ހެލްތު މިނިސްޓްރީގެ ފަރާތުން މީޑިއާތަކާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހެލްތު މިނިސްޓްރީން ބާއްވާ އެކިއެކި އިވެންޓްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް މީޑިއާތަކަށް ދައުވަތުދިނުމާއި އެ އިވެންޓުތަކާ ގުޅިގެން ނޫސްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެކިއެކި މީޑިއާތަކާ މެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާތީ އެކަން ހައްލުކުރުމަށް އެ މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.
ނޫސްވެރިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސަށް ބައެއް ނޫސްތަކަށް ދައުވަތު ލިބިފައި ނުވާކަމުގެ ޝަކުވާއާއި ހެލްތު މިނިސްޓްރީގެ ވައިބާ ގްރޫޕުގައި ނޫސްވެރިން ކުރާ އެކިއެކި ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ހިމެނޭ ކަމަށްވެސް އެމްއެމްސީން ބުންޏެވެ. އަދި ކުރިން ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި އަބްދުﷲ އަމީން ހުންނެވި އިރުވެސް އެކަންކަމަށް ހައްލެއް ލިބިފައިނުވުމާއެކު އެކަމުގެ ކަންބޮޑުވުންވެސް ނޫސްވެރިން ފާހަގަކޮށްފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.
އެކަންކަމަށް ހައްލެއް ހޯދުމަށްޓަކައި ހެލްތު މިނިސްޓަރާއެކު މަޝްވަރާ ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުން އެދި އެމްއެމްސީން މިހާރު ވަނީ އެދިފައެވެ.
އެމްއެމްސީން ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުންނާއި މީޑިއާ އާއި އެހެނިހެން ފަރާތްތަކުން ކުރާ ކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުމާއި އާންމުކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެންގުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ސިޔާސީ، ނުވަތަ ގާނޫނީ، ނުވަތަ ވިޔަފާރީގެ ނުވަތަ އިގުތިސޯދީ ގޮތުން އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކަންކަން އިސްލާހުކުރުމަކީ އެ ކައުންސިލުގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެންކަމުން މީޑިއާތަކުގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެމްއެމްސީން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު