މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 40 ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އިމްޕޯޓް ކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ.

ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 359 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ދައުލަތަށް ލިބުނީ 252 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓު ދަށްވުމެއް ކަމަށްވެސް އެ ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ޔޫއޭއީ އަދި އިންޑިއާއެވެ. އެގޮތުން ޗައިނާ އަދި ޔޫއޭއީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި ތިން ގައުމު ފިޔަވައި މިދިޔަ އަހަރު ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ސިންގަޕޫރު އަދި ސްރީލަންކާއެވެ. އެގޮތުން ސިންގަޕޫރުން ނުވަ ޕަސެންޓް މުދާ ރާއްޖެ ގެނެސްފައިވާ އިރު، ސްރީލަންކާއިން ވަނީ ހަތް ޕަސެންޓް މުދާ މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ގައުމުތަކަކީ ތައިލެންޑް، ޖަރުމަނުވިލާތް، އިންޑިއާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތެވެ. އެގޮތުން ތައިލެންޑަށް 70 ޕަސެންޓުގެ މުދާ ބޭރު ކޮށްފައިވާ އިރު، ޖަރުމަނަށް ވަނީ ހަތް ޕަސެންޓު މުދާ ބޭރުކޮށްފައެވެ. ބާކީ ހުރި ގައުމުތަކަށް ބޭރުކޮށްފައިވަނީ ތިން ޕަސެންޓް މުދަލެވެ.