Close
ޚަބަރު

ބިދޭސީ މުވައްޒަފުންނަށް ދޭ އެކޮމަޑޭޝަން އެލަވަންސް ދިވެހިންނަށް ނުދިނުމަކީ ތަފާތުކުރުމެއް ނޫން: ސުޕްރީމް ކޯޓު

އިބްރާހިމް ޒަކީ

ބިދޭސީ މުވައްޒަފުންނަށް އެކަނި، އެކޮމަޑޭޝަން އެލަވަންސް ދޭ މައްސަލައިގައި، މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ މޯލްޑިވިއަން އެއާ ޓެކްސީގެ 23 މުވައްޒަފުން ހުށަހެޅި މައްސަލައިގައި ބިދޭސީންނަށް އެފަދަ އެލަވެންސެއް ދިނުމަކީ ތަފާތުކުރުން ނޫން ކަމަށް ސުޕްރީމު ކޯޓުން ނިންމައިފި އެވެ.

މޯލްޑިވިއަން އެއާ ޓެކްސީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އެކޮމަޑޭޝަން އެލަވަންސް ނުދީ، އެތަނުގެ ބިދޭސީ މުވައްޒަފުންނަށް އެކޮމަޑޭޝަން އެލަވެންސްގެ ގޮތުގައި 900 ޑޮލަރު ދޭތީ 2009 ވަނަ އަހަރު އެ މައްސަލަ ފުރަތަމަ ހުށަހެޅީ، ވަޒީފާއާބެހޭ ޓްރަބިއުނަލަށެވެ.

އެ މައްސަލަ ބެލުމަށްފަހު ދިވެހި މުވައްޒަފުންނަށް ވެސް އެކޮމަޑޭޝަން ހަމަޖައްސައި ދިނުމަށް ޓްރައިބިއުނަލުން އަމުރު ކުރި އެވެ. ނަމަވެސް އެ ނިންމުން އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މޯލްޑިވިއަން އެއާ ޓެކްސީއާ އެއްކޮޅަށް އެ ކޯޓުން މައްސަލަ ނިންމި އެވެ.

އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމުގެ ގަވާއިދުގައި، ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީންގެ ކެއުން ބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާ ގޮތަކަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުގެ މައްޗަށް ރިއާޔަތްކޮށް، ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން ބިދޭސީންގެ އެކޮމަޑޭޝަން ނުވަތަ އެކޮމަޑޭޝަން އެލަވަންސް ހަމަޖައްސައިދީ ބިދޭސީންނާއި އެއް ފެންވަރެއްގެ މަގާމެއްގައި ވަޒީފާ އަދާކުރާ ދިވެހިންނަށް އެކޮމަޑޭޝަން ނުވަތަ އެކޮމަޑޭޝަން އެލަވަންސް ހަމަޖައްސައި ނުދިނުމަކީ، މަސައްކަތްކުރާ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާ ކަމެއް ކަމަށް ވަޒިފާއާބެހޭ ގާނޫނުގައި ބުނާ ބުނުމާ ތައާރަޒުވާ ކަމެއް ނޫން،" ކަމަށެވެ.

ހައިކޯޓުގެ އެ ނިންމުން ސުޕްރީމު ކޯޓުގައި 23 މުވައްޒަފުންގެ ފަރާތުން އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި، ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވެވުމުގެ ކުރިން، މައްސަލަ ބެއްލެވި ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ރައުޔު އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ، "ރާއްްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު"ގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންގެ ކެއުން ބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

އެގޮތަށް ބަޔާންކޮށްފައި އޮތުމުގެ މައްޗަށް ރިއާޔަތްކޮށް، ބިދޭސީންނާ އެއް ފެންވަރެއްގެ މަގާމުގައި ތިބޭ ދިވެހި މުވައްޒަފުންނަށް އެކަމޮޑޭޝަން ނުވަތަ އެލަވަންސް ހަމަޖައްސައި ނުދިނުމަކީ ތަފާތުކުރުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އުއްތަމަ ފަނޑީޔާރުގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއް ސުއޫދު ތާއީދު ކުރެއްވި އެވެ.