ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނު ކޮށްފައި ވަނިކޮށް މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތްދޭ އުސޫލު ހިމަނައި، އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވައިދަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަދަލު ގެނެސްފިއެވެ.
އަމިއްލައަށް އެދިގެން މަގާމުން މުސްކުޅި ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވައިދުގައި، ދެވަނަ ފަހަރަށް މަގާމުން މުސްކުޅި ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމަކަށް މިހާރު ހިމަނައިފައެއް ނުވެއެވެ.
ނަމަވެސް އުމުރުން 55 އަހަރު ފުރުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް ޖޭއެސްސީއަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނުން ވަކިކުރުމަށް ކަނޑައަޅާ ފަރާތްތަކާއި، މުސްކުޅި ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމަށް ގަވައިދުގައި ހިމަނާފައިވެއެވެ.
އެ ފަރާތްތަކަށް ހަތަރު އިނާޔަތެއް ދިނުމަށް ގަވައިދުގައި ކަނޑައަޅާފައިވެއެވެ. އެއީ އެއްފަހަރާ ދޭ އިނާޔަތާއި، މުޅި އުމުރަށް މަހުން މަހުންމަހަށް ދޭ އިނާޔަތާއި، އެހެން އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވާ ލިވިން އެލަވަންސާއި ސިއްހީ ސަބަބުތަކާ ހެދި ވަކިވާ ފަރާތްތަކަށް ދޭ އިނާޔަތެވެ.
އޭގެ ތެރެއިން އެއްފަހަރާ ދޭ އިނާޔަތަކީ މުސްކުޅި ކުރާ ފަނޑިޔާރަކު، ފަނޑިޔާރު ކަމުގައި ހިދުމަތްކޮށްފައި ވަނީ 30 އަހަރަށްވުރެ ކުރު މުއްދަތެއްގައި ނަމަ، އެ މީހަކު ވަކިވާ އިރު މަހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅަ އެއްބައި، އެމީހަކު ފަނޑީޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަ ކުރުމުން ލިބޭ މިންވަރެވެ. 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމްތަކުރައްވާ ފަރާތެއް ނަމަ، ހިދުމަތުގެ މުއްދަތާ ގުނަ ކުރާނީ މުސާރައިގެ ދެބައިކުޅަ އެއްބަޔެވެ.
މުޅި އުމުރަށް މަހުން މަހަށް ދޭ އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހިދުމަތްކޮށްފައިވާ އަހަރުގެ މުއްދަތާއި ލިބެމުން އައި މުސާރައިގެ ސާޅީސްބައިކުޅަ އެއްބައި ގުނަ ކުރުމުން ލިބޭ އަދެވެ.
އެ ގަވައިދަށް ހަތަރުވަނަ މާއްދާއެއްގެ ގޮތުގައި އިތުރުކުރުމަށް ޖޭއެސްސީން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން، ނުވަތަ އަލަށް ތަސްދީގުކުރާ ގާނޫނަކުން، ނުވަތަ އެހެން ސަބަބަކާހުރެ ވެސް، ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިކުރި އިރު ދައުލަތަށް ހިދުމަތްކޮށްފައިވާ މުއްދަތަށް، ނުވަތަ ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، އެއްފަހަރާ ދެވޭ އިނާޔަތެއް ދައުލަތުން ދީފައިވާ ފަނޑިޔާރުން، ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނު ކޮށްފައި ވަނިކޮށް މަގާމުން މުސްކުޅިކުރާ ހާލަތުގައި، އެއްފަހަރާ އިނާޔަތް ދިނުމުގައި ހިސާބުކުރުމަށް މުއްދަތު ބަލާނީ، އެ ފަނޑިޔާރަކު ފަހުން އައްޔަނު ކުރުމަށްފަހު މަގާމުން މުސްކުޅިކުރުމާ
ދެމެދު ހިދުމަތްކުރި މުއްދަތަށް ކަމަށެވެ.
މުޅި އުމުރަށް މަހުން މަހަށް ދޭ އިނާޔަތް ހިސާބުކުރާނީ، ފަނޑިޔާރު ކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރުކަމަށް އައްޔަނުކުރި މުއްދަތު ގުޅުވައި، މަގާމުން މުސްކުޅިކުރުމާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށް ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު