ރާއްޖޭގައި ޤުރުއާން ހިތުދަސް މީހުން ނިސްބަތުން ގިނައެކެވެ. މި ލިސްޓުގައި ގިނައީ އުމުރުން ދޮށީ މީހުން ނަމަވެސް ޤުރުއާން ހިތުދަސް ކުޑަކުދިންވެސް ރާއްޖޭގައި ގިނަ އަދަދަކަށް އެބައުޅެއެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ގދ. ތިނަދުއަށް އުފަން އުމުރުން 14 އަހަރުގެ އަލްހާފިޒް އާހިލް މުހައްމަދު ޒާހިރެވެ. ކުޑައިރުއްސުރެ ޤުރުއާނަށާއި ދީނީ ކަންކަމަށް ލޯބިކުރާ އާހިލްގެ ހިތުގައި ޤުރުއާން ހިތުދަސްކުރުމުގެ ޝައުގު އުފެދުނީ، އުމުރުން އެންމެ ހަ އަހަރުގައެވެ. އުމުރުން ހަ އަހަރުގައި އާހިލް ވަނީ އަންމާ ފޮތާއި ތަބާރަ ފޮތް ހިތުދަސްކޮށްފައެވެ.

އާހިލް "ވަން" އަށް ބުނިގޮތުގައި ހާފިޒަކަށް ވުމުގެ އަޒުމުގައި، ހާފިޒުކަމުގެ ދަތުރު އޭނާ ފެށީ އުމުރުން ނުވަ އަހަރުގަ އެވެ. އާހިލް އަކީ އެންމެ ކުޑައިރުއްސުރެވެސް ގަވައިދުން މިސްކިތަށް ގޮސް އުޅޭ ކުއްޖެއް ކަމުން ހާފިޒަކަށް ވުމުގެ ޝައުގުވެސް އުފެދިގެން އައީ މިސްކިތުގެ ތެރެއިންނެވެ. މިސްކިތުގެ އިމާމަކަށް އުޅުނު ލަންކާ ހާފިޒެއް ނަމޫނާއަކަށް ބަލައި ހާފިޒަކަށް ވުމަށް އާހިލް މަސައްކަތް ފެށީ އާއިލާގެ ފުރިހަމަ އެއްބާރުލުމާއެކު ސްކޫލު ނިންމުމުގެ ކުރިން ހާފިޒުކަމުގެ ސަނަދު ހާސިލްކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

ތިނަދޫ ކައުންސިލުން ހާފިޒުން އުފެއްދުމަށް ކުރިއަށްގެންދާ "ހިފްޒް" ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ބައިވެރިއެއް ކަމަށްވާ އާހިލް ޤުރުއާން ހިތުދަސްކުރީ އަމިއްލައަށް ކުރި ބުރަ މަސައްކަތާއި ޤުރުއާން ކްލާސްތަަކަށް ގޮސްގެން ލިބުނު އެހީތެރިކަމުންނެވެ. އެގޮތުން އުމުރުން ހަތް އަހަރުގައި އާހިލް ވަނީ، ތިނަދޫގައި ހިންގާ "އިޤްރައު" ޤުރުއާން ކްލާހަށް ވަދެ ޤުރުއާނުގެ އިލްމު އުނގެނެން ފަށާފައެވެ. އާހިލް ބުނި ގޮތުގައި ޤުރުއާން ހިތުދަސްކުރުމަށް އޭނާ ކޮންމެ ދުވަހަކުވެސް އެތައް ވަގުތެއް ޤުރުއާނާއެކު ހޭދަކުރެއެވެ. އެންމެ ގިނައިން ޤުރުއާން ކިޔަވަނީ ފަތިސް ގަޑީގައި ކަމަށް އާހިލް ބުންޏެވެ.

"ފަތިސް ނަމާދުކޮށްލައިގެން ދެ ގަޑިއިރެއްހާއިރު ޤުރުއާން ކިޔަވަން. ދެން ދެނަމާދު ދޭތެރެ (މަޣުރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދު)ވެސް ކިޔަވަން. ހުސްވަގުތެއް ލިބިއްޖެއްޔާ ޤުރުއާނުގެ މިންވަރެއް ކިޔެވޭތޯ އަބަދުވެސް ބަލަން" ޤުރުއާން ކިޔަވާ ވަގުތުތަކާ ބެހޭ ގޮތުން އާހިލް ބުންޏެވެ.

ހާފިޒްކަމުގެ ސަނަދު މިއަހަރު އާއިލްއަށް ލިބުނު ކަމުގައި ވިޔަސް އާހިލް ޤުރުއާން ހިތުދަސްކޮށް ނިންމާލިތާ މިހާރު ދޮޅު އަހަރު ވެއްޖެއެވެ. ސަނަދު ނުލިބި ލަސްވީ ކޮވިޑާ ގުޅިގެން ހާފިޒްކަމުގެ އިމްތިހާން ލަސްވުމުންނެވެ. ނަމަވެސް ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން މިއަހަރު ކުރިއަށް ގެންދިޔަ ހާފިޒްކަމުގެ އިމްތިހާނުން އެއްވަނަ ދަރަޖައިގައި އާހިލް ވަނީ ފާސްވެފައެވެ. އެއާއެކު، އާހިލްވެގެން ގޮސްފައިވަނީ، ތިނަދޫގެ އުދަރެހުން އުފެދުނު އެންމެ އަލިގަދަ ތަރިއަށެވެ. ހާފިޒްކަމުގެ ސަނަދާއެކު ތިނަދުއަށް އެރުމުން ކައުންސިލާއި އާއިލާގެ އިތުރުން ރައްޔިތުންގެ ފަރާތުން އާހިލް އަށް ކީ ހޫނު މަރުހަބާއެކެވެ.

"ވަރަށް ދުވަހުގެ މަސައްކަތް މީ. ހާފިޒަކަށް ވާން އަބަދުވެސް އުންމީދުކުރިން. ހާފިޒަކަށް ވުމަކީ އަޒުމަކާއެކު ކުރަން އުޅެފިއްޔާ ކުރެވޭނެ ކަމެއް. މުރާޖާކުރުން މުހިންމީ. ކޮންމެ ދުވަހަކުވެސް ޤުރުއާން މުރާޖާކޮށް ކިޔެވުން މުހިންމު" ހާފިޒްކަމުގެ ސަަނަދާއެކު އުފަލުން ފޮޅިފައި ހުރި އާހިލް ބުންޏެވެ.

އާންމު ދިރިއުޅުމުގައިވެސް މަޑުމައިތިރި މިޒާޖެއްގެ އާހިލްއަކީ ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. އާއިލާގެ އެންމެން ގަދަރުކުރާ ސްކޫލަށްވެސް ރަންވަނަތަކެއް ހޯދައިދީފައިވާ އެތައް ބައެއްގެ ލޯބި ހޯދައިފައިވާ ކުއްޖެކެވެ. އާހިލްގެ މަންމަ އަހުމީމާ އަބްދުލްކަރީމް "ވަން" އަށް ބުނި ގޮތުގައި އާހިލް އަކީ ކިޔެވުމަށްވެސް މޮޅު ކުއްޖެކެވެ. ބަރާބަރަށް ނަމާދު ކުރާއިރު، އެންމެ ކުޑައިރުވެސް ދީނީ ކަންކަމަށް އާހިލް ހުންނަނީ ހިތްޖެހިފައި ކަމަށް އަހުމީމާ ބުންޏެވެ.

"އުމުރުން ދެ އަހަރުގައިވެސް އާހިލް ވަރަކަށް ކިޔަމަންތެރިކަމާ އެކު ޤުރުއާމް އަޑުއަހަން އިނދޭ. އެއިރުވެސް ބަލައިގެން ބައެއް ސޫރަތްތައް ކިޔާ. އާހިލްގެ ބައްޕައާއެކު ގިނަ ވަގުތު ޤުރުއާން ކިޔެވުމާއި ދަސްކުރުމުގައި ހޭދަކުރި" އާހިލްގެ މަންމަ ބުންޏެވެ.

އަހުމީމާ ބުނި ގޮތުގައި އާހިލް ހާފިޒެއްގެ ގޮތުގައި ފެނުމަކީ މިއަދު އޭނާ އެންމެ އުފާވާ އެއް ކަންތަކެވެ. އާހިލް ހާފިޒުކަމަށް ކުރި ދަތުރުގައި މަންމަޔަކު ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް އަހުމީމާ ބުންޏެވެ.

އާހިލްގެ ހަގަށް ތިން ކުދިން ތިބޭއިރު، އާހިލްއާ ޖެހިގެން ހަގަށް ހުންނަ ނުވަ އަހަރުގެ އާލިން މުހައްމަދު ޒާހިރުގެވެސް އުންމީދަކީ ދޮންބެ ފަދައިން ހާފިޒަކަށް ވުމެވެ. އެ އަޒުމުގައި އާލިންވެސް މަސައްކަތް ކުރަމުން އަންނައިރު އޭނާ މިހާރު ވަނީ ފަސް ފޮތް ހިތު ދަސްކޮށްފައެވެ.

"އާލިންވެސް އަބަދުވެސް ބުނާނެ ތިމަންނަވެސް ބޭނުންވަނީ ދޮންބެ ފަދައިން ހާޒިފަކަށް ވާންށޭ. އިރާދަކުރެއްވިއްޔާ ދޮންބެއަށް ވުރެ އަވަހަށް ހާފިޒަކަށް ވާނަމޭ. އާލިން ބޭނުންވަނީ ގްރޭޑް ހައަކަށް ދިއުމުގެ ކުރިން ހާފިޒް ކަމުގެ ސަނަދު ހޯދަން" އާހިލް އާއި އާލިންގެ މަންމަ އަހުމީމާ ބުންޏެވެ.

ހާޒިފުކަމުގެ އިތުރުން އާހިލް ވަނީ ޤުރުއާން ކިޔެވުމުގެ ރޮނގުން ގިނަ ކާމިޔާބީތައް ރަށު ފެންވަރުން ފެށިގެން ގައުމީ ފެންވަރުގައިވެސް ހާސިލްކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރު ބޭއްވި ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ނުބަލައި ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އާހިލް ވަނީ ހޯދާފައެވެ. އޭގެ އިތުރުން ރަށު ސްކޫލުގެ މުބާރާތްތަކާއި އަތޮޅު މުބާރާތްތަކުގައިވެސް އާހިލް ވަނީ ރަންވަނަތައް ހޯދައިފައެވެ.

ރަށުގެ މިސްކިތުގައި ބައެއް ނަމާދުތައް އިމާމުވެ ކުރާ އާހިލްއަކީ ތިނަދޫގެ ރައްޔިތުން ހާއްސަ ގަދަރެއް ކުރާ ކުއްޖެކެވެ. އާހިލް ވަނީ މީގެ ކުރިން ދެ އަހަރުގެ ރަމަޟާން މަހުގައި އިމާމުވެ ތަރާވީހް ނަމާދުވެސް ކޮށްފައެވެ. އާހިލްގެ އުންމީދަކީ، ޤުރުއާނުގެ ރޮނގުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމާއިއެކު، ޑޮކްޓަރަކަށްވެ ގައުމަށް ހިދުމަތްކޮށްދިނުމެވެ. ވަން އިން އެދެނީ އާހިލްއަށް ކާމިޔާބީއެވެ!