މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 100 މިލިއަނުން މައްޗަށް އަރައިފި އެވެ.

ޗައިނާއިން 2019 ވަނަ އަހަރު ފެނުނު މި ބައްޔާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ބަލިމަޑުކަމަކުން އަދިވެސް ވަނީ އަރައިނުގަނެވިފަ އެވެ.

ބަލީގައި މުޅި ދުނިޔެއިން މިހާތަނަށް ދެ މިލިއަނަށްވުރެން ގިނަ މީހުން މަރުވެފައިވާއިރު ގިނަ ގައުމުތަކެއްގައި ބަލީގެ އިތުރު ރާޅުތަކެއް ނަގަން ފެށުމުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް ވައިރަހުގެ ބާރުގަދަވެ އިތުރު ވޭރިއަންޓުތަކެއް ފެނި އިތުރު ބިރުވެރިކަމެއް ވަނީ އުފެދިފަ އެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑު އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އެމެރިކާގަ އެވެ. އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު 25 މިލިއަނުން މައްޗަށް އަރާފައިވާއިރު ބަލީގައި ހަތަރު ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑުގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެފައިވާ އިންޑިއާގައި ކޮވިޑު ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 10 މިލިއަނަށްވުރެ ގިނަ މީހުންނަށެވެ. އެގައުމުން އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 154،000 އަށްވުރެ މައްޗަށް އަރައިފަ އެވެ.