ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ތިން އަންހެން ބޭފުޅަކު ވަނީ ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޓުކޮށްފައެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޓުކުރި ތިން އަންހެން ބޭފުޅުންނަކީ ހައްވާ ޝެނީން އާއި ޑރ. ފާތިމަތު ތަހްސީނާ އިބްރާހީމް އަދި ޑރ. އައިމިނަތު ޝުމްރާއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މޭޖާގެ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ބަދަލުވި ތިން އަންހެން ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި އެމްއެންޑީއެފްގެ ރޭންކުތަކަށް ބަލާއިރު، އެއީ އެންމެ މަތިން ފެށިގެން ހަތަރުވަނަ ރޭންކު ކަމަށެވެ.

"މިއިން އެނގެނީ، ދިވެހި އަސްކަރިއްޔާގައިވެސް، އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތު އެބައޮތްކަމާއި، ސިފަވަންތަކަމުގެ ގޮތުންނާއި، ހިންގުންތެރިކަމުގެ ދާއިރާއިންވެސް، ގާބިލު އަންހެން ބޭފުޅުން އެބަ ތިއްބެވިކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ގައުމީ ހިދުމަތުގެ ކޮންމެ ދާއިރާއަކީވެސް ގިންތީގެ ތަފާތުކުރުމެއްނެތި، ގައުމުގެ ކޮންމެ ފަރުދަކަށްވެސް، ކުރިއަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާ، އަދި ޒަމާނީ ފެންވަރަށް ތަރައްގީވެފައިވާ ދާއިރާއަކަށް ހެދުމަށް ކަމަށާއި ދިވެހި އަސްކަރިއްޔާ ކުރިއަރުވައި ތަރައްގީކުރުމުގައިވެސް، އެ ސިޔާސަތަށް ވަރަށް ބޮޑަށް އިސްކަން ދީފައިވާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ސަރުކާރެއް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމު ހާސިލުކުރެއްވި ތިން ބޭކަނބަލުން ހިމެނިވަޑައިގަންނަވާތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކާނަލް ރޭންކުގައި ތިއްބެވި ސިފައިންގެ ސީނިއާ ހަތަރު އޮފިސަރަކަށް ބްރިގޭޑިއާ ޖެނެރަލް ރޭންކަށް ވެސް މަގާމުގެ ކުރިއެރުން ދެއްވާފައިވެއެވެ. ބްރިގޭޑިއާ ޖެނެރަލް ރޭންކަށް ބަދަލުކުރި އެ ހަތަރު ބޭފުޅުންނަކީ މުހައްމަދު ޝަރީފާއި އިސްމާއީލް ޝަރީފާއި އަބްދުﷲ ޒުހުރީ އަދި އަބްދުލް މަތީން އަހުމަދެވެ.