ޚަބަރު

ވޯކް ވިސާގައި މިދިޔަ އަހަރު ރާއްޖެއަށް 10،000 އަށްވުރެ ގިނަ މީހުން އެތެރެވެފައިވޭ: އިމިގްރޭޝަން

އަލީ ޔާމިން

މިދިޔަ އަހަރު ރާއްޖެއަށް ވޯކް ވިސާގައި 10،000 އަށްވުރެ ގިނަ ބިދޭސީން އެތެރެވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 658،811 މީހުން އައިސްފައިވެއެވެ. އޭގެ ތެރެއިން 555،499 މީހުންނަކީ ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އައި މީހުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއިން އެހެން ގައުމުތަކަށް 37،658 މީހުން ގޮސްފައިވެއެވެ. އަދި ވޯކް ވިސާގައި ރާއްޖެއަށް 10،317 ބިދޭސީން އެތެރެވެފައިވެއެވެ. ދެހާސް ނަވާރަވަނަ އަހަރު ވޯކް ވިސާގައި ރާއްޖެއަށް އެތެރެވީ 39،888 މީހުންނެވެ.

އިމިގްރޭޝަނުން ބުނީ އަސްލު ނޫން ޑޮކިއުމަންޓާއެކު ރާއްޖެ އެތެރެވާން އުޅުނު 26 މީހަކު މިދިޔަ އަހަރު ހުއްޓުވާފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުކުރުމަށް އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންނަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށާއި އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަމުންނެވެ. އެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ވަނީ 15،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

ރާއްޖޭގައި ދެ ލައްކައާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅޭ އިރު، އޭގެ ތެރެއިން 60،000 އަށްވުރެ ގިނަ ބިދޭސީންނަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވެއެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއްގައުމަކުން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް މީހުން ގެނެވޭނީ 100،000 އާ ހަމައަށް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކޮށްފައިވެއެވެ.