ކޮވިޑް 19 ހުއްޓުވުމަށް ދިވެހި މީޑިއާތައް ގުޅިގެން ފެށި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުން ރާއްޖޭގެ މުޅި އާބާދީއަށް ކަހަލަ ގޮތަކަށް މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިފަދައިން ވިދާޅުވީ، ކޮވިޑް ހުއްޓުވާނީ އަހަރެން ކެމްޕޭން ނިންމާލުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ވާހަކަދައްކަވަމުންނެވެ.
ކޮވިޑާ ގުޅިގެން އެކުލަވާލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނަކަށް ހުންނަވައި، ކޮވިޑް އެންމެ ހަލުވިކަމާއެކު ފެތުރު ދުވަސްވަރު މައުލޫމާތު ފޯރުކޮށްދިނުމުގައި އަވަދިނެތި އުޅުއްވާފައިވާ މަބްރޫކް ވިދާޅުވީ، ކޮވިޑް ހުއްޓުވުމަށް މީޑިއާތައް ގުޅިގެން ކެމްޕޭނެއް ލޯންޗުކުރުން ވެގެން ދިޔައީ ވާދަވެރިކަން އެއްފަރާތްކޮށް ގައުމީ ކަންކަމުގައި މީޑިއާތަކުގެ ދައުރު ދައްކުވައިދިން ކަމަކަށް ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ކޮވިޑުގެ ނަންބަރުތައް ތިރިއަށް ޖެއްސުމުގައި މީޑިއާގެ ދައުރު ބޮޑު ކަމަށެވެ. އެގޮތުން ކޮވިޑް ހުއްޓުވާނީ އަހަރެން ކެމްޕޭންގެ ކޮންމެވެސް މިންވަރެއް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަހަލަ ގޮތަކަށް ވާސިލުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ބަލައިލިން ސްޓެޓިސްޓިކްތައް. ގާތްގަނޑަކަށް 25 ވަރަކަށް އާޓިކަލްއާ އެތައް ވީޑިއޯއެއް. މިހުރިހާ ލިޔުމަކާއި ވީޑިއޯއެއް އެބަހުރި 450،000 މީހުންނަށް ރީޗުވެފައި. މިއީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެެއް،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ކޮވިޑްގެ ދަތި ދުވަސްތައް ނިމުމަކަށް އައިސް ކޮވިޑްގެ ހަނގުރާމައަށް ނިމުމެއް އައުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ކޮވިޑް ކޮންޓްރޯލްކޮށް ނައްތާލުމަށް މިވަގުތަށް އޮތް ހައްލަކީ ވެކްސިން ޖެހުން ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ސަރުކާރުން ވެކްސިން ސެކުއާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ގައުމީ ކެމްޕޭނެއް ލޯންޗު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.