ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް މަގާމުގެ މަސްްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ހަލީމް މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައިވަނީ އިއްޔެ ކަމަށެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅޫވި އެވެ.

ޒިޔާއު ވިދާޅުވީ މައްސަލަ ބަލައި ނިމެންދެން މުއްދަތެއް ނެތް ގޮތަށް ހަލީމް ސަސްޕެންޑް ކުރި ނަމަވެސް ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަން މިވަގުތު ވިދާޅުވެވެން ނެތް ކަމަށެވެ.

ހަލީމް ސަސްޕެންޑް ކޮށްފައިވާއިރު ދާދި ފަހުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގައި އިންނަވާ އޮފީހުގައި ދައްކާ ވާހަކަތައް އަޑުއެހުމަށް "ބަގު" ކުރުމުގެ ބޭނުމުގައި އެކަމަށް ބޭނުންވާ އާލާތް ހަރުކުރަން އުޅުނު މައްސަލައެއް ވަނީ ފެންމަތި ވެފަ އެވެ. އޭރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާން ބޭނުން ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް އެ މައްސަލަ ހުށަހަޅައި އެކަން ބެލުމަށް އަންގާފައި ވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ހަލީމް ސަސްޕެންޑް ކުރީ މި މައްސަލައާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ. އޭނާ ސާޖަންޓް އެޓް އާމްސްގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2013 ވަނަ އަހަރުގަ އެވެ.