މެޗުގެ ފަހު ސިކުންތުގައި ކަހަލަ ގޮތަކަށް ކްރިސްޓިއަން އެރިކްސަން ޖެހި ހިތްގައިމު ހިލޭ ޖެހުމާއެކު އިންޓަ މިލާނުން އޭސީ މިލާން ބަލިކޮށްފިއެވެ.
ކޮޕާ އިޓަލިއާގައި ރޭ ކުޅުނު މިލާން ޑާބީ އިންޓަ އިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އޭސީ މިލާން ވަނީ ކަޕުން ކަޓާފައެވެ. އިންޓައިން ވަނީ ސެމީގެ ޖާގައެއް ޔަގީން ކޮށްފައެވެ. މެޗުގައި އޭސީގެ ތަޖުރިބާކާރު ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗަށް ރަތް ކާޑު ދައްކާފައިވާއިރު، އޭނާއާއި އިންޓަގެ ފޯވަޑް ރޮމެލޫ ލުކާކޫގެ ފަރާތުން ވަރަށް ގިނަ ފަހަރު މަތިން ކުރިމަތިލުންތައް ފެނިފައިވެއެވެ.
ރޭގެ މެޗުގެ 31 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހައި އޭސީއަށް ލީޑު ނަގައިދިނީ އިބްރަހިމޮވިޗެވެ. އިންޓައާ ދެކޮޅަށް އެންމެފަހުން އޭނާ ކުޅުނު ހަތް މެޗުގައި އަށް ގޯލް ޖަހާފައިވެއެވެ. އިބްރާހިމޮވިޗަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކީ ލުކާކޫއާ ދެކުޅުންތެރިން އެކަކު އަނެކަކަށް ބޯ ޖައްސާ އިންޒާރު ދިން މައްސަލައިގައެވެ.
އެ މައްސަލައިގެ ހޫނުކަން މަތީގައި ހާފު ނިންމާލާފައި ވަދެގެން ދަމުންވެސް އިބްރަހިމޮވިޗް ވަނީ ލުކާކޫއަށް ބަހުގެ ހަމަލާތައް ދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން 13 ވަނަ މިނެޓްގައި އެލެކްސެންޑްރާ ކޮލަރޯވްއަށް ކުރި ފައުލަކަށް އިބްރާހިމޮވިޗަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑުވެސް ދައްކައި، ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ.
އޭގެ އިރުކޮޅެއްފަހުން ލުކާކޫ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވާއިރު، އެ ގޯލަކީ ޕެނެލްޓީއެކެވެ. އިންޓައިން ނަތީޖާ ހަމަހަމަ ކުރުމަށްފަހު ވަރަށް ބޮޑަށް ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އޭސީ މިލާންގެ ގޯލްކީޕަރު ސިޕްރިއަން ޓަޓަރުސަނޫ ހުރީ ރަނގަޅު ފޯމެއްގައެވެ. އެހެން ނަމަވެސް އޭނާ ފޫ އަޅައިގެން ދިޔައީ މެޗުގެ ފަހު ސިކުންތުގައި އެރިކްސަން ޖެހި ހިތްގައިމު ހިލޭ ޖެހުމުންނެވެ.
އެ ގޯލަކީ އެރިކްސަން ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ. ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން އޭސީ މިލާންގެ ކޯޗު ސްޓެފަނޯ ޕިއޯލީ ބުނެފައި ވަނީ އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކުމާއެކު ޓީމުގެ އެހެން ކުޅުންތެރިން ފަރާތުން އޭނާ މައާފަށް އެދިފައިވާ ކަމަށެވެ. އެއީ ޗެމްޕިއަނުންގެ ސިފައެއް ކަމަށްވެސް ޕިއޯލީ ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު