(25 ޖެނުއަރީ ގެ އަދަދާ ގުޅޭ)

ދެން ވާހަކަ ދެކެވުނީ އަންދަލުސާއި އެފްރިކާގެ އަދާހަމަ ޚަބަރުތަކާ ބެހޭގޮތުންނެވެ. އިރާކޮޅެއްގެ ފަހުން سعد އޭނާގެ އެކުވެރީންގެ އަރިހުގައި ވިދާޅުވިއެވެ. "މުރާބިޠީންގެ أميـر ގެ އަރިހަށް އަޅުގަނޑު މިދަނީ ވަރަށް މަތިވެރި އުންމީދުތަކަކާއެކު. މާތް اللّـه ގެ ހެޔޮމިންވަރުފުޅާއެކު އަޅުގަނޑުމެން ސަލާމަތްކޮށްދެއްވަން މެދުވެރިކުރައްވާ ފަރާތަކީ އޭނާ ކަމުގައި ވާނެކަމަށް އަޅުގަނޑު ދެކެން. އެކަމަކު އޭގެ މަޠުލަބަކީ ތިޔަބޭފުޅުން ހިތްޕުޅު ހަމަޖައްސަވައިގެން ދެއަތްޕުޅު އުރައިލައްވައިގެން ތިއްބެވުމެއް ނޫން. އާއްމު މުސްލިމުން ޣަފުލަތުގެ ނިދީން ހޭލައްވާން ތިޔަބޭފުޅުން ކުރައްވާ މަސައްކަތްޕުޅު ވަރުގަދަ ކުރައްވާތި. ތިޔަބޭފުޅުންގެ ވާޖިބަކީ އެއީ."

އެފްރިކާގެ ދަތުރުފުޅުގައި سعد އާ ބައިވެރިވެވަޑައިގަންނަވާން ބައެއް ބޭފުޅުން އެދިވަޑައިގެންނެވިއެވެ. ނަމަވެސް سعد ވިދާޅުވިއެވެ. "އެފްރިކާގައި ކަންހުރީ ކިހިނަކުންކަން އަޅުގަނޑަށް ރަނގަޅަށް އެނގުމުގެ ކުރިޔަކުން އެއްވެސް ބޭފުޅަކު އަޅުގަނޑާ ބައިވެރިކުރާކަށެއް އަޅުގަނޑު ގަބޫލެއް ނޫން."

ބައްދަލުވުން ނިމުނީ މެންދަމާ ކައިރިވާން އުޅެނިކޮށެވެ. سعد އޭނާގެ އެކުވެރީންނާ މުސާފަޙާ ކުރައްވަނިކޮށް إليــاس ގެ ނޯކަރެއް އެތެރެޔަށް ވަދެއްޖެއެވެ. އޭނާ ބުންޏެވެ. "سعد بــن عبـدالمـنعــم އާ ބައްދަލުވާން މީހަކު އައިސް އެބަހުރި. އޭނާ ބުނީ އޭނާގެ ނަމަކީ المـــاس ކަމުގައި."

سعد ވިދާޅުވިއެވެ. "އޭނާ ގެނޭ."

އިރުކޮޅެއްގެ ތެރޭގައި المـــاس އެތެރެޔަށް ވަދެއްޖެއެވެ. سعد ކަންބޮޑުވެވަޑައިގެން އޭނާއާ ސުވާލު ކުރެއްވިއެވެ. "ބޮޑުބޭބޭ. ކީއްވީ؟ ކަންތައް ރަނގަޅުތަ؟"

المـــاس ބުންޏެވެ. "ފުލުހުން ދަރިފުޅު އެބަހޯދާ. ދަރިފުޅުގެ ގެޔާއި ދަރިފުޅުގެ ޅިޔަންބޭބެގެ ގެ ފާސްކޮށްފި. ސިފައިންގެ ބަޔަކު އަދިވެސް އެ ދެގޭގައި އެބަފޯރިމަރާ. އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ބޭރަށް ނުކުންނާކަށެއް އަމުރެއްނެތް. އަޅުގަނޑު ބޭރަށްނުކުތީ ވަރަށް އުނދަގުލުން. ގޭގެ ބިއްދޮށުން ފާރުމަތީން އަރައިގެން. ދަރިފުޅު ވަޑައިގެންވީ މިގޭގައި ކަމެއް ނޭނގެ. އެހެންވެ އަޅުގަނޑު މިއައީ ދަރިފުޅުގެ ވަރަށްގިނަ ރަޙުމަތްތެރީންގެ ގޭގެއަށްގޮސް ދަރިފުޅު ފެނޭތޯ ބަލައިފައި."

