ޚަބަރު

އެސްޓީއޯގެ ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ހުޅުވާލައިފި

އެސްޓީއޯ އިން ހުޅުމާލޭގައި ހަދާ ފައިވް ސްޓާ ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި ހޮޓާ ހަދަން އެސްޓީއޯ އިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. އެ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ، އެތަނުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. އޭގެ ފަހުން އެސްޓީއޯ އިން 2018 ވަނަ އަހަރު ނިންމީ އެތަން ވިއްކާލުމަށެވެ. ނަމަވެސް އެކަމަށް އެދެވޭ ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެ އެވެ. ފަހުން އެސްޓީއޯ އިން ވަނީ އެ ހޮޓާގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރުގެ ޖުލައި މަހު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ހޮޓާ ތަރައްގީ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަށް ހޯދުމަށް އާންމުކޮށް ހުޅުވާލާ ކަމަށް އިއުލާނުގައިވެ އެވެ.

އިއުލާނުގައި އިތުރަށް ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް އެކަން ހުށަހަޅަން އެދޭ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މީގެ ކުރިން ވިދާޅުވީ، ހޮޓާ ގަންނާނެ ބަޔަކު ނުވެއްޖެނަމަ، އެތަން އެހެން ކަމަކަށް ބޭނުން ކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

އެސްޓީއޯ އިން ޓޫރިޒަމަށް ނުކުނަން ބޭނުން ވެ ހުޅުމާލޭގައި ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އަދި އެތަން ނަގާފައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ފައިވް ސްޓާ ހޮޓަލުގައި 250 ކޮޓަރި ހިމެނެއެވެ.

އެ ހޮޓަލުގައި 194 ސްޓެންޑާޑް ކިންގް ސައިޒް ކޮޓަރި އާއި 24 ސްޓެންޑާޑް ޓްވިން ކޮޓަރީގެ އިތުރުން 27 ޑިލަކްސް ކޮޓަރި އަދި ފަސް ސްޓޫޑިއޯ ކޮޓަރި ހުންނާނެއެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލް އަދި ޝޮޕިން ސަރަހައްދެއް ވެސް ހިމެނެ އެވެ.