މިދިޔަ އަހަރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 114 މައްސަލައެއް ބަލައި 15 ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު އެ ކޮމިޝަނުން ހާމަކުރި 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ކޮމިޝަނުން، މުޅިން އަލަށް ބަލަން ފެށި 41 މައްސަލައާއެކު 114 މައްސަލަ ބަލާފައިވާ އިރު، އޭގެ ތެރެއިން 54 މައްސަލައެއް ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ނުވަ ފަނޑިޔާރު ވަކިކުރުމަށް ނިންމާފައިވާ އިރު، ދެ ފަނޑިޔާރުން ސަސްޕެންޑްކުރަން ވަނީ ނިންމައިފައެވެ. އަދި ހަތަރު ފަނޑިޔާރަކަށް ނަސޭހަތާއެކު ތަމްރީނު ފުރިހަމަކުރުވުމަށްވެސް ވަނީ ނިންމައިފައެވެ.
ތަފާސްހިސާބުތަކުގައި ވާގޮތުން 114 މައްސަލަ ބެލުމަށް 44 ތަހުގީގު ކޮމިޓީއެއް ޖޭއެސްސީން އުފެއްދިއެވެ.
ޖޭއެއްސީއަށް ހުށަހަޅާ މައްސަލަތައް ބަލަން ނިންމަނީ، އެ މައްސަލަތަކަކީ ބަލަންޖެހޭ މައްސަލަތަކެއްތޯ ކަމާބެހޭ ކޮމިޓީއަކުން ދިރާސާ ކުރުމަށްފަހުގައެވެ. އެގޮތުން މިދިޔަ އަހަރު 304 މައްސަލަ އެ ކޮމިޓީން ދިރާސާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ތަފާސްހިސާބުތަކުގައި ވާގޮތުން ކޯޓުތަކުގައި މިހާރު 188 ފަނޑިޔާރުން އެބަ ތިއްބެވެ. އޭގެ ތެރެއިން ތިން ޕަސެންޓަކީ އަންހެން ފަނޑިޔާރުންނެވެ.
މިދިޔަ އަހަރު ޖޭއެސްސީން ކޯޓުތަކަށް 22 ފަނޑިޔާރުން ވަނީ އައްޔަންކޮށްފައެވެ. އެގޮތުން ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން، ހައިކޯޓަށް ދެ ފަނޑިޔާރުން އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ނުވަ މެޖިސްޓްރޭޓަރަކު ވަނީ އައްޔަންކޮށްފައެވެ.
މިދިޔަ އަހަރު ހަތަރު ފަނޑިޔާރެއް ރިޓަޔާކޮށް ނުވަ ފަނޑިޔާރަކު އިސްތިއުފާދެއްވާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު