ރާއްޖެޓީވީގެ ޝޯއެއްގައި ސިފައިންގެ އުޅަނދުތައް ބޭނުންކުރަން ހުއްދަ ދޫކުރީ، އިޖްތިމާއީ ހިދުމަތެއް ގޮތުގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރާއްޖެޓީވީން އަންނަ ރޯދަ މަހު ދެއްކުމަށް ހަމަޖެހިފައިވާ "ސެލެބްރިޓީ ރޭސް" ރިއަލިޓީ ޝޯގެ ޝޫޓިންތަކުގައި ސިފައިންގެ ހެލިކޮޕްޓަރާއި އެހެނިހެން އުޅަނދުތައް ބޭނުން ކޮށްފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެންޑީއެފުގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ޒަމާނުންސުރެ ވެސް އެމްއެންޑީއެފުން އާންމު ރައްޔިތުންނާއި ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މީޑިއާތަކާއި ކުންފުނިތަކާއި ކައުންސިލުތަކުން އަދި ސުކޫލު މަދަރުސާތަކުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ދިވެހި އަސްކަރިއްޔާގެ އެހީތެރިކަމަށް، އެ ފަރާތްތަކުން އެދޭ ކަންކަމުގައި ސިފައިންގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތެއްގެ މަތިން ލިބެން ހުރި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި މިންވަރަކުން ހުއްޓުމެއް ނެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި މިއީ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަގުސަދުގައި ޒަމާނުންސުރެ، ފޯރުކޮށްދެމުން އަންނަ ސިފައިން އިޖުތިމާއީ ހިދުމަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މި ރިއަލިޓީ ޝޯގެ ޝޫޓިންތަކަށް އެމްއެންޑީއެފުގެ ހެލިކޮޕްޓަރުގެ އިތުރު އިތުރު ފަސް އުޅަނދެއް ވަނީ ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި ފަޔާ ލޯންޗަކާއި ކޯސްޓުގާޑުގެ އުޅަނދަކާއި ބޮޑު ލޭންޑިން ދެ ކްރާފްޓުގެ އިތުރުން ރޭޑާ އުޅަނދެއް ވެސް ވަނީ ބޭނުންކޮށްފަ އެވެ.