މިއަހަރުގެ މިހާތަނަށް 78،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 78،237 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 17،870 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިންޑިއާއިން އައިސްފައިވާ އިރު، އެގައުމުން 16،155 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޔޫކްރެއިނުން އައިސްފައިވާ އިރު، ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ކަޒަކިސްތާނާއި ފްރާންސުންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ތެރޭގައި އެވްރެޖުކޮށް ދުވާލަކަށް ރާއްޖެއަށް 2،898 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން އެވްރެޖުކޮށް ރާއްޖޭގައި ނުވަ ދުވަސް ހޭދަކުރެއެވެ.
މިވަގުތު ރާއްޖޭގައި 43،042 ޓޫރިސްޓު އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ 143 ރިސޯޓަކުން 33،036 އެނދާއި 327 ހޮޓަލާއި ގެސްޓްހައުސުން 7418 އެނދާއި 134 ސަފާރީ އުޅަނދަކުން 2588 އެނދެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު އަލުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 172،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 550،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު