ސިފައިންގެ ސީނިއާ ހަތަރު އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ.

އެމްއެންޑީއެފުން ބުނީ، ކުރިން ކާނަލް ރޭންކުގައި ތިއްބެވި އެ ހަތަރު ސިފައިންނަށް މަގާމުގެ ކުރިއެރުން ދެއްވީ، މިއަދު އެކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ހަތަރު ސިފައިންނަށްވެސް މަގާމުގެ ކުރިއެރުން ދީފައިވަނީ ބްރިގޭޑިއާ ޖެނެރަލް ރޭންކަށެވެ.

މަގާމުގެ ކުރިއެރުން ދީފައިވަނީ ސީނިއާ އޮފިސަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ޝަރީފާއި އިސްމާއީލް ޝަރީފާއި އަބްދުﷲ ޒުހުރީ އަދި އަބްދުލް މަތީން އަހުމަދަށެވެ.

އެ ހަތަރު ސިފައިންނަށް ބްރިގޭޑިއާ ޖެނެރަލް މަގާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ހަތަރު ސިފައިންނަށް މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.