ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ލިބޭނީ އަންނަ މަހުގެ 11ގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ވަނީ ފަސްކޮށްފައެވެ. މިހާރު އިންތިހާބު ބާއްވާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޭޕްރީލް 10 އެވެ.
އީސީން ބުނީ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެ އަދަދު ވަނީ 130 އިން މައްޗަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާވިސް މުވައްޒަފުން މާދަމާ އިން ފެށިގެން ވަޒީފާއިން ސަސްޕެންޑުވާނެ ގޮތަށް ވެސް އީސީން ވަނީ ނިންމައިފައެވެ. ނަމަވެސް އިންތިހާބުން ނަން އަނބުރާ ގެންގޮސްފި ނަމަ، އެ މުވައްޒަފަކަށް އަލުން ވަޒީފާއަށް ރުޖޫއަވެވޭވެނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާވިސް މުވައްޒަފުން ސަސްޕެންޑުވީ ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުން ސަސްޕެންޑެއް ނުވާނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާގޮތުން، އެ ކައުންސިލްގެ އިންތިހާބު ބާއްވަން ޖެހެނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެމަހުގެ 18 އަށް ފަސްކޮށްގެން ވެސް އިންތިހާބެއް ނުބޭއްވުނެވެ. އެއީ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ދެން ޖެހުނީ، އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައަޅާށެވެ. އެހެންކަމުން އެކަމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހުށަހެޅުއްވުމުން އެ ބިލު މަޖިލީހުން ފާސްކުރިއެވެ.
އެ ގާނޫނުގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. އަދި އެ ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވެއެވެ.
މި ގާނޫނު މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރެއްވީ، މެއި 10، 2020 ގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ. އެ ގާނޫނުގައި ބުނާގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަންޖެހެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ 10ގެ ކުރިންނެވެ.
ނަމަވެސް މިހާތަނަށް އައި އިރުވެސް ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައެއް ނުވެއެވެ. އެހެންކަމުން އިންތިހާބު ބޭއްވުމާ ގުޅޭ އެއްވެސް ކަމެއް ގާނޫނުގައި ބުނާގޮތުން އީސީއަށް ކުރެވެން ނެތުމުން މިހާރު މިއޮތް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅިއެވެ.
މިމަހުގެ ތެރޭގައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިގެން އެ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސް ވަނީ ފާސްކޮށްފައެވެ. މިހާރު ބިލު އޮތްގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭނެއެވެ.
ނަމަވެސް އިންތިހާބު ބޭއްްވޭނީ، އާންމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްްގޮތްވާގޮތުގެ މަތިންނެވެ. އަދި އެ އުސޫލުތައް އެކުލަވައިލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ހާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މެއި 10ގެ ކުރިން އިިންތިހާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 30 ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް އީސީން އެކަން މަޖިލީހަށް އަންގަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު