ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުން ގްރީން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ގްރީން ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.

މެޗު ފެށިގެން މާގިނައިރެއް ނުވެ، ގްރީންއިން ލީޑު ނެގިއެވެ. ސަސްގެ ޑިފެންސަށް ހެދުނު ބޮޑު ގޯހެއްގެ ބޭނުން ހިފައި ލީޑު ނަގައިދިނީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. ކެޕްޓަން އަހުމަދު ޝާފިއު ގޯލްކީޕަރަށް ދޭން މަސައްކަތް ކުރި ބޯޅައެއް ހޯދައި އޭނާ ގޯލް ޖެހީ ފަސޭހަ ކަމާއެކުގައެވެ. މެޗުގައި ސަސްގެ ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި، ޕާކިސްތާން ގޯލްކީޕަރު ސާގިބު ހަނީފެވެ.

ވިކްޓާ ރޮޑްރިގޭޒް އާއި ބިދޭސީ މިޑްފީލްޑަރު އިއުސޫކޭ މޮހޮރީ ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތައް ސާގިބު މަތަކޮށްފައިވާއިރު، ދެވަނަ ހާފުގައި ހަސަން އަދްހަމް (ސަޑޭ) ޖެހި ޕެނެލްޓީވެސް އޭނާ މަތަކުރިއެވެ.

މެޗުގެ 28 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑު ފުޅާކޮށްދިން ގޯލު ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާން) އެެވެ. އެ ޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނަގައިދިން ހުރަހަކުން ޔާން މި ގޯލު ޖެހީ ބޮލުންނެވެ. އޭގެ ފަހުން އޭރިއާތެރެއިން ހަލީލް ހުސްކޮށްލާފައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔާން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

މި މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސް އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ ފަސް ވަނައިގައި އޮތް ސަސްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. މެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސް ހަތަރު ވަަނަ އަށް އެރީ އަށް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ފަސް ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް ހަތް މެޗުން ނުވަ ޕޮއިންޓް ލިބިފައިވެއެވެ.