ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރުވަމުންދާތީ އައިޖީއެމްއެޗުގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުން ދިއުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްޓަކައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
- އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ވަންނަ ބަލި މީހުން ހުމާއި ރޯގާ ހުރިތޯ ބެލުމަށް ދޮރުމަތީގައި ސްކްރީން ކުރެވޭނެ
- އޯޕީޑީއަށް ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާ ބަލިމީހުން ހުމާއި ރޯގާއަށް ސްކްރީން ކުރެވޭނެ
- މިއިން އެއްވެސް ހާލަތެއްގައި ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ ފްލޫ ކުލިނިކަށް ދިއުމަށް އިރުޝާދު ދެވޭނެ
- ދުރާލާ ރާވައިގެން އާންމުކޮށް ކުރަމުން އަންނަ އޮޕަރޭޝަންތައް މަދުކުރެވޭނެ
- ގިނަ އޯޕީޑީތަކުގައި ބަލި މީހުން ބެލުން ހެނދުނު 8 އިން މެންދުރު 2 އާ ދެމެދަށް ކުރުކުރެވޭނެ
- އޯޕީޑީ ވެއިޓިން އޭރިއާގައި އެއް ވަގުތެއްގައި މަޑުކުރާ ބަލި މީހުން މަދުކުރުމުގެ ގޮތުން އެޕޮއިންޓްމަންޓުތައް އެކި ގަޑިތަކަށް ބަހާލައިގެން ބަލި މީހުން ގެނެވޭނެ
އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލުގެ ހިދުމަތްދޭ ގޮތްތަކަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފައިވަނީ އާންމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި އަދި އެ ބަދަލުތައް ގެނައި ކަމުގައިވީ ނަމަވެސް، ކުއްލި ހާލަތުގައި ފަރުވާ ހޯދަންޖެހޭ ބަލި މީހުންނަށް އެމަޖެންސީ ޑިޕާޓްމަންޓުން 24 ގަޑިއިރު ފަރުވާ ލިބެމުންދާނެ ކަމަށެވެ.
މިމަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އަނެއްކާ ވެސް އިތުރުވާން ވަނީ ފަށައިފަ އެވެ. މިމަހުގެ ކުރީކޮޅު ކޭސްތަކުގެ އަދަދު 50 އިން މަތީގައި އުޅުމަށްފަހު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އުޅެނީ 100 އިން މަތީގައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަލުން ފިޔަވަޅުތައް ވަރުގަދަ ކުރަން ވެސް ފަށައިފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މެންދަމު 12:00 އިން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއި ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އޭގެ އިތުރުން ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާން ޖެހޭ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު