(23 ޖެނުއަރީގެ އަދަދާ ގުޅޭ)
ދެމައިކަނބަލުން ފެންޑާގައިހުރި ދެ ގޮނޑީގައި އިށީނދެވަޑައިގެންފިއެވެ. ميـمــونـة ޖެހިގެންހުރި ކޮޓަރީގެ ދޮރު ކައިރީގައި އެދެމައިކަނބަލުންގެ ވާހަކަފުޅު އަޑުއައްސަވާން ހުންނެވިއެވެ. سعد ގެ ބޮޑުދައިތާފުޅު ކުއްލިޔަކަށް އޭނާއަށް ކޯފާވާން ފައްޓަވައިފިއެވެ. "ދަރިފުޅަކީ ބޮޑު މޮޔައެއްތަ؟ ކީއްވެގެންތަ މިހައި ގިނަދުވަހު ނައިސް ތިޔަހުރީ. ދުޝްމިނުންނާ ދެކޮޅަށް ޖިހާދުކުރުމަކީ ފަރުޟެއް. އެކަމަކު ދަރިފުޅަށް ކޮން މުސީބާތެއް ޖެހިގެންތަ، معـتـمـد އަށާއި ރަމީކިއްޔާއަށް ވަޢުޡު ބުނެދޭން ދިޔައީ؟"
"ބޮޑުދައިތާފުޅާ! އެއީވެސް ފަރުޟެއް." سعد ހިނިފުޅު ވަޑުވައިލެއްވިއެވެ.
"ދުނިޔޭގައިވާ ހުރިހައި ވާޖިބުތަކަކާއި ފަރުޟުތަކެއް އަދާކުރުން ދަރިފުޅުގެ ޒިންމާއަކަށް ހެދީ ކޮންއިރަކުތަ؟ އިޝްބީލިއްޔާގައި އެ ވާޖިބު އަދާކުރާނޭ އެހެންމީހަކު ނެތީތަ؟"
سعد ހިނިފުޅު ވަޑުވަމުން ވިދާޅުވިއެވެ. "ޤުދުރަތުން މިންވަރުކުރެއްވީ އެބާއްޖަވެރިކަން އަޅުގަނޑުގެ ނަސީބުގައި ލިޔުއްވަން."
"އެކަމަކު އެކަމުން ކުރި ފައިދާއަކީ ކޮބާ؟ މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ ބާޣީން ދަރިފުޅުގެ ތަޤުރީރުގެ ސަބަބުން އިޞްލާޙުވެއްޖެތަ؟"
"ނޫން. މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ ބާޣީން އިޞްލާޙުކުރުމަކީ އަޅުގަނޑަށް ކުރެވޭވަރުގެ ކަމެއް ނޫން. އެކަމަކު އަޅުގަނޑު ވަނީ އެބައިމީހުންގެ ހިސާބު ބެލެވޭނެ ދުވަސް މާލަހެއް ނުވާނެކަން އިޙުސާސް ކޮށްދީފައި. ދައިތާފުޅު ބައްލަވާން އިންނަވާ. އިޝްބީލިއްޔާގެ އެތަކެއްހާސް ޒުވާނުންގެ ދޫތައް އެބޭފުޅުންނާ ދެކޮޅަށް ހުޅުވޭނެ. حسن ދައިތާފުޅަކަށް ނުދަންނަވާތޯ، أحمد ގެ ކުރުކުރު ޅެމެއް އިޝްބީލިއްޔާގެ ހުރިހައި ގޭގެއެއްގެ ފާރުފާރުގައްޔާއި ދޮރޯށިތަކުގައި ހިއްޕަމުން ގެންދާ ވާހަކަ. معـتـمـد ގެ ކިއްލާތަކުގައިވެސް އެ އިޝްތިހާރުތައް ތަތްކުރަމުން އެބަގެންދޭ."
سعد ގެ ބޮޑުދައިތާފުޅު އެކަމަނާގެ ޖަވާބު ހުސްވެގެން އެންމެފަހުން ވިދާޅުވިއެވެ. ތިޔަ ތިންކުދީންނަކީވެސް ހަމަ ތިޔަ ކުދީންގެ ބައްޕަ."
"ލޯބިވާ ބޮޑުދައިތާފުޅާ! ބައްޕާފުޅާމެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އިރާދަކުރެއްވިއްޔާ ބައްޕާފުޅާމެދު މުޅި އަންދަލުސު ފަޚުރުވެރިވާނެ ދުވަސްއޮތީ މާދުރަކު ނޫން."
سعد ގެ ބޮޑުދައިތާފުޅުގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. ވާހަކަފުޅުގެ މައުޟޫޢު ބަދަލުކޮށްލެއްވުމުގެގޮތުން އޭނާ ވިދާޅުވިއެވެ. "ދަރިފުޅު ދެން ކީއްކުރަންކަމަށްތަ ތިޔަ ގަސްދުކުރަނީ؟"
"ބޮޑުދައިތާފުޅާ! އަޅުގަނޑު މިއުޅެނީ ވަރަށް ދުރުތަނަކަށް ދާން ފުރަން. މިއައީ ދައިތާފުޅަށް އެވާހަކަ ދަންނަވަން."
"ކޮންތަނަކަށް؟" ބޮޑުދައިތަ ވަރަށް ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ.
"އަޅުގަނޑު މިދަނީ އެފްރިކާއަށް."
"ނޫން! ނޫން!"
"ބޮޑުދައިތާފުޅާ! އަޅުގަނޑު މިދެންނެވީ ހަމަތެދަށް. އަޅުގަނޑު މާދަމާ ހެނދުނާ ފުރާނަން. އަޅުގަނޑު ވަރަށްގިނަ ކަންތައް ކުރާންވެފައި އެބަހުރި. ހަވީރު އަންނާނަން." سعد އެހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ.
"ޙަޤީޤަތުގައިވެސް ދަރިފުޅު އެފްރިކާއަށް ދަނީތަ؟"
"އާދެ!"
"މަންމަ އަރިހުން ހުއްދަ ހޯދައިފީމުތަ؟"
"އާދެ! މަންމަ ވަރަށް އުފާފުޅުން ހުންދަ ދެއްވައިފި."
"ކީއްކުރަންތަ ދަރިފުޅު އެފްރިކާއަށް ދަނީ؟"
"އަލްފާންސޫ ދެކުނަށް މިސުރާބު ޖެއްސެވުމުން އަޅުގަނޑުމެންނަށް އެފްރިކާގެ މުސްލިމުންގެ ފަރާތުން އެއްވެސްކަހަލަ އެހީއެއް ލިބޭނެގޮތެއް އޮތްތޯ ބަލަން. ދެން އަޅުގަނޑަށް އަމުރު ދެއްވާ!"
ބޮޑުދައިތަ ކުޑަކޮށް ފަސްޖެހިވަޑައިގެން އިންނަވައި ސުވާލު ކުރެއްވިއެވެ. "ދަރިފުޅާ سعد! ދަރިފުޅު ميـمــونـة ގެ ހާލުކޮޅުވެސް އަހައެއް ނުލަމުތަ؟"
سعد އިސްދަށަށް ޖައްސަވައިލައްވަމުން ވިދާޅުވިއެވެ. "ގެއަށްއައިސް މަންމަ އަރިހުން އަޅުގަނޑު އެންމެފުރަތަމަވެސް އޮޅުންފިލުވީ ميـمــونـة ގެ ހާލުކޮޅު. ދައިތާފުޅު ميـمــونـة އަށް ވެދުން ވިދާޅުވެދެއްވާ."
سعد ބޭރަށް ނުކުމެވަޑައިގެންނެވުމާއެކު ބޮޑުދައިތަ ވެދެވަޑައިގެންނެވީ ميـمــونـة ގެ ކޮޓަރިޔަށެވެ. އޭރު ميـمــونـة އެއްވެސް ޙަރަކާތެއްނެތި ހުއްޓުން އަރައިވަޑައިގެންފައި ހުންނެވިއެވެ. އިރުކޮޅެއްގެ ކުރީން އުފާވެރިކަން އުތުރި އަރަމުންދިޔަ ރީތިރީތި ދެލޯފުޅު ހުރީ ކަރުނަފޮދުން ފުރިފައެވެ.
"ދަރިފުޅު ފިކުރު ނުކުރައްވާ! ހަވީރު އޭނާގެ ޅިޔަންބޭބެ ގެޔަށް ވަޑައިގެން އޭނާ ހަމަޔަކަށް އަޅުއްވާނެ."
"ނޫން. ނޫން..... މަންމާ! ميـمــونـة އޭނާގެ ކަރުނަފޮދު ފޮއްސަވަމުން ވިދާޅުވިއެވެ. "އޭނާގެ ވާޖިބު އަދާކުރައްވާން ހުރަސް ނާޅުއްވާ!"
* * * * * * * * * * *
ޣަރުނާޠާގެ ފުލުހުންގެ ކޮމިޝަނަރ ރަށުގެ މޭޔަރގެ އޮފީހަށް ވަޑައިގެންފިއެވެ. އޭނާ އަދަބު އަދާކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ބައިޣާއަށްދިޔަ އަޅުގަނޑުމެންގެ ޖާސޫސުން އެނބުރި އަތުވެއްޖެ. އެބައިމީހުންވަނީ ވަރަށް މުހިންމު ޚަބަރެއް ގެނެސްފައި."
މޭޔަރ އޭނާގެ މޭޒުކޮޅުގެ ކުރިމަތީގައިހުރި ގޮނޑިޔަކަށް އިޝާރާތް ކޮށްލައްވައިފައި ވިދާޅުވިއެވެ. "އިށީނދެވަޑައިގަންނަވާ!"
ކޮމިޝަނަރ އިށީނދެވަޑައިގެންފިއެވެ. މޭޔަރ އަވަސް އަވަހަށް ދެތިން ކަރުދާހެއް ބައްލަވައިލެއްވުމަށްފަހު ކޮމިޝަނަރާ ދިމާޔަށް އެނބުރި ވަޑައިގެންފައި ވިދާޅުވިއެވެ. "އެހެންތޯ؟ އެމީހުން ގެނައި މުހިންމު ޚަބަރަކީ ކޮބައިތޯ؟"
ކޮމިޝަނަރ ބައިޣާގެ ޢިލްމުވެރީންގެ ބައްދަލުވުން ހިނގައިދިޔަގޮތް ވިދާޅުވެދެއްވައިފިއެވެ. އެއަށްފަހު އޭނާގެ ޖީބުފުޅުން ކަރުދާހެއް ނަންގަވައިފައި މޭޔަރގެ އަތްޕުޅަށް ދެއްވަމުން ވިދާޅުވިއެވެ. "މި ކަރުދާސް ބައްލަވައިލައްވާ. މިއީ سعد بــن عبـدالمـنعــم ދެއްކި ވާހަކަ. މި ކަރުދާސް ވިދާޅުވުމުން އެނގިވަޑައިގަންނަވާނެ ޣަރުނާޠާގައި މިކަހަލަ ޒުވާނުންގެ ޙަރަކާތްތައް ކިހައި ނުރައްކައުތެރި މަރުޙަލާއަކަށް ހިނގައްޖެކަން."
މޭޔަރ އެކަރުދާސް ބައްލަވައިލައްވައިފައި ސުވާލު ކުރެއްވިއެވެ. "މިއީ އިޝްބީލިއްޔާގެ މީހުންނަށް އެހީވާން ވޮލަންޓިޔަރުންގެ ގެމައެއް ގޮވައިގެންދިޔަ ޒުވާނާ ދޮގެއްތޯ؟"
"އާދެ. އޭނާ ޣަރުނާޠާއަށް އެނބުރި އައި ޚަބަރު އަޅުގަނޑަށް ލިބިއްޖެ. އަޅުގަނޑު އެދެނީ މަނިކުފާނު އޭނާ ހައްޔަރު ކުރުމުގެ އަމުރު ދެއްވުން. އަޅުގަނޑަށް ޔަގީން ޢިލްމުވެރީންގެ ވަފުދު އަންދަލުސުގައި ބުރުޖައްސަވައިފައި އެނބުރިވަޑައިގަންނަވާއިރު އެބޭކަލުންގެ މުހިންމަތު ނާކާމިޔާބު ވެއްޖެނަމަ މިބައިމީހުން އަންދަލުސުގެ ހުރިހައި ރަސްރަސްކަލުންނާ ދެކޮޅަށް ގުޅިފައިވާ ޖަމާޢަތެއް ހަދާނެ. އެ ޖަމާޢަތުގެ ވެރިކަން އޮންނަނީ މިބާވަތުގެ ނުކިއްސަރު ޒުވާނުންގެ އަތްމަތީގައި. އާއްމުން އެބައިމީހުނާ އެއްބައިވާނެކަމީ ޔަގީންކަމެއް. سعد ގެ ތަޤުރީރު އަމާޒުކުރީ އަންދަލުސުގެ ހުރިހައި ރަސްރަސްކަލުންނާ ދެކޮޅަށް. އެކަމަކު އަޅުގަނޑުމެން ޣަރުނާޠާއަކީ އެބައިމީހުންގެ ޙަރަކާތްތަކުގެ މަރުކަޒު ކަމުގައި ހަދަން ފުރުސަތު ދީފިނަމަ އެންމެފުރަތަމަ
އެ މުސީބަތާ ކުރިމަތިލާންޖެހޭނީ އަޅުގަނޑުމެންނަށް."
މޭޔަރ ވިދާޅުވިއެވެ. "މިކަހަލަ މީހުން ހައްޔަރުކުރައްވަން އަޅުގަނޑުގެ އަމުރަކަށް ބޭނުންފުޅެއް ނުވާނެ. އެންމެ ރަނގަޅުވީހީ އޭނާ މިރަށަށް އައުމާއެކު ހައްޔަރު ކުރެއްވިނަމަ."
އޭނާ އަޅުގަނޑުމެންގެ ޖާސޫސުންނަށްވުރެ ކުރީން އަތުވެއްޖެ. މި ޒުވާނާއަކީ قـاضى أبـو جـعـفـر ފަދަ ނުފޫޒުހުރި ބޭބޭފުޅުންގެ ޙިމާޔަތް ލިބިފައިވާ ކުއްޖެއް. އެހެންކަމުން އަޅުގަނޑު ބޭނުންވީ އެންމެފުރަތަވެސް މަނިކުފާނުގެ މަޝްވަރާ ހޯދަން. އޭނާ ހައްޔަރުކޮށްފިނަމަ أبـو جـعـفـر މެން ވަޑައިގަންނަވާނީ ސީދާ أميـر عبـد اللّـه ގެ އަރިހަށް. أميـر ބިރުފުޅުން ވަގުތުން އޭނާ ދޫކޮށްލާން އަންގަވާނެ. ލަދުގަންނާންޖެހޭނީ އަޅުގަނޑު."
މޭޔަރ ވިދާޅުވިއެވެ. "قـاضى أبـو جـعـفـر އާއި أميـر عبـد اللّـه އާ ދެބޭފުޅުންގެ ގުޅުން މިހާރުވަނީ ވަރަށް ގޯސްވެފައި. މިތަނުން އިޝްބީލިއްޔާއަށްދިޔަ ޒުވާނުންގެ ކަންތައް އިންތިޒާމުކުރެއްވީ أبـو جـعـفـر ކަން އެނގިވަޑައިގެންނެވީއްސުރެ أميـر عبـد اللّـه أبـو جـعـفـر އާމެދު ބައްލަވަނީ އެއްނަންބަރު ދުޝްމިނެއްކަމުގައި.
أميـر عبـد اللّـه ގެ މަންމާފުޅު أبـو جـعـفـر ޙިމާޔަތް ނުކުރައްވާނަމަ މިހާރު أبـو جـعـفـر އޮންނަވާނީ ޖަލެއްގެ އަނދިރި ގޮޅިޔެއްގައި."
"އެހެންކަމުގައިވިޔަސް ރަނގަޅުވާނީ މަނިކުފާނު ރަސްގެފާނާ ބައްދަލުކޮށްލެއްވުން. سعد ހައްޔަރުކުރުމާއެކު ރަށުގެ ޒުވާނުން ހައިޖާނެއް އުފެއްދުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންނަށް އިތުރު އިޚުތިޔާރުތައް ބޭނުންވާނެ. މަނިކުފާނަށް އެނގިވަޑައިގަންނަވާނެ. أميـر عبـد اللّـه ފިކުރުފުޅު ބޮޑުވެއްޖެނަމަ ޤައިދީންތައް ދޫކޮށްލައްވައިފައި ފުލުސް ކޮމިޝަނަރުން ޖަލަށް ލައްވައިފައިވެސް އެބަހުރި."
"ތިޔަ ވިދާޅުވީ ރަނގަޅަށް. އަޅުގަނޑު ހަމަ މިހާރު މިދަނީ ރަސްގެފާނުގެ އަރިހަށް. އަޅުގަނޑު އުންމީދުކުރަން ރަސްގެފާނު އަމުރުފުޅެއް ވަރަށް އަވަހަށް ލިޔުމެއްގެ ސިފައިގައި ކަލާގެ އަރިހަށް ދާނެކަމަށް."
* * * * * * * * * * *
سعد ޢިޝާނަމާދުން ނިމިވަޑައިގެން أحمد އާއި حسن އާއި إدريـس އާ ގޮވައިގެން ވަޑައިގެންނެވީ إليــاس ގެ ގެޔަށެވެ. އެގޭގެ ތަނަވަސް ކޮޓަރިޔެއްގައި ފަނަރަވަރަކަށް ޒުވާނުން سعد ގެ އިންތިޒާރުގައި ތިއްބެވިއެވެ. އެބޭފުޅުން ތެދުވެވަޑައިގެން އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު سعد އާ ކަރާކަރު ޖައްސަވައި ސަލާންކުރެއްވިއެވެ. سعد އެބޭފުޅުންގެ ސުވާލުތަކުގެ ޖަވާބުގައި އިޝްބީލިއްޔާގައި ކަންތައް ހިނގިގޮތުގެ ވާހަކައާއި ބައިޣާގައި ބޭއްވުނު ޢިލްމުވެރީން ބައްދަލުވެވަޑައިގެންނެވުމުގެ ޚަބަރުތައް ވިދާޅުވެދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑު މިރޭ ފަތިހު އެފްރިކާއަށް ފުރަނީ....."
ދެން ވާހަކަ ދެކެވުނީ އަންދަލުސާއި އެފްރިކާގެ އަދާހަމަ ޚަބަރުތަކާ ބެހޭގޮތުންނެވެ. އިރާކޮޅެއްގެ ފަހުން سعد އޭނާގެ އެކުވެރީންގެ އަރިހުގައި ވިދާޅުވިއެވެ. "މުރާބިޠީންގެ أميـر ގެ އަރިހަށް އަޅުގަނޑު މިދަނީ ވަރަށް މަތިވެރި އުންމީދުތަކަކާއެކު. މާތް اللّـه ގެ ހެޔޮމިންވަރުފުޅާއެކު އަޅުގަނޑުމެން ސަލާމަތްކޮށްދެއްވަން މެދުވެރިކުރައްވާ ފަރާތަކީ އޭނާ ކަމުގައި ވާނެކަމަށް އަޅުގަނޑު ދެކެން. އެކަމަކު އޭގެ މަޠުލަބަކީ ތިޔަބޭފުޅުން ހިތްޕުޅު ހަމަޖައްސަވައިގެން ދެއަތްޕުޅު އުރައިލައްވައިގެން ތިއްބެވުމެއް ނޫން. އާއްމު މުސްލިމުން ޣަފުލަތުގެ ނިދީން ހޭލައްވާން ތިޔަބޭފުޅުން ކުރައްވާ މަސައްކަތްޕުޅު ވަރުގަދަ ކުރައްވާތި. ތިޔަބޭފުޅުންގެ ވާޖިބަކީ އެއީ."
އެފްރިކާގެ ދަތުރުފުޅުގައި سعد އާ ބައިވެރިވެވަޑައިގަންނަވާން ބައެއް ބޭފުޅުން އެދިވަޑައިގެންނެވިއެވެ. ނަމަވެސް سعد ވިދާޅުވިއެވެ. "އެފްރިކާގައި ކަންހުރީ ކިހިނަކުންކަން އަޅުގަނޑަށް ރަނގަޅަށް އެނގުމުގެ ކުރިޔަކުން އެއްވެސް ބޭފުޅަކު އަޅުގަނޑާ ބައިވެރިކުރާކަށެއް އަޅުގަނޑު ގަބޫލެއް ނޫން."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު