޑަށް އަނިޔާކުރީ حسن އަށެވެ. ފުލުހުންގެ ތަޙުޤީޤުގައި ސަބްއިނިސްޕެކްޓަރަކު ހިސާބަކަށްވުރެ ދޫނުބައިކުރުމުން حسن ކޯފާވެގެން އޭނާގެ މޫނުމަތީގައި

ތަފާލެއް ޖެއްސެވީއެވެ. حسن ގެ ގައިކޮޅުގައި ހަންމުށީން ތެޅިތަންތާނގެ ނިޝާންތައް އަޅުގަނޑު ދުށީމެވެ. އަންދަލުސުގައި އަނިޔާ ލިބެމުންދާ އިންސާނިއްޔަތު އިންތިޒާރުކުރަނީ އަނިޔާވެރީންގެ ހިސާބު ބެލެވޭނެ ދުވަހަކަށެވެ. އަޅުގަނޑުމެންގެ ހުރިހައި އުންމީދުތަކެއް ގުޅިފައިވަނީ ކަލާގެ މުހިންމަތުގެ ކާމިޔާބީއާއެވެ.

أحمد ގެ ސިޓީ ވަރަށް ކުރެވެ. އެބޭފުޅުންނަށް ލިބިވަޑައިގެންނެވި އިހާނެތި އަނިޔާތަކުގެ ވާހަކައިގެ ބަދަލުގައި އޭނާ ލިޔުއްވައިފައިހުރީ ގޭގެ ވާހަކަތަކެވެ. އޭނާ މަސައްކަތްޕުޅު ކުރައްވައިފައިވަނީ سعد ގެ ހިތްޕުޅު ހަމަޖައްސައިދެއްވޭތޯއެވެ. އޭނާ ލިޔުއްވައިފައިވެއެވެ. މަންމައާއި، ބޮޑުދައިތައާއި، ޅިޔަންބޭބެއާއި، ميـمــونـة އާއި، المـــاس ބޮޑުބޭބެ. ބޭބެގެ މުހިންމަތުގެ ކާމިޔާބީއަށް އެދިވަޑައިގެން ދުޢާކުރައްވައެވެ.

އެދުވަހާ ވިދިގެންއައި ދުވަހު سعد އޭނާގެ ކޮއްކޮމެންނަށާއި، ރަޙުމަތްތެރީން ސިޓީ ލިޔުއްވައި إليــاس ގެ ނޯކަރާ ހަވާލުކުރައްވައިފައި އޭނާ ފުރުއްވައިލައްވައިފިއެވެ. އެއަށްފަހު އޭނާ ދަތުރުކުރެއްވީ ޠަންޖާއަށެވެ. سعد ޠަންޖާގައި ދުވަސްކޮޅެއް ހޭދަކުރެއްވިއެވެ. އެދުވަސްވަރު އޭނާއާ ބެހޭގޮތުން ޣަރުނާޠާއަށް އެއްވެސް ޚަބަރެއް ނުފޮނުއްވެއެވެ. އޭނާގެ ކޮއްކޮމެންނާއި ރަޙުމަތްތެރީން ހީފުޅުކުރެއްވީ އޭނާ ކޮންމެވެސް ދުރު ދިމާޔަކަށް ވަޑައިގެންނެވީކަމުގައެވެ. ގާތްގަނޑަކަށް ދޮޅުމަހެއްހައިދުވަސް ފަހުން އެއްދުވަހަކު ސަބުތާގެ ވިޔަފާރިވެރިޔެއް ޣަރުނާޠާގެ މީހުންކުރެން أحمد بــن عبـدالمـنعــم ޚަބަރު އަހަމުން އެގެއަށް ހިނގައްޖެއެވެ. އޭނާ سعد ގެ ސިޓީއެއް أحمد އަށް ރައްދުކުރިއެވެ. أحمد އޭނާގެ ބޭބެގެ ސިޓީ ވިދާޅުވިއިރު އެސިޓީގައި ލިޔުއްވައިފައިވެއެވެ.

"ލޯބިވާ ކޮއްކޯއެވެ. إليــاس ގެ ނޯކަރު ސަބުތާއިން ފޮނުވައިލުމަށްފަހު ބޭބެ ދިޔައީ ޠަންޖާއަށެވެ. ޠަންޖާގައި ދެހަފުތާ ހޭދަކުރިތަނާ ބޭބެއަށް ޚަބަރު ލިބުނީ އެފުރިކާގެ ސަހަރާގެ ވަރަށްގިނަ ޣައިރުމުސްލިމު ވަޙުޝީ ޤަބީލާތައް އަލްޖަޒާއިރަށް އެބަ މިސުރާބު ޖަހާކަމުގައެވެ. أميـر يـوسف بـن تـاشـفـيـن ސީދާ އެދިމާޔަށް ވަޑައިގެންފިކަމުގައެވެ. ޠަންޖާގައި ދުވަސްކޮޅެއް ހޭދަކުރުމުން ބޭބެއަށް އިޙުސާސުވީ މިތާނގައި ވަގުތު ނަގައިލުން ރަނގަޅެއް ނޫންކަމެވެ. އެފުރިކާގެ ބޮޑު ސަހަރާއާއި އަލްޖަޒާއިރުގައި أميـر يـوسف ގެ ލަޝްކަރު ޙަރަކާތްތެރިވާ ގޮތާބެހޭ މަޢުލޫމާތު ޠަންޖާއަށްވުރެ ސަބުތާއިން މާފަސޭހައިން ލިބޭނެކަމެވެ. ޙަޤީޤަތަކީ އެފުރިކާގެ ކުޅަދާނަ އަސްވާރާ ތަޢާރުފުވާން ބޭބެ ބޭނުންވަނީ އޭނާގެ ވެރިކަމުގެ މަސަންދުގެ އަރިހަށްވުރެ ބޮޑަށް ހަނގުރާމައިގެ ކޮންމެވެސް މައިދާނަކުންނެވެ. އެހެންކަމުން ސަބުތާއަށް އެނބުރި އަތުވެއްޖައީމެވެ. ބޭބެ ސަބުތާއަށް އައުމުން އެނގުނީ ސަބުތާގައި ތިބި ސިފައިންވެސް ނައުފަހަރުގައި އަލްޖަޒާއިރަށް ހިނގައްޖެކަމެވެ. ހަފުތާއެއްހައިދުވަސް ކުރީން ބޭބެއަށް ސަބުތާއަށް އާދެވުނުނަމަ އެއިން ނަވަކުން ޖާގަ ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އިއްޔެ ބޭބެއަށް ޚަބަރު ލިބުނުގޮތުގައި މިތަނުން ފޯރުމާލު ހިފައިގެންދާ ނަވެއް އަލްޖަޒާއިރަށް ފުރާން އެބައުޅެއެވެ. ބޭބެ އެނަވުން ގެންދޭތޯ ނަވުގެ ކެޕްޓަނާ ވާހަކަ ދެއްކީމެވެ. އެކަމަކު އޭނާ ބުނުއްވީ ނަވުގައި އެއްވެސް ދަތުރުވެރިޔަކަށް ޖާގައެއް ނެތްކަމުގައެވެ. ޖާގަހުރިކަމުގައިވިޔަސް ބޭރުމީހަކު ގެންދަވަން އޭނާ އެއްބަސްވެނުލައްވާނެ ކަމުގައެވެ.

މިކަމުގައި ބޭބެޔާ އެހީވެދެއްވީ ސަބުތާގެ ފަގީހެކެވެ. އޭނާ ބޭބެ ގޮވައިގެން ސަބުތާގެ ޢާމިލުގެ އަރިހަށް ވަޑައިގެންނެވިއެވެ. ބޭބެއަކީ ރިޟާކާރެއްގެ ހައިސިއްޔަތުން މުރާބިޠީންގެ ލަޝްކަރުގައި ބައިވެރިވާން ބޭނުންވާ މީހެއްކަން އޭނާއަށް ޔަގީންކޮށްއެރުވުނީ ވަރަށް އުނދަގުލުންނެވެ.

(ނުނިމޭ)