އިރުކޮޅެއްވަންދެން އެކޮޓަރިޔަށް ވެރިވެފައިއޮތީ ހަމަހިމޭންކަމެވެ. އިރުކޮޅަކުން سعد ވިދާޅުވިއެވެ. "ބައިޣާގައި އަޅުގަނޑު ދެއްކި ވާހަކަ އެމީހުންނަށް އެނގުނީ ކަމުގައިވާނީ!"

المـــاس ބުންޏެވެ. "އެންމެފުރަތަމަ ގެއަށްއައީ ފުލުހުންގެ ސަބްއިނިސްޕެކްޓަރެއް. އޭނާއާއެކު ސިފައިންގެ ދެމީހުން އައި. އެމީހުން އަޅުގަނޑު ގާތު ބުނީ ޣަރުނާޠާގެ މޭޔަރ سعد ބަލައިފޮނުއްވީކަމަށް.

سعد ގޭގައި ނުއުޅުއްވާ ވާހަކަ އަޅުގަނޑު ބުނުމުން އެމީހުން ހިނގައްޖެ. އިރުކޮޅެއްގެފަހުން އޭނާ އައީ ސިފައިންގެ ދިހަމީހުން ގޮވައިގެން."

سعد ވިދާޅުވިއެވެ. "އެމީހުން އެއްވެސް މީހަކަށް ހަރުކަށިކަމެއް ނުދައްކާތަ؟"

"އާދެ، އެކަމަކު އަޅުގަނޑަށް އިންޒާރުކުރި."

سعد އޭނާގެ އެކުވެރީންނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އެމީހުން އަޅުގަނޑު ހޯދަން ރަށުގެ އެތަންމިތަނުގައި އަތްފުނާ އަޅާނެ. އަވަހަށް އަޅުގަނޑުމެން ވަކިވަކިވާންވީ."

المـــاس ސުވާލު ކުރިއެވެ. "ދަރިފުޅު ވަޑައިގަންނަވާނީ ކޮންތަނަކަށްތޯ؟"

"މިގެއިން ނުކުތުމަށްފަހު އަހަރެން މިސުރާބު ޖަހާނީ ސަބްތާއަށް. ދެނެއް އަހަންނަކަށް ގެޔަކަށް ނުދެވޭނެ."

"އެންމެ ރަނގަޅު. ދަރިފުޅު އަޅުގަނޑުގެ އަސް ގެންދަވާ."

"ބޮޑުބޭބެގެ ދަހަނާއާއި ކަނޑިއާވެސް އަޅުގަނޑު ބޭނުންވާނެ. އަޅުގަނޑު އެއްވެސް އެއްޗެއް ނުގެންނަން."

المـــاس ޖަވާބު ދިނެވެ. "އެންމެ ރަނގަޅު. ދަރިފުޅު ކޯރުގެ ފާލަންކައިރީގައި އިންތިޒާރުކުރައްވާ. އަޅުގަނޑު ބޭނުންފުޅުވާނެ ހުރިހައި އެއްޗެހިކޮޅެއް ހިފައިގެން އެބަދަން."

سعد އޭނާގެ ކޮއްކޮމެންގެ އަރިހުގައި ވިދާޅުވިއެވެ. "ކޮއްކޮމެން ގެޔަށް ވަޑައިގަންނަވާ. ބޭބެގެ ބަދަލުގައި ތިޔަ ދެބެއިން ހައްޔަރުކޮށްވެސްފާނެ. އަޅުގަނޑަށް إدريـس މިރަށަށް ނުގެނެވުނުނަމަ ކިހައި ރަނގަޅު."

إدريـس ވިދާޅުވިއެވެ. "أحمد އަށާއި حسن އަށް ބަރުދާސްކުރެއްވޭ އަދަބެއް އަޅުގަނޑަށްވެސް ބަރުދާސްތު ކުރެވޭނެ."

المـــاس ބުންޏެވެ. "އެމީހުން މިބޭފުޅުންގެ ގައިކޮޅަކަށް އަރެއް ނުގަންނާނެ. ފަހަރެއްގައި މިބޭފުޅުން ހައްޔަރުކުރި ކަމުގައިވިޔަސް سعد ރަށުގައި ވަޑައިގެން ނެތްކަން އެނގުމުން ދޫކޮށްލައިފާނެ. އެހެންނޫނީ ކުށެއްނެތް މަދުބަޔަކު ޖަލުން ނެރެވޭހައި ބާރު އަޅުގަނޑުމެންގެ ކިބައިގައިވެސް އެބަހުރި. މިވަގުތު އަޅުގަނޑުމެން އެންމެ އިސްކަންދޭންވީ ދަރިފުޅުގެ އެފްރިކާ ދަތުރުފުޅަށް. މިހާރު މިގޭގައި ވާހަކަ ދައްކަވާން ތިއްބެވުން ރަނގަޅެއް ނޫން. ދަރިފުޅު ފާލަން ހުރަސްކުރައްވައިފައި އަނެއްފަރާތަށް ވަޑައިގަންނަވާ. އެތާ ކޮންމެވެސް ރައްކާތެރި ތަނެއްގައި ހަމަޖެހިލައިގެން ތިބެ އަޅުގަނޑުމެން ވާހަކަ ދައްކާނީ."

سعد ދޮރާ ދިމާޔަށް ހިންގަވައިގެންފައި ކޮންމެވެސް ޚިޔާލުފުޅެއް އައިސްގެން އެނބުރިވަޑައިގެން المـــاس އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ."

"ބޮޑުބޭބެ المـــاس! އަޅުގަނޑަކަށް ބޭބެއާ ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނު. އަޅުގަނޑު މިދަނީ ބޭބެގެ ޤައުމަށް. ކަންކަން ރަނގަޅަށްދާނަމަ އަޅުގަނޑު ފަހަރެއްގައި ބޭބެ އެތަނަށް ގެންދާނަން. أحمد އާއި حسن އަށްވުރެ ކުރީން ބޭބެ ގެއަށްދިޔުން މުހިންމު. ގެއަށް ވަންނަންވާނީ ބޭބެ ގެއިން ނުކުތްގޮތަށް ގޭގެ ބިއްދޮށުން ފާރުމަތީން އަރައިގެން. ފުލުހުން ޝައްކު ނުކުރާނީ އޭރުން."

އިރުކޮޅެއްގެފަހުން سعد ހުންނެވީ ކޯރުގެ ފާލަން ހުރަސްކުރައްވައިފައި އަނެއްފަރާތަށް ވަޑައިގެން މަގުކައިރީގައެވެ. އޭނާގެ އެކުވެރީން ތިންބޭފުޅުން ހަތަރު ބޭފުޅުންގެ ވިލިވިއްޔަށް އެކިމަގުމަގުން ވަޑައިގެން އޭނާގެ އަރިހަށް ޖަމާވެވަޑައިގަންނަވަމުން ގެންދެވިއެވެ. إدريـس އާއި حسن އާއި أحمد އާވެސް ވަޑައިގެންފިއެވެ.

ހަނދުވަރުގެ އަލީގައި ހުރިހައި ބޭފުޅުންގެވެސް ނަޒަރު ހުއްޓިފައިހުރީ سعد ގެ މޫނުފުޅަށެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ޚިޔާރުކޮށްފައިމިވާ މަގުގައި ކުރިޔަށްދާއިރު މިކަހަލަ ކިތަންމެ މަރުޙަލާތަކަކާ ކުރިމަތިވާނެ. އަޅުގަނޑަށްވުރެ ގިނަ އުނދަގޫތައް ތަޙައްމަލުކުރައްވާން ތިޔަބޭފުޅުންނަށް ޖެހިވަޑައިގެންނެވުމަކީ ދުރުކަމެއް ނޫން. ތިޔަބޭފުޅުން ސާބިތުކަމުގައި ދެމިތިއްބަވައިފިނަމަ މާތް اللّـه ގެ އިރާދަފުޅާއެކު މިކުޑަކުޑަ ޖަމާޢަތަކީ އަންދަލުސުގެ ސަލާމަތްކަމުގައިވާނެ. ހިންގަވާ އަޅުގަނޑުމެން ޙައްޤަށް ނަޞުރު ދެއްވުންއެދި ދުޢާކުރަމާ."

سعد ގެ ދުޢާފުޅުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ހުރިހައި ބޭފުޅުން އަތްޕުޅު އުފުލައިލައްވައިފިއެވެ. سعد ގެ ހިތްޕުޅުގެ އެންމެ ފުނުން ނުކުތް އަޑުފުޅުން ރަޙުމަތްވަންތަ ربّ العــالـمــين ގެ ޙަޟުރަތަށް އިލްތިމާސް ކުރެވެމުން ދިޔައެވެ. އޭނާގެ ކަރުނަފޮދުން ޤައުމުގެ ފަސްބައިން ނިކަމެތިކަމާއި އަބުރު ގެއްލުމުގެ ލައްގަނޑުތައް ދޮވެމުންދެއެވެ. އެވަގުތު ރަޙުމަތުގެ މަލާއިކަތަކު އެފްރިކާގެ ސަހަރާގެ އަސްވާރަކަށް މެސެޖު ރައްދުކުރައްވަމުން ގެންދެވި ކަހަލައެވެ. ޤުދުރަތުން ތިބާގެ ޢަޒުމާއި، ހިންމަތާއި ކެރުމުގެ އިމްތިހާނު ކުރައްވަން އިންތިޚާބު ކުރައްވައިފައިވާ މައިދާނަކީ طــارق އާއި مـوسـى (رحـمـهم اللّـه) އިސްލާމީ ދިދަ ވިހުރުއްވެވި މައިދާނެވެ!

سعد ގެ ދުޢާފުޅު ނިންމަވައިލެއްވިތަނާ إليــاس އަސްމަތީގައި ވަރަށް ބާރަށް ވަޑައިގެންފިއެވެ. އޭނާ އަސްމަތީން ފައިބައިވަޑައިގެން سعد އަށް ކަނޑިކޮޅަކާއި ދުނިދަނޑިކޮޅަކާއި ތުރުކަހެއް ދެއްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު އަހުގެ ދަބަހަށް ދަހަނާއަކާއި ދެހެދުމާ ލައިފައި އޮންނާނެ. ހެދުން ލައިފައި އޮތް އުރައިގައި ސަތޭކަފަންސާސް ދީނާރުވެސް އޮންނާނެ. ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ކަލާގެ އަރިހަށް ސަބުތާއަށް މީހަކު ފޮނުވާނަން. ފުލުހުން ޢަމަލުކުރި ގޮތެއްގެ ޚަބަރު އޭނާގެ ފަރާތުން އެނގިވަޑައިގަންނަވާނެ. ކަލާވެސް ކަލާގެ މަސައްކަތްޕުޅުގެ މަޢުލޫމާތު ފޮނުއްވަމުން ގެންދަވާތި! އިތުރަށް ފައިސާ ބޭނުންފުޅުވެވަޑައިގެންނެވި ކަމުގައިވިޔަސް ކުޑަވެސް ފަސްޖެހިވަޑައިގެންނެވުމަކާ ނުލައި އަޅުގަނޑަށް ޚަބަރު ފޮނުއްވާތި."

"ތިޔަ ފައިސާއަކީ އަޅުގަނޑަށް ވަރަށްގިނަ ފައިސާ."

"އެންމެ ރަނގަޅު. އަވަހަށް އަހަށް ސަވާރުވެވަޑައިގަންނަވާ!"

سعد އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. حسن އަހުގެ ލަގަނުގައި ހިއްޕަވައިގެން ކުރިމަތީން ވަޑައިގަންނަވާން ފައްޓަވައިފިއެވެ. سعد ތަންކޮޅަކަށް ވަޑައިގެންފައި އަސް މަޑުކުރައްވައިފިއެވެ. އޭނާ ވިދާޅުވިއެވެ. "حسن ކޮއްކޮވެސް ދެން ގެޔަށް ވަޑައިގަންނަވާ! މަންމަޔަށް ތަސައްލީ ދެއްވާތި! ކޮއްކޮމެންނަށް މުސީބަތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންފިނަމަ ހަނދުމަފުޅު ކުރައްވާތި ކޮންމެ މުއުމިނެއްގެވެސް ޙަޔާތުގެ މަޤުޞަދު އޭނާގެ ދިރިހުރުމަށްވުރެ މުހިންމުވާންޖެހޭނެ."

حسن ވިދާޅުވިއެވެ. "ބޭބެއެވެ! އަޅުގަނޑު ގެއަށް ދިޔުމުގެ ކުރީން ބޮޑުދައިތާފުޅުގެ އަރިހަށް ދެވޭތޯ މަސައްކަތް ކުރާނަން. ބޭބެ ميـمــونـة ދައިތަޔަށް އެއްވެސް ޚަބަރެއް ފޮނުއްވަން ބޭނުންފުޅުތޯ؟"

سعد ހަމަޖެހިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. އަޅުގަނޑު މިރަށުން ފުރައިގެންދަނީ ރޭގަނޑެއްގައެވެ. މިރަށާ ވަކިވެގެން މިދަނީ އިރާދަފުޅާއެކު އަޅުގަނޑު އެނބުރި އަންނައިރު އައު ފަތިހެއްގެ އުފާވެރި ޚަބަރާއިގެން އާދެވޭނެކަމުގެ އުންމީދުގައެވެ. ހަމައެކަނި ميـمــونـة އަކަށެއް ނޫނެވެ. އެ ފަތިސްވާނީ އަންދަލުސުގެ އެތައްލައްކަ އަންހެން ދަރީންނާއި ފިރިހެން ދަރީންނަށްޓަކައި އުފާފާގަތިކަމުގެ ފަތިހެއް ކަމުގައެވެ. މާތް اللّـه ކޮއްކޮމެން ރައްކާތެރި ކުރައްވާށި!" سعد އޭނާގެ އަހުގައި ހަންމުށި އަޅުއްވައިފިއެވެ.

(ނުނިމޭ)